މަޖިލިހުގެ ރިޔާސަތުން މަސައްކަތް ކުރައްވަނީ މަޖިލިހުގެ ކަރާމާތް ގެއްލުވާލަން: ޝިޔާމް

- ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް -

މަޖިލިހުގެ ރިޔާސަތުން މަސައްކަތް ކުރައްވަނީ މަޖިލިހުގެ ކަރާމާތް ގެއްލުވާލަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެނަލް ތާޓީންގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ މަޖިލިހުގެ ރިޔާސަތުން ފެނިގެންދަނީ މަޖިލިހުގެ ކަރާމާތް ގެއްލުވާ ލުމަށްޓަކައި މަސައްކަތް ކުރައްވާ މަންޒަރުތައްކަމަށެވެ. އަދި މުޅި މަޖިލިސް ބައްޓަން ކުރައްވަނީ ރައްޔިތުން މަޖިލިހަށް ކުރާ އިތުބާރު ގެއްލޭ ފަދަ ގޮތަކަށް ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

ރިޔާސަތުގައި ކުރީގެ ރައިސް މުހައްމަދު ނަޝީދު ހުންނެވުމާއި ދޭތެރޭ ދެކޭގޮތް ހިއްސާ ކުރައްވަމުން ޝިޔާމް ވިދާޅުވީ ކޮންމެ ކަމެއްގައިވެސް މުހިންމު ވަނީ ކަންތައްތަައް ކުރެއްވުމުގައި ގެންގުޅުއްވަން ޖެހޭ އިޚްލާސްތެރިކަން ކަމަށެވެ.

ގައުމީ ބޮޑު މަސްއޫލިއްޔަތަކާ ހަވާލުވެ ހުންނަވާއިރު ރައްޔިތުންގެ އުންމީދުތަކެއްވެސް ހުންނާނެ ކަން ގަބޫލު ކުރަންޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން އެންމެ އިސް މަގާމާއި ހަވާލުވާ ބޭފުޅެއްގެ ފަރާތުން އިޚްލާސްތެރިކަން ނުފެންނަ ކަމުގައި ވަނީނަމަ ދެން ވެގެންދާނެ ހުރިހާ ކަމެއް މިވަގުތު މަޖިލީހުގެ ތެރެއިން ފެނިގެންދާ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

އަދި މަޖިލިހުގެ ބޮޑު މެޖޯރިޓީ އެއް އެމްޑީޕީއަށް އޮވެމެ ފެނިގެންދަނީ މަޖިލިހުގެ ނިޒާމު ގެއްލިގެންދާ މަންޒަރުކަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ. ޓްރީޓީ އެއްބަސް ވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ޝިޔާމް ވިދާޅުވީ އެ އެއްބަސްވުމަކީ ބަލަިގެނެވޭނެފަދަ އެއްބަސްވުމެއްނޫން ކަމަށެވެ.

އެގޮތުން ގައުމާއި ދިވެހި ރައްޔިތުންގެ ހައްގުގައި އެ އެއްބަސްވުމަށް ނޫނެކޭ ބުނެފައިވާނޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ. ގައުމު ކިތަންމެ ކުޑަވެފައި ގައުމުގެ މީސްކޮޅު މަދުކަމުގައިވިޔަސް ދިވެހި ރާއްޖެއަކީ މިނިވަން މުސްތަގިއްލު ގައުމެއްކަމަށްވުމުން ގައުމުގެ މިނިވަންކަން ގެއްލޭ ފަދަ އެއްވެސް އެއްބަސްވުމެއްގައި ސޮއި ކުރުމަކީ އަމިއްލައަށް މިނިވަންކަން ގެއްލުވާލުން ފަދަ ކަމެއް ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އަދުގެ ސަރުކާރުން ރާއްޖޭގެ މިނިވަންކަމާއި ދީނާއި ވަހުދަތު ގެއްލޭ ހިސާބަށް ކަންތައްތައް ކުރައްވަމުން ގެންދަވާ ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ދީނާއި މިނިވަންކަން ގެއްލޭފަދަ އެއްބަސްވުންތަކުގެ ސަބަބުން ނަތީޖާ ހިތިވެގެން އަންނާނެ ހިސާބެއް އަންދާޒާ ކުރަންވެސް ދަތިކަމަށެވެ.

އަދި މިނިވަންކަން ގެއްލިއްޖެ ކަމުގައިވާނަމަ އަންނަން އޮތް ޖީލަށް ފޯރުކޮށްދޭނެ އެއްވެސް އެއްޗެއް ނޯންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ. އެހެންކަމުން ގޮތް ނޭގޭ މިފަދަ އެއްބަސްވުން ތަކުގެ ސަބަބުން ގައުމަށާއި މިނިވަންކަމަށް ބުރުއަރޭނެފަދަ ކަންތައްތައް ކުރުމުގައި ދުވަހަކުވެސް ބައިވެރި ނުވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...