ސޮވެރިން ފަންޑަކީ ތަހުޒީބު މުޖުޠަމައެއް ބިނާ ކުރުމަށް ރައީސް ޔާމީން އުފެއްދެވި ފަންޑެއް: ސައީދު

ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަކީ ތަހުޒީބު މުޖުޠަމައެއް ބިނާ ކުރުމަށް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމު އެމަނިކުފާނުގެ ޒަޢާމަތުގައި އުފެއްދެވި ފަންޑެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިޤްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސޮވެރިން ފަންޑާ ގުޅޭ ގޮތުން ސައީދު އެހެން ވިދާޅުވީ ކުރެއްވި ޓްވީޓެއްގައެވެ.

ރާއްޖޭގެ ސޮވަރިން ޑިވެލޮޕްމަންޓް ފަންޑް (އެސްޑީއެފް) އަށް މިދިޔަ ހަފްތާއާ ހަމައަށް 570 މިލިއަން ރުފިޔާ ޖަމާ ކޮށްފައިވާ ކަމަށް ބުނެ ފިނޭންސް މިނިސްޓްރީއާ ހަވާލާދީ އޮންލައިން ނޫހެއްގައި ލިޔެފައިވާ ޚަބަރެއް ހިއްސާކުރައްވާ ސައީދު ކުރެއްވި އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ސޮވެރިން ފަންޑަކީ ދިވެހިރާއްޖޭގެ ތަރައްޤީ ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް ދިވެހި ސަރުކާރަށް އެކި ދިމަ ދިމާލުން ވާރުތަވަމުން އައި ދަރަނީގެ އަޅުވެތިކަމުން ދިވެހި ޤައުމު ސަލާމަތްކޮށް ތަހުޒީބު މުޖުޠަމައެއް ބިނާ ކުރުމަށް ރައީސް ޔާމީން އުފެއްދެވި ފަންޑެއް ކަމަށެވެ.

އަދި ދިވެހިންގެ އަތުން ބީވެގެން ގޮސްފައި އޮތް ތަރައްޤީ އަނބުރާ ދިވެހިންނަށް ހޯއްދަވައި ދެއްވުމަށް ނިމިދިޔަ ފަސް އަހަރުގެ ތެރޭގައި ރައީސް ޔާމީން ބުރަ މަސައްކަތްޕުޅުތަކެއް ކޮށްދެއްވިކަން ވެސް ސައީދު ވަނީ ފާހަގަކުރައްވާފައެވެ.

އަދި އެ ހުރިހާ ކަމަކަށްވެސް ދިވެހި ތާރީޚު ހެކިވާނެ ކަމަށާ މި ސަރުކާރުން އެކަންކަން މަތި އަޅަން ކިތަންމެ މަސައްކަތެއް ކުރިއަސް އެ ހަގީގަތް ބަދަލު ނުކުރެވޭނެ ކަމަށް އެ ޓްވީޓުގައިވަނީ ހާމަކުރައްވާފައެވެ.

ނަމަވެސް ފާއިތުވި ދުވަސްތަކުގައި ރާއްޖެ ދެކެމުން އައި ތަރައްޤީގެ ސްޕީޑަށް ހުއްޓުމެއް އައިސްފައިވާކަން ފާހަގަކުރައްވާ ސައީދުގެ ޓްވީޓުގައި އިތުރަށް ވިދާޅުވެފައިވަނީ އެކަމާ ނުހަނު ހިތާމަ ކުރައްވާ ކަމަށެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މިދިޔަ އަހަރު އުފެއްދި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި އެމަނިކުފާނު ދައުރު ނިންމަވާ ވަޑައިގެންނެވިއިރު 100 މިލިއަން ޑޮލަރަށްވުރެ ގިނަ ފައިސާ ހުރި ކަމަށް ރައީސް ޔާމީން ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...