ރައީސް ޔާމީންގެ މައްޗަށް އެއްވެސް ކުށެއް ސާބިތު ނުކުރެވޭނެ: އަބްދުއް ރަހީމް

ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ - ފޮޓޯ: ވަން އޮންލައިން
 

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ކިތައްމެ ގިނަ ތުހުމަތުތަކެއް ކުރެއްވި ނަމަވެސް އެމަނިކުފާނުގެ މައްޗަށް ސާބިތު ކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ ކަމަށް ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ، (ޕީއެންސީ)ގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ދޮޅު މަހެއްހާ ދުވަހު ރާއްޖެއިން ބޭރުގައި ހުންނެވުމަށްފަހު އެނބުރި ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރައީސް ޔާމީން ކޯޓަށް ހާޒިރު ކުރައްވާނެކަން މާކުރިންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. އެހެން ނަމަވެސް އިންސާފުވެރި ޝަރީއަތަކާއެކު އެ މަނިކުފާނުގެ މައްޗަށް އެއްވެސް ދައުވާއެއް ސާބިތު ނުކުރެވޭނެ ކަމަށެވެ.

"ރައީސް ޔާމީން ކޯޓަށް ހާޒިރުކުރާނެކަން އަޅުގަނޑުމެންނަށް އެނގޭ މާކުރިންވެސް. އެކަމަކު އަޅުގަނޑުމެންނަށް އޮތް ޔަގީންކަމަކީ ރައީސް ޔާމީންގެ މައްޗަށް ސާބިރުކުރެވޭނެ އެއްވެސް ދައުވާއެއް ނޯންނާނެ. އަދި ކޯޓަށް ހާޒިރުވާން ފޮނުވައިފިއްޔާ ކޯޓަށް ވަޑައިގަންނަވާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ މިހާރުގެ ސަރުކާރަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކަށް ވާނީ ރައީސް ޔާމީން އިދިކޮޅު ލީޑަރެއްގެ ގޮތުގައި ހުންނަވައިގެން މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި އެމަނިކުފާން ކޯޓަށް ވަޑައިގެންނެވުމަށް ޗިޓް ފޮނުވައިފި ނަމަ ޖެހިލުމެއް ނެތި ކޯޓަށް ޙާޒިރުވެ ވަޑައިގަންނަވާނެ ކަމަށާއި ރައީސް ޔާމީނަށް ކުރިމަތިކުރައްވާ ކޮންމެ ސުވާލަކަށް ވެސް ވަރަށް ސާބިތުކަންމަތީ ޖަވާބުދާރީވެ ވަޑައިގެން ދިފާއުވެވަޑައިގަންނަވާނެ ކަމަށެވެ.

"ދަންނަވަންތޯ އިދިކޮޅު ލީޑަރެއްގެ ގޮތުގައި ރައީސް ޔާމީން ހުންނެވުމަކީ މި ސަރުކާރަށް ކެތް ކުރެވޭ ވަރުގެ ކަމަކަށް ނުވާނެ." އަބްދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ރާއްޖެ ވަޑައިގެންނެވި އިރު، ރައީސް ޔާމީން މިއަދު ހެނދުނު 11:30ގައި ކްރިމިނަލް ކޯޓަށް ހާޒިރުވުމަށް އަންގާ އެމަނިކުފާނަށް ވަނީ ޗިޓް ފޮނުވައިފައެވެ. އެމަނިކުފާނު ކޯޓަށް ހާޒިރުކުރަނީ އެމްއެމްޕީއާރްސީގެ މައްސަލައިގައި ކުރަމުން އަންނަ، މަނީ ލޯންޑްރިންގެ ޝަރީއަތުގެ އަޑުއެހުމަކަށެވެ.

މި ބައްދަލުވުމުގައި ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާ ދިނުމުގައި މޭސްތިރިއަކަށް ހުރި، ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ގިނަ ދުވަސްތަކެއް ވަންދެން ހުރި އިރުވެސް ސަރުކާރުން އެކަން ހާމަނުކުރީތީ އަބްދުއްރަހީމް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފައެވެ. އަދި ރާއްޖޭގެ މިނިވަން ކަމަށް ބުރޫއަރާފަދަ އެތައް ކަމެއް ހިނގަމުންދާކަން ފާހަގަ ކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ޒިންމާދާރު އިދިކޮޅު ޕާޓީއެއްގެ ހައިސިއްޔަތުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ އެންމެހައި މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...