ދައުވާ އުފުލާފައި ވަނީ އަބުރާ އިއްޒަތް ނަގާލައި ސިޔާސީ ހަޔާތް ދުއްވާލުމަށް: އާޒިމާ

ނިމިދިޔަ ސަރުކާރު ތަކުގައި، ބާރުގަދަ އެތައް ވަޒީފާތަކެއް އަދާކުރައްވާފައިވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް، ގުޅުމެއް ނެތް މައްސަލައެއްގެ ދައުވާ ކުރަނީ އެކަމަނާގެ އަބުރާއި އިއްޒަތް ނަގާލުމަށްފަހު، ސިޔާސީ ހަޔާތް ދުއްވާލަން ކަމަށް އާޒިމާ ވިދާޅުވެއްޖެއެވެ.

އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ މައްސަލައާއި ގުޅިގެން ކްރިމިނަލް ކޯޓުން ނުކުންނެވުމަށްފަހު މައުލޫމާތު ދެއްވަމުން އާޒިމާ ވިދާޅުވީ، ސަރުކާރުން ދައުވާ އުފުލާފައި ވަނީ ރައީސް އޮފީހުގެ އިސް މަގާމެއްގައި ހުންނަވައިގެން، އޭސީސީއަށް ފޮނުއްވި ސިޓީއަކާ ގުޅިގެން ކުރީގެ ރައީސް ޔާމީން އަށް މަނީ ލޯންޑްރިން އެސިސްޓް ކޮށްދިންކަމުގެ ތުހުމަތުގަައި ކަމަށެވެ. ނަމަވެސް އޭނާއާ ގުޅޭ ހިޔާނާތުގެ އެއްވެސް މައްސަލައެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑަކީ އެކި ސަރުކާރުތަކުގެ ކެބިނެޓްގައި އުޅުނު މީއެއް. އަޅުގަނޑުގެ މައްޗަށް ދައުވާ އުފުލޭނެ ހިޔާނާތުގެ އެއްވެސް މައްސަލައެއް ނޯންނާނެ. މިއަދު އަޅުގަނޑުގެ މައްޗަށް މި ދައުވާ ކުރައްވަނީ ރައީސް ޔާމީންގެ މަނީ ލޯންޑްރިން އަށް އަޅުގަނޑު އެސިސްޓް ކޮށްދިނިއްޔޭ. އަޅުގަނޑުގެ މަގާމުގެ ހައިސިއްޔަތުން އޭސީސީއަށް ސިޓީއެއް ފޮނުވީމައޭ. އެހެންވީމާ އަޅުގަނޑު ގަބޫލު ކުރަމުން އަންނަނީ އެއަށްވުރެ މާ ބާރުގަދަ މަގާމުތަކުގައި ހުރެފައި ފައިސާއާއި ގުޅުން ހުރި މަގާމުތަކުގައި ހުރިއިރު ފައިސާގެ މައްސަލައެއް ނެތިފައި. މަނީލޯންޑާއަށް އެސިސްޓް ކޮށްދިން ކަމުގެ ތުހުމަތުގައި ދައުވާ ކުރާނެ ޖާގައެއް ނޯންނާނެ." އާޒިމާ ވިދާޅުވިއެވެ.

އާޒިމާ ވިދާލުވީ، މިފަދަ ދައުވާތަކަކީ ހިޔާނާތުގެ މައްސަލަ ތަކުގައި، ބައިވެރިވެފައިވާ މީހުން ދޫކޮށްލައިގެން ތިބެ، އެމީހުން އެއްވެސް ތަނަކަށް ހާޒިރުނުކޮށް އެއިން މީހެއްގެ މައްޗަށް ދައުވާނުކޮށް މަގާމުގައި ހުންނަވައިގެން ފޮނުއްވި ސިޓީއެއްގެ މައްޗަށް ހުށަހަޅާފައިވާ ދައުވާއަކަށް ވުމުން ކޮރަޕްޝަނަށް އޮތް ޒިރޯ ޓޮލަރަންސަކީ ކޮބައިކަން އެނގިވަޑައިގަންނަވާ ކަމަށެއެވެ. އަދި އަދުލު އިންސާފުގެ ނަމުގައި މިކަންކަން އާމާޒުވަނި ކޮންބަޔަކަށް ކޮން ގޮތަކަށްކަންވެސް އެނގިވަޑައިގަންނަވާ ކަމަށް ވިދާޅުވިއެވެ.

"ކޮބައިތޯ އެމްއެމްޕީއާރުސީގެ ފައިސާ؟ ތަނަކުން އެއްވެސް ފައިސާއެއް ފެނިއްޖެތޯ؟ ދައުލަތުގެ މިހާ ފައިސާ ގެއްލިގެން އެއްބަޔަކު ގެންގޮސްގެން ތަހުގީގު ކުރާއިރު މިކަމުގައި އަސްލު ހިމެނޭ މީހުން ދޫކޮށްލައިގެން ތިބެ އޭގެ އެއްވެސް މީހަކު ތަނަކަށް ހާޒިރު ނުކޮށް، އެއިން މީހަކަށް ތަހުގީގެއް އަދި ދައުވާއެއް ނުކޮށް، ރައީސް އޮފީހުގެ މަގާމެއްގައި ހުރެ ފޮނުވި ސިޓީއެއްގެ މައްޗަށް ދައުވާ ކުރަމުންދާއިރު ކޮރަޕްޝަނަށް އޮތް ޒީރޯ ޓޮލެރެންސަކީ ކޮބައިގެން ވަރަށް ސާފުކޮށް އެބަ އެނގޭ. އަޅުގަނޑުމެންނަށް އެނގޭ އަދުލުއިންސާފުގެ ކަންކަން ދަނީ ކޮން ބަޔަކަށް ޓާގެޓް ކުރެވިގެން ކޮން އަމާޒެއްގައި ކަންވެސް." އާޒިމާ ވިދާޅުވިއެވެ.

ސަރުކާރުން އާޒިމާގެ މައްޗަށް ތުހުމަތު ކުރާ ދައުވާ އާއި ގުޅޭ ލިޔުންތައް އެކަމަނާ އާއި ހަވާލު ކޮށްފައި ވާތީ ދެން އޮންނާނީ މި މައްސަލައިގެ އިބްތިދާއީ އަޑުއެހުންތަކެވެ. އާޒިމާގެ މައްޗަށް ދައުވާ އުފުލާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހިންގި ކަމަށް ތުހުމަތުކުރާ މަނީ ލޯންޑަރިން އެހީތެރިވެ، އެކަމުގައި ސަރުކާރުގެ އިދާރާތަކަށް އެކަމަނާ ދޮގު މައުލޫމާތު ދިން ކަމަށް ބުނެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...