ކުރީގެ ސީޕީންނާއި ހޯމް މިނިސްޓަރުން ލުތުފީ ގެންނަން ގިނަ ގުނަ މަސައްކަތް ކުރި: ޕޮލިސް

މޯލްޑިވްސް ޕޮލިސް ސާވިސްގެ ކުރީގެ އިސްވެރިންނާއި ކުރީގެ ހޯމް މިނިސްޓަރުން ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ އަނބުރާ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިހެން ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް އަބްދުﷲ ލުތުފީއާ ގުޅޭގޮތުން ސުވާލުކުރެވުނު ދުވަހު ދެއްކެވި ވާހަކަތަކަކީ ފުލުހުން ދިން ދޮގު މައުލޫމާތުގެ ސަބަބުން ދެއްކެވި ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނުމާއި ގުޅިގެން ފުލުހުން ނެރުއްވި ނޫސް ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވަނީ ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ލުތުފީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުން ފިލުމާއި ގުޅިގެން، ފާއިތުވެދިޔަ މުއްދަތުގައި ފުލުހުންގެ އިސްމަގާމުތަކާއި ހޯމް މިނިސްޓަރުކަން ކުރެއްވި ފަރާތްތަކުން ލުތުފީ ހޯދާ ހައްޔަރުކޮށްގެން އަނބުރާ ގެނައުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.

އަދި އެ މަސައްކަތްތަކުގެ ތަފްސީލު ރެކޯޑްތަކާއި އެމަސައްކަތާ ގުޅޭގޮތުން ނިންމި ނިންމުންތައް އެ މަސައްކަތް ހިނގަމުންދިޔަ ޑިޕާޓްމަންޓުގައި ލޮގްކޮށް ރައްކާކުރެވިފައިވާ ކަމަށެވެ.

އަދި އެ މަސައްކަތުގައި ނިންމި ބައެއް ނިންމުންތައް ނިންމި އިރު ހާޒިރުވެތިބި އޮފިސަރުން މިވަގުތު ވެސް ޕޮލިހުގައި ހިދުމަތް ކުރަމުންދާތީ އެމަސައްކަތާއި ގުޅޭގޮތުން އިތުބާރު ހިފޭފަދަ މައުލޫމާތު މިވަގުތުވެސް އެ އިދާރާގައި އެބަހުރި ކަމަށް ފުލުހުން ވިދާޅުވިއެވެ.

މަޖިލިސް މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން އިމްރާން ދޮގު ހެއްދެވިކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން ފުލުހުން ނެރުނު ނޫސްބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ލުތުފީގެ މައްސަލައިގައި އިމްރާން ދެއްކެވި ވާހަކަތަކަކީ އެ މައްސަލައިގައި ފުލުހުންނަށް ލިބިފައި ހުރި މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ފުލުހުން ދީފައިވާ މައުލޫމާތު ކަމަށެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...