ޕީއެސްއެމްއަކީ ސިޔާސީ ޖަގަހައެއް: އާދަމް ޝަރީފު

- މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމު ޝަރީފު އުމަރު

ދައުލަތުގެ މީޑިޔާ ޕީއެސްއެމްއަކީ މިހާރު ސިޔާސީ ޖަގަހައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމު ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފު މިފަދައިން ވިދާޅުވީ ޗެނެލް 13އަށް ދެއްވި ޚާއްޞަ ބަސްދީގަތުމެއްގައެވެ. އާދަމް ޝަރީފު ޕީއެސްއެމަށް ދެއްވި ޙާއްސަ ބަސްދީގަތުމެއްގައި ދެއްކެވި ވާހަކަތަކެއްގެ އަސްލު ގެއްލޭ ފަދަ ގޮތަކަށް ޕީއެސްއެމުން ޙަބަރު ފެތުރުމާއި ގުޅިގެން ޗެނެލްއަށް ދެއްވި ބަސްދީގަތުމުގައި އާދަމު ޝަރީފު ވިދާޅުވީ، އޭނާގެ ވާހަކައިގެ ހަގީގަތް އޮޅޭ ގޮތަށް ޕީއެސްއެމުން ޚަބަރު ފަތުރާފައިވާއިރު އެމްއެންޑީއެފަށް ވަދެފައިވާ އޮތް ސިޔާސީ ނުފޫޒު ނައްތާލަން ރައީސް ޔާމީންގެ ސަރުކާރުގައި ކުރެއްވި މަސައްކަތްޕުޅުގެ އެއްވެސް ވާހަކައެއް ރައްޔިތުންނާ އެ ސްޓޭޝަނުން ހިއްޞާކޮށްފައި ނުވާކަމަށެވެ.

އަދި އިތުރަށް ވިދާޅުވީ އެއީ ކަނޑައެޅިގެން ސިޔާސީ މަންފާއެއް ހޯދުމަށް ބަޔަކު ކުރި ކަމެއް ކަމަށާ އަދި އެއީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއްގެ ގޮތުގައި އާދަމް ޝަރީފު ސިފަކުރެއްވިއެވެ.

އަދި ވިދާޅުވީ ޕީއެސްއެމްއަކީ މިއަދު ސިޔާސީ ޖަގަހެއް ކަމަށެވެ. އާދަމް ޝަރިފު ވިދާޅުވީ ޕީއެސްއެމުގެ ޓީވީ ޗެނެލްގެ އިތުރުން ދިވެހިރާއްޖޭގެ އަޑުންވެސް އެކަމާގުޅިގެން ދޮގު ޚަބަރު ފަތުރާފައިވާކަމަށެވެ.

މީގެ އިތުރުން މިނިވަން ނޫސްވެރިކަމެއް މީގެ ކުރިން ރާއްޖޭގައި ނެތްކަމަށް ބުނަމުން އައި ބައެއްގެ ސަރުކާރުގައި ފެނިގެން މިދަނީ މިނިވަން ނޫސްވެރިކަމަށް ޖާގަދޭ މަންޒަރު ކަމާ މެދުވެސް އާދަމް ޝަރީފުވަނީ ސުވާލު އުފައްދާފައެވެ.

އާދަމު ޝަރީފު މިފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާއިރު، ފާހަގަކޮށްލަން ޖެހޭ ކަމަކީ ރައީސް ޔާމީންގެ ސަރުކާރުގެ ކުރީ ސަރުކާރުގެ ފުރަތަމަ ދެ އަހަރާ ބައިގެ ތެރޭގައި ސަލާމަތީ ބާރުތަކަށް ޗާޓުން ބޭރުން އޯޑަރުކޮށް ޤައުމުގެ ކަންކަން ގޯހުން ގޯހަށް ދިޔަކަން މިއީ ތާރީޚުން ފެންނަން އޮތް ހަގީގަތެކެވެ.

މި ވާހަކަ މިއަދުގެ ސަރުކާރުން ދެއްކެވިއްޔާ މާރަގަޅުވާނެ ކަމަށް ދިވެހި ރައްޔިތުން ބުނަން ފަށައިފިއެވެ. މީޑިއާގެ މިނިވަން ކަމަށާއި ނޫސްވެރިން ރައްކާތެރި ކޮށްދިނުމުގެ އަހުދެއްގައި ރާއްޖެއިން ވަނީ ސޮއި ކޮށްފައެވެ.

ނަމަވެސް މި ސަރުކާރުން މިނިވަން ނޫސްވެރިކަމަށް ޖާގަ ދެނީ ކިހިނެތް ކަމާމެދު ވަނީ ސުވާލު އުފެދެން ފަށާފައެވެ. ރައީސް އިބްރާހިމު މުހައްމަދު ޞޯލިހު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ޗެނެލް 13ވަނީ އެމަނިކުފާނު ކުރައްވާ ހުރިހާ ދަތުރުފުޅުތަކުންނާ ބާއްވާ ހުރިހާ ނޫސްވެރިންގެ ބައްދަލުވުންތަކަށްވެސް ދައުވަތު ނުފޮނުވާކަން ފާހަގަކޮށްލެވެއެވެ. އަދި ސަރުކާރުގެ ބައެއް މުއައްޞަސާތަކުންވެސް ވަނީ ޗެނެލް13 ބޮއިކޮޓުކޮށްފައެވެ.

މިނިވަން ނޫސްވެރިކަމަށް ޖާގަ ރައީސް ޞޯލިހު ސަރުކާރުން ޖާގަ ދެއްވަނީ މިހެންބާއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...