އެމްޑީޕީން ދައްކާ ފިލްމުގައި މަންޒަރާ އަޑު ދިމާނުވާނެ: ސައީދު

- މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު.

މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީއިން ރައްޔިތުންނަށް ދައްކަމުން ދަނީ ފިލްމެއް ކަމަށާ އެ ފިލްމުގައި މަންޒަރާ އަޑު ދިމާނުވާ ކަމަށް މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ޗެނެލް13ގެ ނިއުސް ޓޯކު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ކުރީގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރައްވާފައިވާ ސައީދު ވިދާޅުވީ، އެމްޑީޕީ އިން މަސައްކަތް ކުރަނީ ވަރަށް ޑިމޮކްރެޓިކު ބައެއްގެ ގޮތުގައި ދުނިޔެއަށް ދެއްކެމަށް ކަމަށެވެ.

އަދި އެ މީހުން ކަންކަން ކުރަމުން ގެންދާ އުޞޫލަށް ފާޑު ކިޔާ މީހަކީ އެންމެ ކަމު ނުދާ މީހާއަށް ވެފައި އޮންނަ މީހާ ކަމަށް ސައީދު ވިދާޅުވިއެވެ. ސައީދު އިތުރަށް ވިދާޅުވީ، އެމްޑީޕީ މީހުންގެ ޑިކްޝަނަރީގައި ޑިމޮކްރެސީއަކީ އެމީހުން ބޭނުންވާ ހަމައެކަނި ކަންކަން ކަމަށެވެ.

އަދި އެމްޑީޕީން ރައްޔިތުންނަށް ދައްކަމުން ދަނީ ފިލްމެއް ކަމަށާ އެ ފިލްމުގައި މަންޒަރާ އަޑު ދިމާނުވާ ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

ސައީދު އިތުރަށް ވިދާޅުވީ ރިޔާސީ އިންތިޚާބަށް އެމްޑިޕީ ކުރިމަތިލީއިރު މެނިފެސްޓޯގެ ގޮތުގައި އޮތީ ވަރަށް ބޯ ފޮތެއްކަމަށެވެ. އަދި އެ ހިފައިގެން ތިބެ އެ ޕާޓީއިން ޤައުމާ މެދު އެއްވެސް ޕްލޭންތަކެއް ނުކުރާ ކަމަށެވެ.

އަދި މެނިފެސްޓޯގައި ހިމަނާފައި ހުރީ ކެމްޕެއިން ދަތުރުތަކުގައި ރައްޔިތުން ބޭނުންވެގެން އެދިފައި ހުރި ކަންތައްތައް ކަމަށް ސައީދު ވިދާޅުވިއެވެ. ނަމަވެސް އޭގެ ތެރެއިންވެސް ގިނައީ އެ ރަށެއްގައި ހިނގަމުންދާ މަޝްރޫޢުތަކުގެ މައުލޫމާތުތައް ކަމަށްވެސް ސައީދު ވިދާޅުވިއެވެ.

އެހެންކަމުން އެމްޑީޕީން ވެރިކަމަށް ކުރިމަތިލީ އެއްވެސް ވަރަކަށް ރައްޔިތުންނަށް ވެރިކަން ކޮށްދެއްވަން ނޫންކަމަށް ސައީދުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...