ޤާނޫނާ އެއްގޮތަށް ލުޠުފީ ގެންނަން ބުނި ސަރުކާރުން ޤާނޫނާ މުޅިން ޚިލާފުވެއްޖެ

ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އެންމެ އިސްކޮށް ހަރަކާތްތެރިވި ހެންވޭރު ހާޖަރާގޭ އަބްދުﷲ ލުޠުފީ މި ސަރުކާރުން ހިމާޔަތްކޮށްގެން ސްރީލަންކާގެ ހުންނަ އެމްބަސީގައި ގެންގުޅޭތާ ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވަނިކޮށް އެކަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ދިވެހި ރައްޔިތުންނަށް ފަޅާއަރުވާލުމުން ދިވެހި ފުލުހުން ބުނީ އޭނަ ހުރީ ފުލުހުންގެ ބެލުމުގައި ދަށުގައި ކަމަށެވެ.

ނަމަވެސް އެއީ ވެސް ދޮގެއްކަން ރައްޔިތުންނަށް އެނގި ސަރުކާރަށް ކުރިމަތިކުރުވި ފިއްތުންތަކާއެކު މި ސަރުކާރުން ލުޠުފީ ރާއްޖެ ނުގެނައުމަށް އެކި ހުއްޖަތްތައް ދައްކަމުން ދިޔައެވެ. އެގޮތުން ސަރުކާރުން ބުނީ ލުޠުފީ ރާއްޖެ ނުގެނަސް ލަސްވަމުން ދަނީ ޤާނޫނުގެ ތެރެއިން ގެންނަން މަސައްކަތް ކުރާތީ ކަމަށެވެ. ނަމަވެސް ޤައުމު ދެކެ ލޯބިވާ އެތައް ރައްޔިތުންނާ އަދި މިއަދު ސަރުކާރާ އިދިކޮޅުގައި ތިބި ޕާޓީތަކުގެ ފިއްތުންތަކާއެކު ރައީސް ޞޯލިހު ސަރުކާރަށް ޖެހުނީ ރައްޔިތުންގެ ކުރިމަތީ ކުޑަ ކަކޫ ޖަހާށެވެ.

ލުޠުފީ ރާއްޖެ ނުގެނެސް ލަސްވަމުންދިއުމުން ރައްޔިތުން ނޫސްވެރިން ކުރިމަތި ކުރުވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ ވިދާޅުވީ ސްރީލަންކާގެ ބަންޑާރަ ނައިބުގެ އޮފީހުން ލިބެން ޖެހޭ ލިޔުންތަކެއް އޭރު ލިބިފައި ނެތުމުން ލުޠުފީ ނުގެނެވިގެން އުޅެނީ ކަމަށާ އެއްވެސް ކުށްވެރިއަކު ޤާނޫނާ ޚިލާފަށް އެމަނިކުފާނުގެ ސަރުކާރުގައި ނުގެންނާނެ ކަމަށެވެ. އަދި ވަނީ ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ލަންކާގައި ހުރި މީހަކު ޤަވާއިދާ ޚިލާފަށް ގެނައި ކަމަށް ތުހުމަތުވެސް ކުރައްވާފައެވެ.

ކޮންމެ އަކަސް ލުޠުފީ ރާއްޖެ ނުގެނަސް އެތައް އުޒުރުތަކެއް ދެއްކުމަށްފަހު އަދި އޭނާ ފިލުވައިގެން އެމްބަސީގައި ގެންގުޅޭތާ ފަސްދޮޅަސް ހަތަރު ދުވަސްފަހުން މިހާރު ވަނީ ލުޠުފީ ކަމަށް ބެލެވޭ މީހަކު ރާއްޖެ ގެނެސްފައެވެ. ނަމަވެސް ލުޠުފީ ރާއްޖެ ގެނައީ މި ސަރުކާރުންނޭ ޤާނޫނީ އިމުގެ ތެރެއިންނޭ ފަޚުރުވެރިކަމާއެކު މި މީހުން ބުނަމުންދާއިރު ސަރުކާރުން ލުޠުފީ ގެނައީ ޤާނޫނާ ޚިލާފަށްކަން މިވަނީ ސާބިތުވެފައެވެ.

އެހެންކަމުން މި ސަރުކާރުން ޤާނޫނީ އިމުގެ ތެރެއިން ގެނައި އެ ބުނާ ކުށްވެރިޔާ އުފް ބަފައިބެގެ ޕުރާނާ ދޯސްތު ގެނައުން ޤަނޫނާ ޚިލާފުވި ހިސާބަށް ޖެހިލަމާ ބަހީއެވެ. އެގޮތުން ލުޠުފީއަކީ ފިލައިގެން އުޅުނު މީހަކަށް ވެފައި އޭނާއަކީ މި ޤައުމުގައި ހުކުމެއް ތަންފީޒުކުރަމުން ދިޔަ ކުށްވެރިއެކެވެ.

އާދައިގެ ކުށެއްގައެއް ނޫނެވެ. 19 ދިވެއްސަކު ޝަހީދުވި އަދި ނަފްސާނީ ގޮތުންނާ ޖިސްމާނީ ގޮތުންވެސް އެތައް ދިވެހި ރައްޔތަކަށް ގެއްލުންވި ބިރުވެރި ނޮވެމްބަރު ތިނެއްގެ ޓެރަރިސްޓު ހަމަލާގެ އެންމެ އިސް ޓެރަރިސްޓަށް އޭނާ ވުމުންނެވެ.

އަދި އޭނާ ހޯދަން އިންޓަޕޯލު ރެޑް ނޯޓީސް އެއް ނެރެފައިވާއިރު 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރޭ ރާއްޖެ ގެނެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން، މާލެއަށް ގެނައި އިރު އޭނާގެ އަތުގައި ބިޑި ނާޅުވާ ހުރުމަކީ ފުލުހުންގެ ޤަވާއިދުތަކާއި ހިލާފަށް ފުލުހުން ކުރި ކަމެކެވެ. މިއީ މި ސަރުކާރުން ގަވާއިދާ ޚިލާފުވި ހިސާބެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުގެ އޯޑަރު ފުލުހުންނަށް ލިބިފައި އޮތްގޮތް ކަމަށްވެސް ވެދާނެއެވެ.

ފުލުހުން އަމަލު ކުރުމަށް އެކުލަވާލާފައި އޮންނަ "އާންމު ޤަވައިދު" ގެ 57 ވަނަ މާއްދާގައި ބުނެފައި އޮންނަނީ ފުލުހުންގެ ބެލުމުގެ ދަށުން މީހަކު އެއްތަނުން އަނެއް ތަނަށް ގެންދަން ވާނީ ބިޑި އަޅުވައިގެންނެވެ.

ޤަވައިދުގެ 58 ވަނަ މާއްދާގެ (ހ) ގައި ބުނެފައި އޮންނަނީ އެއްގަމު މަގުން އެއްތަނުން އަނެއްތަނަށް ގެންދާނަމަ ގެންދަންވާނީ، ދެއަތް ފުރަގަހަށް ލައި ބިޑިއަޅައިގެންނެވެ. ނަމަވެސް ޙާލަތަށާއި އެމީހެއްގެ ކިޔަމަންތެރި ކަމުގެ މިންވަރަށް ރިޢާޔަތްކޮށް، ދެއަށް ކުރިމައްޗަށް ވާގޮތަށް ބިޑި އެޅުމުގެ އިޚްތިޔާރު އެސްކޯ އޮފިސަރަށް ލިބިގެންވާ ކަމަށް އެމާއްދާ ބުނެއެވެ.

އެމާއްދާގެ (ނ) ގައި ބުނަނީ ވައިގެ މަގުން އެއްތަނުން އަނެއްތަނަށް ގެންދަންވާނީ ވެސް ދެ އަތް ކުރިމައްޗަށް ވާގޮތަށް ބިޑިއަޅައިގެން ކަމަށެވެ. ޤަވައިދުގެ 59 ވަނަ މާއްދާގެ (ރ) ގައި ބުނަނީ ބިޑި އަޅަނީ އެމީހާއާއި އެހެންމީހުންގެ ސަލާމަތާ ރައްކާތެރިކަމަށްޓަކައި ކަމަށެވެ. ޤަވައިދުގައި މިގޮތައް ބަޔާން ކޮށްފައި އޮތް ނަމަވެސް ލުތުފީ ރޭ ރާއްޖެ ގެނައި އިރު ފްލައިޓް ގައި ވެސް ބިޑި އަޅާފައެއް ނުވެއެވެ. އަދި ވެލާނާ އެއާޕޯޓުން މާލެ ގެނައި އިރު ވެސް ބިޑި އަޅާފައެއް ނުވެއެވެ.

މީގެ ކުރިން ފުލުހުން ޤާނޫނާ ޚިލާފުވަމުން ދިޔަކަމަށް ހަރު އަޑުން ބުނަމުން ދިޔަ ބައެއްގެ ސަރުކާރުގައި ދިވެހި ފުލުހުން ލައްވާ މިއޮތީ ގޯސް ހައްދާފައެވެ. ޤާނޫނާ އެއްގޮތަށް ލުޠުފީ ގެންނަން ބުނި ސަރުކާރުން ޤާނޫނާ ޚިލާފުވެއްޖެއެވެ.

ދެން ބުނާނީ ކީކޭ ހެއްޔެވެ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...