އުމަރު ބާއްވަން އުޅުނު ހަފުލާ އަނެއްކާވެސް ފަސްކޮށްފި

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމުގެ ކާމިޔާބީ ފާހަގަ ކުރުމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު މިރޭ ބާއްވަން އުޅުނު ހަފުލާ އަނެއްކާވެސް ފަސްކޮށްފިއެވެ.

މި އެއްވުން ބާއްވަން އުމަރު މައްސަކަތް ކުރުމުން ކާނިވާ ސަރަހައްދުގައި މަގުމަތީ ބާޒާރު ކުރިއަށްދާތީ އެ ސަރަހައްދު ދެވެން ނެތް ކަމަށް ޕްލޭނިންގް މިނިސްޓްރީން ކުރިން ވަނީ އަންގާފައެވެ. ނަމަވެސް މިދިޔަ ހަފްތާގައި ޕްލޭނިންގް މިނިސްޓްރީން މިރޭ އެއްވުން ބޭއްވުމުގެ ހުއްދަ ދީފައެވެ.

އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ މިރޭ އެއްވުން ބޭއްވުމަށް މައްސަކަތް ކުރިނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މިމަހުގެ 25 ވަނަ ދުވަހަށް އެއްވުން ފަސްކޮށްފައިވާ ކަމަށެވެ.

ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިނުމުގައި އިސްކޮށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ މާލެ ގެނެސް ކަރެކްޝަނަލް ސާވިސް އާއި ހަވާލުކޮށްފަ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ޙުކުމުގެ މުއްދަތު މިހާރު ދަނީ ގުނަމުންނެވެ. ލުތުފީގެ 25 އަހަރުގެ ޖަލު ޙުކުމުގެ ތެރެއިން މިހާރު ބާކީ އޮތީ ހަތަރު އަހަރާއި ދުވަސްކޮޅެކެވެ.

ލުތުފީ ރާއްޖެ ގެނައުމަށް ސަރުކާރަށް މަޖުބޫރުވީ ލުޠުފީ ފިލުވައިގެން ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ސަރުކާރުން ގެންގުޅެނިކޮށް އެކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ފަޅާއަރުވާލި ހިސާބުންނެވެ. އެހެން ނަމަވެސް ސަރުކާރުން ލުތުފީ ރާއްޖެ ގެނެސްފައި ވަނީ ދެން އިތުރު އެހެން ގޮތެއް ނެތި ގޮތް ހުސްވުމުންނެވެ.

ލުތުފީއަށް ސަރުކާރުން ހިމާޔަތްދޭ ކަން ފޮރުވުމަށްޓަކައި ދައުލަތް ހިންގުމުގައި އެއްމެ އިސްކޮށް ތިއްބެވި ބޭފުޅުން ދެއްކެވި ވާހަކަފުޅު ދިމާނުވެ ސަރުކާރުން ވަނީ ވަރަށް ގިނަ ދޮގުތައް ހައްދަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...