ރެޑް ނޯޓިސް ނެރެފައިވާ ސީލައިފްގެ އެމްޑީ ހުރިތަން ސަރުކާރަށް އެނގޭކަން ހާމަވެއްޖެ

ހުޅުމާލޭގައި އަޅާ ފްލެޓްތައް ދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށް ފަހު، އެ ފައިސާއަށް ޚިޔާނާތްތެރިވި މައްސަލައިގާ ހިމެނޭ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު ހުރިތަން ސަރުކާރަށް އެނގޭ ކަން ހާމަވެއްޖެއެވެ.

ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ ބައެއް މީޑިއާގައި ބުނެފައި ވަނީ ހުޅުމާލެއިން ފްލެޓް ދޭނެ ކަމަށް ބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފިލައިގެން އުޅޭ މައްސަލައިގާ އިންޓަޕޯލްގެ ރެޑް ނޯޓިސް އާއެކު ހޯދަން އިއުލާންކޮށްފައިވާ ސީލައިފް ގްލޯބަލްގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ ހުރިތަން އޭޕްރިލް މަހުން ފެށިގެން ސަރުކާރަށް އެނގޭ ކަމަށެވެ.

މީޑިއާ ތަކުގައި ރިޕޯޓްކޮށްފައި ވަނީ އަހުމަދު މޫސާ ހުރިތަން އެނގުނު ނަމަވެސް އޭނާ ހައްޔަރުކޮށް ރާއްޖެއަށް ގެންނަން ސަރުކާރުން ބޭނުން ނުވާ ކަމަށެވެ. އަދި އޭނާ ހައްޔަރު ކުރުމަށް ވުރެ ސަރުކާރުން ބޭނުން ވަނީ އޭނާއާއެކު ޑީލެއް ހަދަން ކަމަށާއި މިހާރު އެޑީލް ހެދުމާމެދު ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުމަކަށް ގޮސްފައިވާ ކަމަށެވެ.

އެތަކެއް ދިވެހި ރައްޔިތުންގެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ މީހާކާއެކު ޑީލްތަކެއް ހެދުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު މިދިޔަ ހަފްތާގައި ރައީސް ޞާލިހް ވެސް ވަނީ ސީލައިފް އާއި އެކު ސަރުކާރުން މަޝްވަރާ ކުރަމުންދާ ކަމަށް ވިދާޅުވެފައެވެ.

ސީލައިފް ކުންފުނިން ވަނީ އެޗްޑީސީ އަށް ދައްކާފައިވާ ފައިސާ، ސީލައިފް އަށް ފައިސާ ދެއްކި މީހުންނަށް ދިނުމަށްފަހު ފްލެޓް އަޅަން ހުޅުމާލެ އިން ބިމެއް ދިނުމަށް އެދިފައިވާ ކަމަށާއި ސަރުކާރުން އެގޮތަށް އެއްބަސްވެފައިވާ ކަމަށް މީޑިއާތަކުގައި ދަނީ ޚަބަރު ފެތުރެމުންނެވެ.

މަކަރާއި ހީލަތުން ގިނަ ބައެއްގެ ފައިސާތަކަކަށް ޚިޔާނާތްތެރިވި މައްސަލައާއި ގުޅިގެން ސީލައިފްގެ މައްސަލަ ފުލުހުން ބަލަން ފެށުމާ އެކު އަހުމަދު މޫސާ ވަނީ ފިލައިގެން ރާއްޖެއިން ބޭރަށް ގޮސްފައެވެ. އެގޮތުން ސީލައިފްގެ އެމްޑީ އުޅެމުންދަނީ މި ސަރުކާރުން ހިމާޔަތްދީގެން ލުތުފީވެސް ގެންގުޅުނު ސްރީ ލަންކާގައެވެ. އެހެން ނަމަވެސް އޭނާ ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރެއް ވެސް ނެރެފައެވެ.

ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމަށް އެޗްޑީސީ އިން ސީލައިފް އާއި ހަވާލުކުރި ނަމަވެސް އެތައް ބައެއްގެ އަތުން ފައިސާ ނެގުމަށްފަހު ފްލެޓް އަޅާފައެއް ނުވެއެވެ. އެއާއެކު ފްލެޓް ހޯދުމަށް އެ ކުންފުންޏަށް ފައިސާ ދެއްކި 200 އަށް ވުރެ ގިނަ މީހުން ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...