ރައީސް ޔާމީން ދައުލަތުގެ ވަކީލެއްގެ މައްސަލަ ކޯޓަށް ހުށަހަޅައިފި

ރައީސް ޔާމީން މައްސަލައިގާ ވަކާލާތު ކުރައްވާ ދައުލަތުގެ ވަކީލް އައިޝަތު މުހައްމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާ ކުރާ މަނީ ލޯންޑަރިން މައްސަލައިގާ ދައުލަތުގެ ފަރާތުން ވަކާލާތު ކުރައްވާ އައިޝަތު މުހައްމަދުގެ ސުލޫކީ މައްސަލައެއް ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.

އުއްތަމަ ފަނޑިޔާރު ޑރ.އަބްދުﷲ ދީދީ އަށް އެޑްރެސް ކުރައްވާ ރައީސް ޔާމީން ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައާއި ގުޅިގެން ފެބްރުއަރީ މަހު ބޭއްވި ޝަރީއަތުގައި ދައުލަތުގެ ވަކީލް އައިޝަތު އަހުމަދު އިތުރުފުޅު ހައްދަވާފައިވާ ކަމަށެވެ.

އެ ސިޓީގައި ވަނީ މި މައްސަލައިގާ ހިމެނޭ ހެކިންނަށް އެމަނިކުފާނު ރިޝްވަތު ހުށަހަޅުއްވާ ބަޔާނެއް ބަދަލުކޮށް ނުފޫޒު ފޯރުވާކަމަށް އައިޝަތު ވިދާޅުވުމަކީ އިތުރުފުޅެއް ކަމަށެވެ. އެގޮތުން އޭނާ އެހެން ވިދާޅުވި ނަމަވެސް ރައީސް ޔާމީން އެފަދަ ކަމެއް ކުރައްވަން މަސައްކަތް ކުރެއްވި ކަމުގެ ހެއްކެއް ނެތް ކަމަށް ހައި ކޯޓުން ވިދާޅުވެފައިވާކަން ރައީސް ޔާމީން ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ޔާމީން މިފަދަ މައްސަލައެއް ހުށަހެޅުއްވިއިރު މިހާރު އަމަލު ކުރަމުންދާ ޤާނޫނީ ފަންނުގެ ޤާނޫނުގެ ދަށުން ވަކީލުންނާއި މެދު ފިޔަވަޅު އެޅުމުގެ އެއްވެސް ބާރެއް ސުޕްރީމް ކޯޓަކަށް ލިބިގެނެއް ނުވެއެވެ. އެގޮތުން ޤާނޫނީ ވަކީލުންނާއި ގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި ވަނީ ބާ ކައުންސިލަށެވެ.

ރައީސް ޔާމީން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލަ އާއި ގުޅޭ ގޮތުން އެ ކޯޓުން އަދި އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...