ހުއްދަ ލިބިފައިވާ ވަކީލަކު ވަކާލާތުކުރަން އިތުރު ހުއްދައެއް ހޯދާކަށް ނުޖެހޭނެ: ޞިއްދީގު

- ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކައުންސިލު މެމްބަރު ޤަނޫނީ ވަކީލު އަލްއުސްތާޛު އަހުމަދު ޞިއްދީގު.

ހުއްދަ ލިބިފައިވާ ވަކީލަކު ކޯޓުގައި ވަކާލާތުކުރަން އިތުރު ހުއްދައެއް ހޯދާކަށް، އަދި ޓްރެއިނިންއެއްވެސް ހަދާކަށް ނުޖެހޭނެ ކަމަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ކައުންސިލު މެމްބަރު ޤަނޫނީ ވަކީލު އަލްއުސްތާޛު އަހުމަދު ޞިއްދީގު ވިދާޅުވެއްޖެއެވެ.

ޞިއްދީގު މިހެން ވިދާޅުވީ އޭނާ ކުރެއްވި ޓްވީޓެއްގައެވެ. ސުޕްރީމް ކޯޓުން މީގެކުރިން އަމަލު ކުރަމުންދިޔަ ގޮތުން ވަކީލު ކަމުގެ ހުއްދަ ދިނުމަށްފަހު ޖުޑިޝަރީ އެކަޑެމީއިން ހިންގާ ޓްރެއިނެއް ފުރިހަމަ ކުރަން ޖެހެއެވެ.

ޓްރެއިނީ ވަކީލެއްގެ ގޮތުގައި އެއް އަހަރު އެ ޓްރެއިނިން ފުރިހަމަ ކުރަން ޖެހޭއިރު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބެނީ އޭގެ ފަހުގައެވެ. ނަމަވެސް މިހާރު އަމަލުކުރަން ފަށާފައިވާ ބާ ކައުންސިލްގެ ގާނޫނާއެކު މިކަން ވަނީ އުވިގެން ގޮސްފައެވެ.

އާ ގާނޫނުގައިވާ ގޮތުން ދެން ވަކީލު ކަމުގެ ހުއްދަ ދޫކުރަނީ ބާ ކައުންސިލުންނެވެ. އަދި ބާ ކައުންސިލުން އެ ހުއްދަ ދޫކުރާނީ ގްރެޖުއޭޝަނަށްފަހު ކައުންސިލުން ހިންގާ ޓްރެއިނިންއެއް ފުރިހަމަ ކުރުމުންނެވެ.

މިކަމާ ގުޅިގެން ސިއްދީގުކުރި ޓްވީޓުގައި ބުނެފައިވަނީ ޤާނޫނު ނަންބަރު ފަހެއް އޮބުލިކު ދެހާސް ނަވާރަ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނުގައި ބަޔާން ވެގެންވާގޮތުން، އެ ޤާނޫނުތަސްދީޤު ކުރި 27 ޖޫން 2019 ދުވަހަށްފަހު، އެ ދުވަހާ ހަމައަށް ހުއްދަ ލިބިފައިވާ ވަކީލަކު ކޯޓުގައި ވަކާލާތުކުރަން އިތުރު ހުއްދައެއް ހޯދާކަށް، އަދި ޓްރެއިނިންއެއްވެސް ހަދާކަށް ނުޖެހޭނެކަމަށެވެ.

ޞިއްދީގު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ ވަކީލުކަމުގެ ހުވާކޮށްފަތިބި ވަކީލުން، ދާއިމީ ވަކީލުންގެ ގޮތުގައި ކަމާގުޅޭ މުއައްސަސާތަކުން ތަފްދަތު ނުކޮށް އޮތުމުގެ ސަބަބުން، ވަކީލެއްގެ ގޮތުގައި ކޯޓަށް ނުދެވޭނަމަ، އެކަން އިޞްލާޙު މިހާރު މިހާރަށް ކުރަންޖެހޭކަމަށެވެ.

އަދި އެމުއައްސަސާއަކަށް އެ އަރަރިގަނެވެނީ އެ ވަކީލެއްގެ ޙައްޤައްކަށްކަމަށް ޞިއްދީގުވަނީ ވިދާޅުވެފައެވެ. ބާ ކައުންސިލުގެ ގާނޫނު ވުޖޫދަށް އައިއިރު ޓްރެއިނިން ވަކީލުންގެ ގޮތުގައި ގިނަ ވަކީލުންތަކެއް އެބަ ތިއްބެވިއެވެ.

އެއީ މިދިޔަ އަހަރާއި މި އަހަރު ސުޕްރީމް ކޯޓުން ހުއްދަ ދިން ވަކީލުންނެވެ. އެ ވަކީލުންގެ އެކަޑެމީގެ ޓްރެއިނިން އަދި ވަނީ ނުނިމިއެވެ. ނަމަވެސް ބާ ކައުންސިލްގެ ގާނޫނުގައި ކުރިން އަމަލު ކުރަމުން ދިޔަ އުސޫލުތައް ބާތިލްކޮށްފައިވާތީ އެ ވަކީލުން ތިބީ ހަދާނެ ގޮތް ނޭނގިފައެވެ. އެފަދަ ވަކީލުންގެ އެ ކަންބޮޑުވުންތަކާ ގުޅިގެން ޓްރެއިނީ ވަކީލުންގެ ގޮތުގައި ތިބި ވަކީލުންނަށް މިހާރުން ފެށިގެން ކޯޓުތަކުގައި ވަކާލާތު ކުރެވެން ޖެހޭނެ ކަމަށް ބާ ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވާ މައުމޫން ހަމީދުވެސް ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...