ފުލުހުންނާ މެދު ފިޔަވަޅު އަޅަން ސަރުކާރު ޕާޓީގެ މެމްބަރަކު ގޮވާލައްވައިފި

ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު. ފޮޓޯ: ޗެނެލް 13

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގެ ތެރެއިން މިދިޔަ ހުކުރު ދުވަހު މީހަކަށް އަނިޔާ ކުރިކަމަށް ބުނެ ހަ ފުލުހަކު ސަސްޕެންޑު ކުރުމުން، އެމީހުންގެ ދިފާއުގައި ފޭސްބުކް ޕްރޮފައިލް ފޮޓޯ ކަޅު ކުރި ފުލުހުންނާ މެދު ފިޔަވަޅު އަޅަން ސަރުކާރު ހިންގާ މައި ޕާޓީއަށް ނިސްބަތްވެ ވަޑައިންނަވާ ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ގޮވާލައްވައިފިއެވެ.

މަޖިލީހުގެ ތަޅުމުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ކޮއްކޯފުޅު ނިޔާޒު ވިދާޅުވީ، ހަ ފުލުހަކާމެދު ޑިސިޕްލިނަރީ ފިޔަވަޅެއް އެޅުމުން ޕްރޮފައިލް ކަޅު ކުރި މީހުންގެ ނިޔަތުގައި އޮތީ ކޮންކަޅުކަމެއްތޯ ބަލަންޖެހޭ ކަމަށެވެ.

އެގޮތުން ސަސްޕެންޑުކުރި ފުލުހުންގެ ދިފާއުގައި ފޭސްބުކް ޕްރޮފައިލް ފޮޓޯ ކަޅު ކުރި ފުލުހުންގެ މައްސަލަ ބަލާ ޕްރޮފައިލް ފޮޓޯ ކަޅު ކުރި ފުލުހުންނާ މެދު ފިޔަވަޅު އަޅަން ނިޔާޒުވަނީ ގޮވާލައްވާފައެވެ.

އަދި ވިސްލް ބްލޯކުރުން ނުވަތަ ކަމެއް ފަޅާއަރުވާލުމުން ކުށަކަށްވާނަމަ، ކުށް ބަޔާންކޮށް އަދަބު ކަނޑައަޅާ ގާނޫނު ހެދުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށާއި މި ގައުމަށް ބޭނުންވަނީ ސާފު ހުދު ޕްރޮފައިލާއެކު މަސައްކަތް ކުރާ މީހުން ކަމަށް ނިޔާޒު ވިދާޅުވިއެވެ.

ނިޔާޒު ވިދާޅުވީ މިހާރު އަނެއްކާ ވެސް ފުލުހުންގެ މައްސަލަތަކެއް ފެންމަތިވެ، އަނެއްކާ ވެސް ބަޣާވާތެއްގެ އަޑުތައް އިވެން ފަށާފައިވާ ކަމަށެވެ. ނިޔާޒު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވާއިރު، މި ސަރުކާރުން ދަނީ ދިވެހި ފުލުހުންގެ އަގު ވައްޓާލުމަށް މަސައްކަތްތަކެއް ކުރައްވަމުން ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެގޮތުން ފުލުހުން ހިންގި އޮޕްރޭޝަނެއްގެ ވީޑިއޯ އާއްމުވުމާއި އެކު އެއްވެސް ތަޙްޤީޤެއް ކުރުމެއް ނެތި ފުލުހުންގެ އަގު ވައްޓާލަން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ޓްވީޓް ކުރެއްވުމަކީ ވަރަށް ބޮޑު ގޯހެއްގެ ގޮތުގައި ގިނަބަޔަކު ދަނި ބުނަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...