ލީގަލް ޓްރީޓީގެ ސަބަބުން އެންމެ ކަންބޮޑުވާން ޖެހޭ ބަޔަކީ ދިވެހި ވިޔަފާރިވެރިން: މުންދު

- ކޮންގްރެސް ޕާޓީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު.

އިންޑިޔާ އާއި ރާއްޖެ އާ ދެމެދު ވެވޭ މިއުޗަލް ލީގަލް އެސިސްޓެންސް ޓްރީޓީ އާއި ގުޅިގެން އެންމެ ބޮޑަށް ކަންބޮޑު ވާން ޖެހޭނީ ދިވެހި ވިޔަފާރިވެރިން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވެއްޖެއެވެ.

ޗެނެލް 13 ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ، ޓްރީޓީ އޭގެ އަސްލާ އެއްގޮތަށް އޮންނަ ނަމަ އެއީ އެއްވެސް މައްސަލައެއް ނޫން ކަމަށް. ނަމަވެސް ޓްރީޓީގައި މައްސަލައަކަށް ވެފައި އޮތީ މީގެ ތެރެއަށް އެމްޑީޕީގެ ވިސްނުން ވަދެފައި އޮތުން ކަމަށް މުންދު ވިދާޅުވިއެވެ.

މުންދު ވިދާޅުވީ ދިވެހިރާއްޖެ އާއި އެހެން ޤައުމުތަކާ ހެދިފައި ހުރި އެކި އެއްބަސްވުންތަކާއި އަދި އިންޑިޔާއިންވެސް އެހެން ޤައުމުތަކާ އެކު ހަދާފައިވާ ޓްރީޓީ އެއްބަސްވުންތަކަށް ބަލާލުމުން އެކަން ހާމަވެގެން ދާނެ ކަމަށެވެ.

އިންޑިޔާއާ ރާއްޖެ އާއި ދެމެދު ވެވޭ އެ އެއްބަސްވުމުގެ ސަބަަބުން އަސަރު ކުރާނީ ހަމައެކަނި ރާއްޖޭގެ ސިޔާސީ ބޭފުޅުންނަށް އެކަނި ނޫން ކަމަށާ އޭގެ ސަބަބުން އެންމެ ބޮޑަށް އަސަރު ކުރާނީ އަދި އެންމެ ބޮޑު ބިރެއް އޮތީ ވެސް ދިވެހި ވިޔަފާރިވެރިންނަށް ކަމަށް މުންދު ވިދާޅުވިއެވެ.

ލީގަލް މިއުޗަލް އެސިސްޓަންސް ޓްރީޓީގެ މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީއަކީ ދެ ޤައުމުގެ ދެމެދުގައި ނޫނީ އެޔަށްވުރެ ގިނަ ޤައުމުތަކެއްގެ މެދުގައި ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ހަވާލު ކުރުމާ އަދި އެމީހުންނާ ގުޅޭ މައުލޫމާތުތައް ބަދަލުކުރެވި އެމީހަކާމެދު އެ އެއްބަސްވުން ހެދިފައިވާ ޤައުމުގައި ޝަރީއަތް ހިންގާ ހުކުމް އިއްވުމުގެ ބާރު ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

އެގޮތުން ރާއްޖެއިން މިވަނީ އިންޑިއާއި ދިވެހިން ހަވާލުކުރުމުށް އެއްބާރުލުން ދިނުމަށް އިންޑިއާއެކު އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ތައްޔާރުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުންވަނީ އެކަމަށް ރުހުންވެސް ދީފައެވެ.

ނަމަވެސް މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައެއް މެމްބަރުން އެކަމާ ދެކޮޅު ހައްދަވާފައިވެއެވެ. އިންޑިޔާއާ ދިވެހިރާއްޖެއާ ދެމެދު ވެވޭ އެ އެއްބަސްވުމަކީ ދިވެހިރާއްޖެ ނުރައްކަލަކަށް ހުށަހެޅިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ޤާނޫނީ ބޭފުޅުން ގެންދަވަނީ ސިފަކުރައްވަމުންނެވެ.

އެގޮތުން އެ އެއްބަސްވުމުގައި ހުރި ބައެއް ކަންބޮޑުވުންތަކަށް ބަލާއިރު، ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ހަވާލު ކުރުމުގެ އިތުރުން އިންޑިއާ އިން އެދިއްޖެ ހާލަތެއްގައި އެމީހަކާއި ގުޅުންހުރި ލިޔެކިޔުންތައް ވެސް ފޯރުކޮށްދޭން ޖެހެއެވެ.

މި އެއްބަސްވުން ބުނާ ގޮތުން އިންޑިއާ އިން އެގައުމާއި ހަވާލު ކުރަން އެދޭ މީހަކު ކޮށްފައިވާ ކަމަށް އިންޑިއާ އިން ބުނާ ކުށަކީ ކޮންމެހެން ރާއްޖޭގައި ކުށަކަށް ވާކަށް ނުޖެހެއެވެ. އެމީހަކު ހުރީ ރާއްޖޭގައި ކަމަށް ވީނަމަވެސް އޭނާ ކުރީ ކުށެއް ކަމަށް ކަނޑައަޅާނީ އިންޑިއާގެ ޤާނޫނުތަކަށް ބަލައިގެންނެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނާއި އަދި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ވެސް އިންޑިއާ ސަރުކާރުން އެދޭ ކޮންމެ ހާލަތެއްގައި އިންޑިއާ ސަރުކާރާއި ހަވާލުކޮށް، އިންޑިއާގައި އެމީހުންގެ މައްޗަށް ޝަރީޢަތްކޮށް، ޙުކުމް ކުރުމުގެ ބާރު ލިބޭނެއެވެ.

އަދި ދެ ގައުމުން ކުރެ ގައުމަކުން ބޭންކެއްގެ ސިއްރު މައުލޫމަތު ހިއްސާކުރުމަށް އެދިއްޖެނަމަ އެ މައުލޫމަތު ދޭންޖެހޭނެ އެއްބަސްވުމުގެ ހަތަރުވަނަ މާއްދާގެ ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އިންޑިއާއިން ކުށެއްގެ ތުހުމަތު ކުރާ މީހަކު ރާއްޖޭގައި އިންވެސްޓްކުރާ ފައިސާއާއި ބޭންކުތަކުގައި ހުންނަ އެމީހެއްގެ މައުލޫމާތާއި އޭނާގެ އިންވެސްޓްމެންޓްތައް ހިފެހެއްޓުމުގެ ބާރުވެސް މިއެއްބަސްވުމުގެ ދަށުން އިންޑިއާއަށް ލިބިގެންދާނެއެވެ.

އެހެން ކަމުން މުންދު އެ ފާހަގަކުރެއްވި ފަދައިން މި ކަމަކީ މިއަދު ދިވެހި ޤައުމުގެ ވިޔަފާރިވެރިން ވަރަށް ބޮޑަށް ވިސްނަން ވެއްޖެ ކަމެކެވެ. އަދި މިކަމުގެ ސަބަބުން އެންމެ ބިރު ބޮޑީ ދިވެހި ވިޔަފާރިވެރިންނަށްކަން މިދަނީ ހާމަވަމުންނެވެ.

ނަމަވެސް މުސްކުޅިން ބުނެ އުޅޭ ފަދައިން ބެނދޭ މަޅި ނުފެންނަ އުޞޫލުން މިއަދު ދިވެހި ވިޔަފާރިވެރިން މިތިބީ މިކަމާމެދު ލޯ ހުޅުވާނުލައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...