ބޮޑެތި މަޝްރޫޢުތައް ނުހިންގޭނަމަ ގައުމުގެ ހާލަތު ދާނީ ދަށަށް: ސައީދު

މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު. ފޮޓޯ: ޗެނެލް13

ބޮޑެތި މަޝްރޫޢުތައް ނުހިންގޭނަމަ ގައުމުގެ ހާލަތު ދާނީ ދަށަށް ކަމަށް ކުރީގެ އިކޮނަމިކް މިނިސްޓަރ އަދި މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ސައީދު މިހެން ވިދާޅުވީ ޖެހިޖެހިގެން ދެމަހު ރާއްޖޭގެ އިމްޕޯޓު ދަށްވެ، އިޤުތިޞާދީ ދުވެލި މަޑުޖެހިފައިވާތީ ފޭސްބުކްގައި ރޭ ކުރެއްވި ޕޯސްޓެއްގައެވެ. ސައީދުގެ އެ ޕޯސްޓުގައި ވިދާޅުވެފައިވަނީ ރާއްޖޭގައި ބޮޑެތި މަޝްރޫޢުތައް ނުހިންގޭނަމަ ގައުމުގެ ހާލަތު ދާނީ ދުވަހެއް ދުވަހަކަށް ދަށަށް ކަމަށެވެ.

އަދި ރާއްޖޭގައި މިވަގުތު އުފެދިފައިވާ ވިޔަފާރީގެ ނިޒާމަކީ ވަރަށް ހަނި އަދި ޖުމްލަ ގޮތެއްގައި ކުޑަ ވިޔަފާރި ވެއްޓެއް ކަމަށާ މިފަދަ އިޤުތިޞާދެއް ފުޅާވާނެ ފުރުސަތު އުފަން ކުރުމަކީ ސަރުކާރުގެ މައްޗަށް ވާޖިބު ކަމެއް ކަމަށް ސައީދު ވިދާޅުވެފައިވެއެވެ.

ސައީދު ވިދާޅުވީ ކަންމިހެން އޮވެ ހަމައެކަނި ފަތުރުވެރިކަމަށް މުޅި ގައުމު ބަރޯސާ ވުމަކީ ބޮޑު ނުރައްކަލެއް ކަމަށެވެ. މީގެ އިތުރުން ދެހާސް ތޭރައިން ދެހާސް އަށާރައަށް އިކޮނަމިކް ޓްރާންސްޕޮމޭޝަން އިނީޝިއޭޓިވް ރައީސް ޔާމީންގެ ސަރުކާރުން ފެއްޓެވީ މި ބިރުވެރިކަން ނިމުމަކަށް ގެނެސް ރާއްޖެ ތަރައްޤީ ކުރަންކަން ސައީދުގެ ޕޯސްޓުގައި ފާހަގަކުރައްވާފައިވެއެވެ.

ކަސްޓަމްސް އިން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ ޖޫން މަހު ރާއްޖެއަށް އިމްޕޯޓް ކޮށްފައިވާ މުދަލާއި، ރާއްޖެ އިން ބޭރުގެ ގައުމުތަކަށް އެކްސްޕޯޓް ކުރި މުދަލުގެ އަދަދު ވެސް ވަނީ މަދުވެފައެވެ.

ކަސްޓަމްސް އިން ވިދާޅުވީ ފާއިތުވި ޖޫން މަހު ރާއްޖެއިން އިމްޕޯޓް ކުރެވުނު މުދަލުގެ ސީއައިއެފް އަގު 2018 ވަނަ އަހަރުގެ ޖޫން މަހާ އަޅާބަލާއިރު 5 އިންސައްތަ ވަނީ ދަށްވެފައެވެ. 2018 ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއިން 3.5 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓް ކޮށްފައިވާއިރު، މި އަހަރުގެ ޖޫން މަހު މި ޢަދަދުވަނީ 3.3 ބިލިއަން ރުފިޔާއަށް ދަށްވެފައެވެ.

އާ ސަރުކާރަށް އަށް މަސް ދުވަސް ވެގެން ދިޔައިރު އަދި އެއްވެސް ބޮޑު މަޝްރޫޢެއްގެ މަސައްކަތެއް ނުފަށައެވެ. ސަރުކާރުގެ ސްޕީޑް ލަސްކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...