ސިއްހީ ދާއިރާ ބޮއްސުންލީ އިރުވެސް ހެލްތް މިނިސްޓަރ އަމީން ކުރައްވާ މަސައްކަތެއް ނޭނގޭ - ޑރ.ޑީޑީ

ސިއްހީ ދާއިރާ ބޮއްސުންލީއިރު ވެސް ހެލްތް މިނިސްޓަރ އަބްދުﷲ އަމީން ކުރައްވާ މަސައްކަތެއް ނޭނގޭ ކަމަށް ވިދާޅުވެ އެމްޑީޕީގެ ކުރީގެ ރައީސް އަދި ކުރީގެ ފިޝަރީސް މިނިސްޓަރ ޑރ.އިބްރާހިމް ދީދީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.

ސަންގް ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އެމްޑީޕީގެ ރައީސްކަން ކުރެއްވި ޑރ.ޑީޑީ ވިދާޅުވީ ރާއްޖޭގެ ސިއްޚީ ނިޒާމަށް މިހާރު ކުރިމަތިވެފައިވާ މައްސަލަތައް އެނގިވަޑައިގަންނަވާ ބޭފުޅަކު އެ ވުޒާރާގެ މަތީ ފަންތީގައި ނެތް ކަމަށެވެ.

ޑރ.ޑީޑީ ވިދާޅުވީ ސިއްޚީ ދާއިރާ ހިންގެވުމުގައި ތިއްބެވި ވެރިންގެ ޒިންމާއަކީ ސިއްޚީ މަރުކަޒުތައް ހޮސްޕިޓަލްތަކަށް ބަދަލު ކުރުމުގެ އެއްބަސްވުންތަކުގައި ސޮއިކުރުމާއި އެ ދާއިރާގެ ކޮންމެވެސް މަސައްކަތެއް ކޮންމެވެސް ބަޔަކާއި ހަވާލުކުރިކަން އަންގާ އިއުލާން ކުރުން އެކަނި ނޫން ކަމަށާއި ރައްޔިތުންގެ އުއްމީދަކީވެސް އެއީ ނޫން ކަމަށެވެ.

އޭނާ ވިދާޅުވީ މިހާރު ވެސް މާލެ އާއި ހުޅުމާލޭގައި ރޯގާތައް ފެތުރެމުންދާ އިރު ސިއްޚީ މައްސަލަތައް ހައްލު ކުރުމަށް އެއްވެސް މަސައްކަތެއް ކުރެވޭތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އެގޮތުން އައިޖީއެމްއެޗްގެ އާއިމާރާތް ނުހުޅުވި ލަސްވާ މައްސަލައިގައި ސުވާލު ކުރުމުން ވެސް އެއީ އެ ބޭފުޅާއާއި ބެހޭ މައްސަލައެއް ނޫން ކަމަށް ހެލްތް މިނިސްޓަރަށް ނުދެންނެވޭނެ ކަމަށެވެ.

މީގެ އިތުރުން ސިއްޚީ ދާއިރާއިން މީހުން ބިނާކުރުމަށް ސަރުކާރުން ކުރައްވާ އެއްވެސް މަސައްކަތެއް އެނގިވަޑައި ނުގަންނަވާ ކަމަށާއި ޑޮކްޓަރުކަން ކިޔެވުމަށް ސަރުކާރުން މިފަހަރު ލޯނަށް ހުޅުވާލީ އެންމެ ތިން ފުރުސަތު ކަމަށް ޑރ.ޑީޑީ ވިދާޅުވިއެވެ. އެގޮތުން ޑޮކްޓަރުކަން ކިޔެވުމަށް ސަރުކާރުން ތިން ފުރުސަތު ދިނުމަކީ ބޮޑު ޖޯކެއް ކަމަށް ވިދާޅުވެ ޑރ.ޑީޑީ ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

އަމީން އަކީ ސިއްޚީ ދާއިރާއިން ތަޢުލީމް ހާސިލް ކުރައްވާފައިވާ ބޭފުޅަކަށް ނުވުމާއި އެ ދާއިރާގެ އެއްވެސް ތަޖުރިބާއެއް ލިބިވަޑައިގެންފައިވާ ބޭފުޅަކަށް ނުވާތީ އޭނާ އަށް މިނިސްޓަރުކަން ދެއްވުމާއެކު ގިނަ ބަޔަކު ދިޔައީ ފާޑު ކިޔަމުންނެވެ. އެހެން ނަމަވެސް މިއީ އެމްޑީޕީގެ އިސް މެންބަރަކު މިހާ ފާޅުކަން ބޮޑުގޮތެއްގައި މި ސަރުކާރުގެ ވަޒީރަކަށް ފާޑުވިދާޅުވި ފުރަތަމަ ފަހަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...