ރައްޔިތުންގެ މަޖިލިސް ފެނިގެންދަނީ ރަބަރ ސްޓޭމްޕެއް ގޮތައް: މުހައްމަދު ސައީދު

- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު -

ނަވާރަ ވަނަ ރައްޔިތުންގެ މަޖިލިސް ފެނިގެންދަނީ ރަބަރ ސްޓޭމްޕެއް ފަދަ ގޮތަކަށް ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗެނަލް ތާޓީންގެ ނިއުސް ޓޯކް ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ އަދުގެ މަޖިލިހުގެ މަސައްކަތްތައް ކުރިއަށްދަނީ ސީދާ ރަބަރ ސްޓޭމްޕެއްގެ ގޮތުގައި ކަމަށެވެ.

އެމްޑީޕީގެ ސުޕަރަ މެޖޯރިޓީ އޮތުމުން އޭގޭ ނާޖާއިޒު ފާއިދާއެއްގެ ގޮތުން ބޭނުންވާ ގޮތަކަށް ގާނޫނާ ގަވާއިދުތައްވެސް ބޭނުންވާ ކޮންމެ ވަގުތެއްގައި ބަދަލު ކުރަމުންދާ ކަމީ އޭގެ ހެއްކެ ކަމަށް ސައީދު ވިދާޅުވިއެވެ. އަދި މިއަދު ގާނޫނު އަސާސީ ބަދަލުކޮށްލަން ބޭނުން ކަމުގައި ވާނަމަ އެކަންވެސް އެ ބޭފުޅުންކުރާނެ ކަމަށާއި އަދި ގާނޫނު އަސާސީ އެފުށް މިފުށަށް ޖަހާލަން ބޭނުން ކަމުގައި ވާނަމަ އެކަންވެސް ކުރާނޭ ކަމަށް ސައީދު ވިދާޅުވިއެވެ.

އެގޮތުން ބޭރުގެ ގައުމުތަކާއި އެކު ބޭނުންވިޔަސް އަދި ނުވިޔަސް ޓްރީޓީ އެއްބަސްވުން އެ ބޭފުޅުން ބޭނުންވީމަ އެކަންވެސް ކޮށް ނިއްމާލީ ކަމަށް ސައީދު ވިދާޅުވިއެވެ. އެހެން ކަމުން އެމްޑީޕީ އިން ބޭނުންވާ ގޮތަކަށް މަޖިލިހުން ކަންތައްތައް ކޮށް ނިއްމާ ފާސްކުރާއިރު އިދިކޮޅުގެ ބަހެއް މިހާރު އެމްޑިޕީ މީހުން ބޭނުން ނުވާނެ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އަދި މިއަދު މި އޮތީ އެ މީހުންގެ ސަރުކާރެއްކަމުން އެމްޑީޕީ މީހުންނަށް އިދިކޮޅުގައި މަސައްކަތްކުރާ މީހުންނަކީ އެއީ ނަމަކަށް އޮންނަ ބައެއް ކަމަށް ސައީދު ވިދާޅުވިއެވެ. އެމްޑީޕީގެ މެޖޯރިޓީ އޮވެމެ މި ކަމުގެ އެންމެ ދެރަވާންޖެހޭ ކަމަކީ މުޅި ދައުލަތުގެ ބާރު މުށުތެރެއަށް ލައިގެން ތިބެވެސް އެއްވެސް ކަމެއް ގައުމަށް ކޮށްނުދޭތީ ކަމަށް ސައީދު ވިދާޅުވިއެވެ.

ޓްރީޓީ އެއްބަސް ވުމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މެމްބަރު ސައީދު ވިދާޅުވީ އެ އެއްބަސްވުމަކީ ގައުމު ސީދާ ދަންތުރައެއްގައި ޖެއްސުންފަދަ ކަމެއް ކަމަށެވެ. އަދި ދިވެހި ރައްޔިތުން މިހާރު ތިބީ އެ ދަންތުރައިގައި ޖެހިފައިކަމަށާއި އަދި އެ ދަންތުރައިން ނެއްޓޭނެ އެއްވެސް ގޮތެއްވެސް ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި ގައުމެއް އަޅުވެތިވެގެން މިހާރު ދަނީ އެ ގައުމަކަށް ކަނޑިބަޑި ހިފައިގެން ބަޔަކު އަރައިގެންނެއް ނޫންކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ ޒަމާން މިއޮތީ އެއަށްވުރެ މާ ބޮޑަށް ޓެކްނޮލޮޖީ ގޮތުން ކުރިއަށް ޖެހިފައި ކަމަށެވެ.

މީގެ އިތުރުން މެމްބަރު ވިދާޅުވީ އިންޑިއާއި ދިވެހި ރާއްޖެއާއި ދެމެދު ވެވޭ އެއްބަސްވުމުގެ ވަކި މާއްދާއެއްގައި އިންޑިއާ ބޭނުންވެއްޖެނަމަ ދިވެހި ރާއްޖޭއާއި އެއްބަސްވުންތައް ނިންމާ ދުވަހުން ފެށިގެން ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކުރާ ކޮންމެ ފޮރިން އިންވެސްމަންޓެއްގެ މައުލޫމާތު ދިނުމަށް ލާޒިމު ކުރާ ކަމަށެވެ.

އެހެން ކަމުން އެހާ ފުޅާ ދާއިރާއެއްގައި އޮތް އެއްބަސް ވުމަކަށް އެ އެއްބަސްވުން ވެފަވާއިރު އޭގެ މައްސަލައަކީ ހިފެހެއްޓެން ޖެހޭ ވަކި ދާއިރާތަކެއް ކޮންޓްރޯލް ކުރަންޖެހޭ އިރު އެކަންތައްތައް މާ ބޮޑަށް ހުޅުވާލެވިފައިވާތީ ކަމަށް ސައީދު ވިދާޅުވިއެވެ.

އަދި އެކަމުގެ ޝަކުވާ ވަރަށް ބޮޑަށް ކުރެއްވި ކަމަށް ވިދާޅުވެ ސައީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި ބިޔަ ބޮޑު ސުޕަ މެޖޯރިޓީ އެއް އޮތީމަ އެ ބޭފުޅުން ބޭނުން ކޮންމެ ކަމެއް ރައްޔިތުން ރުހުނަސް ނުރުހުނަސް ފާސްކުރާނެ ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...