ރައީސް ޔާމީންގެ ވެރިކަމުގައި އެއްވެސް ނުފޫޒެއް ނުފޯރާ އެފަދަ ޑީލެއްވެސް ނާދޭ: ބިޝާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުވާ ކަމަށާއި އެފަދަ ގޮތަކުން އެއްވެސް ބޭފުޅަކާއެކު ޑީލެއް ވެސް ހައްދަވާފައި ނުވާ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ޖުޑީޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބިޝާމް ވިދާޅުވީ ރައީސް ޔާމީންގެ ޒައާމަތުގައި އެއްވެސް ނުފޫޒެއް ނާންނަ ކަމަށާއި އޭރުގެ ނައިބު ރައީސް އަހުމަދު އަދީބު ނުވަތަ ސަރުކާރުގެ ތެރެއިން އެހެން ބޭފުޅަކާއެކު ވެސް އެފަދަ ޑީލެއް ހައްދަވާފައި ނުވާ ކަމަށެވެ.

ބިޝާމް ވިދާޅުވީ މައްސަލަ ފޮނުވާއިރު ވަކި މީހަކަށް ވަކި ގޮތަކަށް ދައުވާ ކުރަން އަންގާފައި ނުވާނެ ކަމަށާއި ބޮޑެތި މައްސަލަތައް ޕްރޮސެކިއުޓް ޓީމުތަކާ ވެސް ހަވާލުކުރާ ކަމަށެވެ. އެގޮތުން އަދީބުގެ މައްސަލައެއް ކްރިމިނަލް ކޯޓުގައި ނެތް ނަމަވެސް ޅ. މާބިންހުރާގެ މައްސަލައިގައި ހައި ކޯޓުން ނިންމެވި ގޮތާމެދު ހިތްހަމަ ޖެހި ނުލައްވާތީ، އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވިކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރެއްގެ މައްސަލައިގެ ދައުވާއާ ގުޅޭގޮތުން ބިޝާމް ވިދާޅުވީ އެކަމުގައި ދައުވާކޮށްފައި ވާނީ އިލެކްޝަންސް ކޮމިޝަންގެ ނިންމެވުމާއި ގުޅިގެން ޕީޖީއަށް ފޮނުވި ސިޓީގައި އޮތް މައުލޫމާތުތަކަކީ އަސާސް ކަމަށް ބަލައިގެން ކަމަށެވެ.

މިދިޔަ ދައުރު ގިނަ އަދަދަކަށް ރައީސް އޮފީހަށް ވަޑައިގަންނަވާ ވާހަކަތަކާ ގުޅިގެން ބިޝާމް ވިދާޅުވީ ރައީސް އޮފީހަށް ވަޑައިގަންނަވަން ޖެހިލައްވަނީ ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލްގެ މެމްބަރެއްގެ ހައިސިއްޔަތުން އެ ކައުންސިލްގެ ބައްދަލުވުންތަކަށް ކަމަށާއި މިހާރުވެސް ހަފްތާއަކު އެއްފަހަރު ރައީސް އޮފީހަށް ވަޑައިގަންނަވާ ކަމަށެވެ.

ބިޝާމް އިތުރަށް ވިދާޅުވީ ރައީސް އޮފީހަށް ގެންގޮސް، އެއްވެސް ބޭފުޅަކާމެދު ވަކި ގޮތަކަށް ދައުވާ ކުރުމަށް އެއްވެސް ފަރާތަކުން އަންގަވާފައި ނުވާ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...