ގަލްފު ސަރަހައްދުން އެމެރިކާ އާއި އިނގިރޭސިން ދިއުމަށް އަންގައި އީރާނުން އިންޒާރުދީފި

އީރާނުގެ ރައީސް ހަސަން ރޫހާނީ

ގަލްފު ސަރަހައްދުން އެމެރިކާ އާއި އިނގިރޭސިން ދިއުމަށް އަންގައި އީރާނުން އިންޒާރުދީފިއެވެ.

އީރާނުގެ ރަސްމީ ނޫސް އެޖެންސީން ބުނެފައިވަނީ އެސަރަހައްދުގައިވާ ގައުމުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ކެރިކުޅަދާނަކަން އީރާނަށް ލިބިގެންވާކަމަށެވެ. އެހެންކަމުން ތަފާތު ބަހަނާތައް ދައްކައިގެން އެސަރަހައްދުގައި ހުޅަނގުގެ ބާރުތައް ދެމިތިބުމަޖީ ބަލައި ގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އީރާނުން މިހެން ގޮވާލާފައި މިވަނީ މެދުތެރޭކަނޑުގެ އަނގަމަތިން އީރާނުގެ ތެޔޮ ޓޭންކަރެއް އިނގިރޭސި ސިފައިން ފޭރިގަތުމާގުޅިގެންނެވެ. އޭގެ ބަދަލެއްގެ ގޮތުން އިނގިރޭސީންގެ ޓޭންކަރެއް ފޭރިގަންނާނޭ ކަމަށް ވެސް އީރާނުން ވަނީ ބުނެފައެވެ.

ގަލްފު ކަނޑުން ދަތުރުކުރި އިނގިރޭސި ޓޭންކަރެއް ފޭރިގަތުމަށް އީރާނުން އިއްޔެ މަސައްކަތް ކުރިކަމަށާއި އެކަމަކު އެދޭތެރެއަށް އިނގިރޭސި ހަނގުރާމަމަތީ ބޮޑު މަނަވަރެއް ވަދެގެން އެކަން އީރާނަށް ނުކުރެވުނީ ކަމަށް އިނގިރޭސި ދިފާއީ ވުޒާރާއިން ވަނީ ބުނެފައެވެ.

އެހެންނަމަވެސް އީރާނުން ވަނީ އެކަން ދޮގުކޮށްފައެވެ. އީރާނުގެ ޚާރިޖިއްޔާގެ ތަރުޖަމާނު ވިދާޅުވީ ކަނޑުފޭރެވުނު އީރާނުގެ ޓޭންކަރު ވަގުތުން ދޫކޮށްލަން ޖެހޭނެ ކަމަށާއި އެމެރިކާއާ ބައިވެރިވެގެން އިނގިރޭސިން ކުޅެން ދިމާކުރީ ނުރައްކާތެރި ކުޅިވަރެއް ކަމުގައެވެ.

އޭގެ ނަތީޖާ އިނގިރޭސިވިލާތަށް ވަރަށް ހިތިވާނޭ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ސީރިއާ އަށް ތެޔޮ ގެންދަނިކޮށް މެދުތެރޭ ކަނޑުގެ އަނގަމަތިން އީރާނުގެ ތެޔޮ ޓޭންކަރެއް އިނގިރޭސި ސިފައިން ހިފެހެއްޓުމަކީ ވަރަށް މޮޔަ އަމަލެއް ކަމަށް އީރާނުގެ ރައީސް ހަސަން ރޫހާނީވަނީ ވިދާޅުވެފައެވެ.

އިނގިރޭސިވިލާތުން ވަނީ ތެޔޮ ޓޭންކަރު ސީރިއާ އަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން ދީފިނަމަ ތެޔޮ ޓޭންކަރު ދޫކޮށްލާނެ ކަމުގެ ޔަގީންކަން ދީފައެވެ. ނަމަވެސް ކޮންމެ ހާލަތެއް ކުރިމަތި ކުރުވި ނަމަވެސް އީރާނުން ބޭނުން ތަނަކަށް ތެޔޮ ގެންދިއުމުގެ ޙައްޤު އީރާނަށް އެގައުމަށް އޮންނާނެ ކަމަށް އީރާނުން ވަނީ ބުނެފައެވެ.

އީރާންގެ ތެޔޮ ޓޭންކަރު ހިފެހެއްޓުމާއި ގުޅިގެން ހޮރްމޫޒް ކަނޑު އޮޅީގައި ކުރިމަތިލުމެއް ހިނގާފާނެ ކަމުގެ ބިރު ބޮޑުވެފައިވާ ކަމަށް މުރާސިލުންދަނީ ބުނަމުންނެވެ. އަދި އެކަމުގެ ސަބަބުން ތެލުގެ އަގު ނުއުފުލޭ ވަރަށް މައްޗަށް ގޮސްދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...