ގައުމުން ބޭރަށް ނުދެވޭ ގޮތަށް އަދީބު މިނިވަންވެއްޖެ

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް އަބުދުލް ޣަފޫރުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ހުކުމް ތަންފީޒުކޮށް ނިމިފައިވާތީ އޭނާ މިނިވަންވެއްޖެއެވެ.

އަދީބުގެ މައްޗަށް 33 އަހަރުގެ ޖަލު ހުކުމެއް އިއްވި ނަމަވެސް އެ ހުރިހާ ހުކުމްތަކެއް މި ސަރުކާރު އައި ފަހުން ކޯޓުން ވަނީ ބާތިލްކޮށްފައެވެ. ނަމަވެސް އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން އަމުރުކޮށްފައި ވާތީ އޭނާއަށް ރަށުން ބޭރަށް ވަޑައެއް ނުގެންނެވޭނެއެވެ.

އަދީބުގެ މައްޗަށް ގޭބަންދުގެ ހުކުމެއް ިއއްވާފައި ވަނީ ރިޔާސީ ލޯންޗްކޮޅުގައި އެއްޗެއް ގޮއްވާލި މައްސަލައިގެ ޝަރީއަތުގެ މަޖިލީހުގައި ކޯޓުގެ ހުރުމަތް ކަނޑާލުމާ ގުޅިގެންނެވެ. މިދިޔަ މަހުގެ ތެރޭގައި އިންޑިއާ އަށް ވަޑައިގަތުމުގެ ހުއްދަ އޭނާ އަށް ދިނީ އެ ހުކުމް ތަންފީޒުކުރަމުން ދަނިކޮށެވެ.

ބޭސްފަރުވާއަށްފަހު އަދީބު ރާއްޖެ ވަޑައިގެންނެވީ މި މަހުގެ 06 ވަނަ ދުވަހުއެވެ. އަދި އަދި ކޯޓުގެ ހުރުމަތްކެނޑި މައްސަލައިގައި އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމް ވަނީ ފުރިހަމަ ކުރައްވާފައެވެ. ކަރެކްޝަނަލް ސާރވިސް އިން ވަނީ އެކަން ކަށަވަރުކޮށްދެއްވާފައެވެ.

އެމްއެމްޕީއާރުސީގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި ގުޅިގެން އަދީބުގެ މައްޗަށް ތުހުމަތުކުރާ ޚިޔާނާތުގެ މައްސަލަ ވެސް ހިމެނޭ ގޮތުން، ދެ މައްސަލައެއް އަލުން ބަލަން ހައި ކޯޓުން އެންގި ނަމަވެސް ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތައް މިހާރު ހުރި ގޮތަށް އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ކަނޑައަޅައި، އަނބުރާ ފޮނުވާލާފައެވެ.

އެކަމަކު، ޚިޔާނާތުގެ ކުށުގައި އިއްވި ޖަލު ހުކުމް ބާތިލްކޮށް، އަލުން ބަލަން ހައި ކޯޓުން އެންގި މައްސަލަ އިސްތިއުނާފް ކުރުމަށް ދައުލަތުން ވަނީ ސުޕްރީމް ކޯޓަށް ހުށަހަޅާފައެވެ. ނަމަވެސް، މިފަހުން ސުޕްރީމް ކޯޓުން ވަނީ އަދީބަށް ރާއްޖެއިން ފުރައިގެން ނުދެވޭނެ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުނެރެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...