ދައުލަތަށް މިލިއަނަކަށްވުރެ ގިނަ ޑޮލަރު ދެއްކުމަށް މެގަ މޯލްޑިވްސްގެ މައްޗަށް ހުކުމްކޮށްފި

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީގެ މަސައްލަހަތު އޮންނަ މެގަ ގްލޯބަލް އެއަރ ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް ފީ ދެއްކުމަށް ސިވިލްކޯޓުން ޙުކުމްކޮށްފިއެވެ.

ސިވިލް ކޯޓުން ވަނީ އެއަރޕޯޓް ސަރވިސް ޗާޖާއި އެއަރޕޯޓް ޑިވެލޮޕްމަންޓް އަދި އެއާއިގުޅޭ ޖޫރިމަނާގެ ގޮތުގައި އެއް މިލިއަން ސާދަ ހާސް ހަ ސަތޭކަ ފަންސާސް ހަތަރު ޑޮލަރާއި ދެހާސް އަށްސަތޭކަ ދިވެހި ރުފިޔާ މެގަ މޯލްޑިވްސް އިން މީރާއަށް ދެއްކުމަށް ހުކުމްކޮށްފައެވެ.

މި ފައިސާ 10 މަސް ތެރޭ ދައްކާ ޚަލާސް ކުރުމަށް ސިވިލް ކޯޓުން ވަނީ މެގަ މޯލްޑިވްސްގެ މައްޗަށް ހުކުމްކޮށްފައެވެ. މާލީ މައްސަލަތައް ދިމާވެ ހުއްޓާލާފައިވާ، މެގަ މޯލްޑިވްސް އެއާލައިނުން ޓެކްސް އާއި އެ ފައިސާ ނުދައްކައިގެން މީގެ ކުރިން ވެސް ގިނަ އަދަދެއްގެ ފައިސާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމް ކޮށްފައިވެއެވެ.

މެގަ މޯލްޑިވްސްގެ އުދުހުންތައް ހުއްޓާލީ 2017 ވަނަ އަހަރުގެ މޭ މަހުގެ ތެރޭގައެވެ. އެ އެއާލައިން އެހެން ބަޔަކަށް ވިއްކާލައި އަލުން އުދުހުންތައް ފަށާނެ ކަމުގެ އަޑުތަކެއް އެރި ނަމަވެސް، އެންމެ ފަހުން އެ އެއާލައިންގެ އޮޕަރޭޝަންތައް އެއްކޮށް ހުއްޓާލައި އެ ކުންފުނިން ގެނެސްފައިވާ ބޯޓްތައް ވެސް ވަނީ އަނބުރާ ފޮނުވާލާފައެވެ.

އަދި އެ ކުންފުނި އުވާލުމަށް މީގެ ކުރިން އިއުލާން ވެސްކޮށްފައިވެއެވެ. މެގަ މޯލްޑިވްސްއަކީ މިހާރުގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މަސްލަހަތު އޮތް އެއާލައިނެކެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...