ހަރަމައިން ހައްޖު ގްރޫޕުގެ މީހުން ފުލުހަށް ހާޒިރުކޮށް ބަޔާން ނަގަން ފަށައިފި

ހައްޖަށް ގެންދިއުމުގައި، އަލް ހަރަމައިން ހައްޖު ގްރޫޕަށް ހުއްދަ ދީފައިވާ ވަރަށް ވުރެ އިތުރަށް ފައިސާ ނެގި މައްސަލާގައި އެ ޖަމާއަތުގެ މީހުން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ބަޔާން ނަގަން ފަށައިފިއެވެ.

ދާދިފަހުން މީސްމީޑިއާއިގައި ވަނީ އަލްހަރަމައިން ނަމަކަށް ކިޔާ ހައްޖު ޖަމާއަތަކުން ހައްޖުވެރިންގެ އަތުން އެއްލައްކަ ރުފިޔާ ނަގާތީ އެ ޖަމާއަތުގެ އޮފީހުގައި ބަޔަކު ކަންބޮޑުވުން ފާޅުކުރާ ވީޑިއޯއެއްވެސް ލީކްވެފައެވެ.

އަދި މި ވީޑިއޯ އާންމުވެ އެތައް ބަޔަކު އެކަމަށް ފާޑުކިޔާ ކަންބޮޑުވުން ފާޅު ކުރަން ފެށުމާއި އެކު އިސްލާމިކް މިނިސްޓްރީގެ ފަރާތުން ވަނީ އެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ. ސޯޝަލް މީޑިއާގައި ދައުރުވާ އެ ވީޑިއޯގައި ނަގަންޖެހޭ އަގަށްވުރެ ގިނައިން ފައިސާ ނަގާފައިވާތީ އެކަމާއި މެދު ހިތްހަމަ ނުޖެހިގެން އަންހެނުންތަކެއް ވާހަކަދައްކާ މަންޒަރު ފެނިގެންދެއެވެ.

އެ ވީޑިއޯއިން އަލްހަރަމައިިންގެ ފަރާތުން ވާހަކަ ދައްކަން އިނީ ޕީއެސްއެމްގެ އެކްޓިން ޑިރެކްޓަރ އޮފް ނިއުސް މުހައްމަދު އަފްޒަލްއެވެ. އެނގިފައިވާ ގޮތުގައި އޭނާއަކީ އެ ޖަމާއަތާއި އެކު ވަރަށް ގިނައިން ހައްޖުގެ އަޅުކަން އަދާކުރަންދާ މީހެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެ މައްސަލާގައި އެ ޖަމާއަތުގެ މީހުން ފުލުހަށް ހާޒިރުކޮށް ތަހުގީގުކުރަމުން އަންނަ ކަމަށާއި މި މައްސަލައިގެ އިތުރު ތަފްސީލެއް ދެވެން ނެތްކަމަށެވެ.

އެ ގުރޫޕަށް އިސްލާމިކް މިނިސްޓްރީން ހުއްދަ ދީފައިވަނީ އެ ޖަމާއަތުން ހުށަހެޅި ޕްރޮޕޯސަލްގައިވާ ގޮތަށް ކޮންމެ ހައްޖާޖީއެއްގެ އަތުން ފަސްދޮޅަސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ފަސް ރުފިޔާ ނެގުމަށެވެ. ނަމަވެސް އެ ޖަމާއަތުން އެއްލައްކަ ރުފިޔާ ނަގާ ކަމަށް ފައިސާ ދެއްކި ބައެއް މީހުން އަންނަނީ ބުނަމުންނެވެ.

ހައްޖުގެ މަތިވެރި އަޅުކަމުގެ ތެރެއިންވެސް ކަޅު ފައިސާ ހިތުހުރިގޮތަކަށް ރައްޔިތުންއަތުން ނަގަމުންދާއިރުވެސް އަދުގެ ސަރުކާރު ހިމޭން ކަމުގައި އޮންނާތީ ގިނަ ރައްޔިތުން އަންނަނީ އިސްލާމިކް މިނިސްޓްރީއަށާއި ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކުރަމުންނެވެ.

އެގޮތުން ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ދެއްވާނެ ކަމަށް ވައުދުވި ސަރުކާރު ކުރު މުއްދަތެއްގެ ތެރޭގައި ރައްޔިތުންގެ ކުރިމަތީގައި ފެއިލް ވެފައިވާ ކަމަށް އެ ރައްޔިތުން އަންނަނީ ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...