ފެނަކަ އެމްޑީ ސައީދުގެ ޖަވާބެއް ނުލިބި ލަސްވާތީ ކުރީގެ އެމްޑީ އަނެއްކާވެސް ބަހުގެ ހަމަލާއެއްދީފި

ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް.

ފެނަކަ ކޯޕަރޭޝަނުން، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރުން ކަމަށްވާ އަބްދުލްރަހީމް އަބްދުﷲ އާއި ރިޔާޒް ރަޝީދުގެ ހިއްސާ އޮންނަ ކުންފުނިތަކުން ތިން ގުނަ ބޮޑުކޮށް ތެޔޮ ގަނެފައި ނުވާނެ ކަމަށް ވިދާޅުވެ، ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ނިމާލް ދެއްކެވި ވާހަކަފުޅާއި ގުޅިގެން 24 ގަޑިއިރު ވީއިރު ވެސް ފެކަނަ ކޯޕަރޭޝަނުންނާއި އެކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަހްމަދު ސައީދު އެއްވެސް އެއްޗެއް ވިދާޅުނުވުމުން ނިމާލް އަނެއްކާވެސް ބަހުގެ ހަމަލާތަކެއް ސައީދަށް އަމާޒުކުރައްވައިފިއެވެ.

ނިމާލް ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާގެ ޕޯސްޓަށް 24 ގަޑިއިރު ވެގެން ދިޔައިރު ވެސް ފެނަކަ އިން އެކަމާއި ގުޅިގެން ނޫސްބަޔާނެއް ވެސް ނެރުއްވާފައި ނުވާތީ ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ.

އެ ޕޯސްޓުގައި އިތުރަށް ވިދާޅުވެފައިވަނީ އަހްމަދު ސައީދު ހެއްދެވީ ތެދުކަން ރައްޔިތުންނަށް ހާމަކޮށްދިނުމަށް ގޮވާލާފައިވެއެވެ. އަދި ފެނަކައަކީ އޭނާގެ ދަރިއެއް ކަމަށާ ފެނަކައިގެ ފައުންޑޭޝަން އަޅާދެއްވީ އޭނާ ކަމަށްވެސް ނިމާލުގެ ޕޯސްޓުގައިވެއެވެ.

އަދި އެ ތާރީޚެއް ފެނަކަ އޮތްހާ ހިނދަކު ބަދަލެއް ނުވާނެކަމަށްވެސް ވިދާޅުވެފައިވެއެވެ. ރައްޔިތުންނަށް ދެން ފެނަކަ އާއި ބެހޭ ގޮތުން އޮޅުވާލުމަށް ފުރުސަތެއް ނުދޭނެ ވާހަކަ ދަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

ފެނަކައިގެ އެސެޓު ރަޖިސްޓްރީއެއް ނެތް ކަމަށް އެކުންފުނީގެ އެމްޑީ ސައީދު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީގައި ވިދާޅުވެފައި ވާތީ އެކަމަށް ވެސް ނިމާލް ވަނީ ރައްދު ދެއްވާފައެވެ. ނިމާލް ވިދާޅުވީ އޭނާ ހުންނެވި ދުވަސްވަރު ކުންފުނީގެ ހަރުމުދާތަކުގައި ކޯޑް ނަމްބަރެއް ދީގެން ބަލަހައްޓަމުން ގެންދިޔަ ފިކްސް އެސެޓް ރެޖިސްޓްރީ ގެނެސްދެއްވުމަށް ކުންފުނީގެ ފައިނޭންސް ޑިޕާޓްމެންޓްގައި މަސައްކަތް ކުރައްވާ މުވައްޒަފުންނަށް ދެންނެވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

ނިމާލް ވިދާޅުވީ ފެނަކަ އަށް ފުރަތަމަ ވަޑައިގެން އެކުންފުނީގައި ފިކްސްޑް އެސެޓް ރެޖިސްޓްރީއެއް އޮންނަން ޖެހޭނެކަން މުވައްޒަފުންނަށް އެންގެވީ ވެސް އޭނާ ކަމަށެވެ. ނިމާލް މިއަދު ވެސް ވަނީ ރައީސް ޔާމީންގެ 24 ގަޑިއިރު ކަރަންޓް ޔަގީން ކަމުގެ ޚިދުމަތް ހުއްޓުނަ ނުދީ ކުރިއަށް ގެންގޮސް ދެއްވުމަށް އެދިވަޑައިގެންފައެވެ.

ފާއިތުވި ހައެއްކަ މަސް ދުވަސް ތެރޭގައި ގިނަ ރަށްރަށުގެ ކަރަންޓްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން އެތައް އިރެއް ވަންދެން ކަރަންޓް ކެނޑިފައި އޮންނަ މައްސަލަ ދިމާވުން ވަނީ އާއްމު ކަމަކަށް ވެފައެވެ.

އެކަމާ ގުޅިގެން ރައްޔިތުން ބުނަމުންދަނީ ރައީސް ޔާމީން ޔަޤީންކޮށްދެއްވި ސައުވިސް ގަޑިއިރުގެ ކަރަންޓު މި ސަރުކާރުން ރައްޔިތުން އަތުން ފޭރިގެންފައިވާ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...