އަހަރީ ފީ ނުދައްކާ 1،597 ކުންފުންޏެއް އުވާލަން އިއުލާނުކޮށްފި

އަހަރީ ފީ ނުދައްކާ 1،597 ކުންފުންޏެއް އުވާލާނެކަން އިކޮނޮމިކް މިނިސްޓްރީ އިން އިއުލާނުކޮށްފިއެވެ.

މި ކުންފުނިތައް އުވާލަން ނިންމާފައި ވަނީ ރަޖިސްޓްރާ އޮފް ކޮމްޕެނީސް ކަނޑައަޅައި އުވާލުމަށް އަމަލު ކުރާނެ ގޮތުގެ ދެވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތިންނެވެ. އެގޮތުން އަހަރީ ފީ ނުދައްކާ ކުންފުނިތައް އުވާލަން ރަޖިސްޓްރާ އޮފް ކޮމްޕެނީސް އަށް ލާޒިމް ވެއެވެ.

އުވާލަން އިއުލާނުކޮށްފައިވާ ލިސްޓުގައި ހިމެނެނީ 2002 ވަނަ އަހަރާއި 2006 ގެ ނިޔަލަށް ރަޖިސްޓްރީކޮށްފައިވާ ކުންފުނިތަކެވެ.

އިކޮނޮމިކް މިނިސްޓްރީ އިން ވިދާޅުވީ މިހާރު އަމަލު ކުރާ އުސޫލުގެ ދަށުން ހަރަކާތްތެރި ނޫން ކުންފުނިތައް އުވާލެވޭނެ މައިގަނޑު ހަތަރު ހާލަތެއް އޮންނަ ކަމަށާއި އެއީ މިހާރު އޮންނަ ގޮތުން އުނދަގޫ ކަމެއް ނޫން ކަމަށެވެ.

އުވާލަން އިއުލާނު ކޮށްފައިވާ ކުންފުނިތަކުގެ ލިސްޓުގައި ހިމެނޭ އެއްވެސް ކުންފުންޏެއް އަލުން ހިންގަން ބޭނުންނަމަ ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުމަށްފަހު އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ކުރިން އެ ވުޒާރާއަށް ހުށަހެޅުމަށް އިކޮނޮމިކް މިނިސްޓްރީ އިން އެދިލައްވައެވެ.

އިކޮނޮމިކް މިނިސްޓްރީ އިން އެންމެ ފަހުން އުވާލަން އިއުލާނު ކުރި ލިސްޓުގައި 523 ކުންފުނި ހިމެނެއެވެ. އެ ލިސްޓުގައި އުފެއްދިތާ 30 އަހަރުވީ ކުންފުނިތައް ވެސް ހިމެނެއެވެ.

މިހާރު އުވާލަން އިއުލާނުކޮށްފައިވާ ހަރަކާތްތެރި ނޫން ކުންފުނިތަކުގެ ތެރޭގައި 1979 އަހަރުން ފެށިގެން 2000 ވަނަ އަހަރާ ދެމެދު އުފައްދާފައިވާ ކުންފުނިތައް ހިމެނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...