ހޯމް މިނިސްޓަރ އިމްރާން ހެދީ ބޮޑު ދޮގެއް – އުމަރު

ބާޣީ ލުތުފީ ރާއްޖެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު ހުއްދަ ނުދެއްވައިގެން ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިހާރުގެ ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ހެއްދެވީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔަކަށް ހުރި .ހާޖަރާގޭ އަބްދުﷲ ލުތުފީ ދިރިއުޅޭ ތަން 2014 ވަނަ އަހަރު އެނގުނު ކަމަށާއި އޭރު ލުޠުފީ ރާއްޖެ ގެނެވިފައި ނުވަނީ އޭރުގެ ހޯމް މިނިސްޓަރ ހުއްދަ ނުދެއްވައިގެން ކަމަށް މިހާރުގެ ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވަނީ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައެވެ.

މިނިސްޓަރ އިމްރާންގެ ވާހަކަފުޅާއި ގުޅިގެން އުމަރު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިސްޓަރ އިމްރާން ރައްޔިތުންގެ މަޖިލީހުގައި އުމަރު ނަސީރާއި ގުޅޭ ގޮތުން ހެއްދެވީ ކަނޑައެޅިގެން ބޮޑު ދޮގެއް ކަމަށެވެ.

އުމަރު ވިދާޅުވީ 19 ދިވެހިން ޝަހީދުކޮށްލި އިސް މޭސްތެރިޔާ ބާޣީ ލުތުފީ ހޯދުމަށް އެންމެ ބޮޑު މަސައްކަތްތަކެއް ކުރެއްވި ވަޒީރަކީ އޭނާ ކަމަށެވެ.

މިނިސްޓަރ އިމްރާން ވިދާޅުވީ އޭރު ލުތުފީ ރާއްޖެ ގެނައުމާއި ބެހޭ ގޮތުން ހޯމް މިނިސްޓަރާއި އެކަމުގައި އުޅުނު ފުލުހުންނާއި މުއާމަލާތް ކުރެވިފައި ވަނީ "އަނގަބަހުން" ކަމަށެވެ. އެހެން ނަމަވެސް ބާޣީ ލުތުފީ ރާއްޖެ ގެނައުމަކީ އެހާ ބޮޑު އިސްކަމެއް ދެއްވާ ކަމެއް ނޫންކަމަށް އޭރުގެ ހޯމް މިނިސްޓަރު އުމަރު ވިދާޅުވި ކަމަށް މިހާރުގެ މިނިސްޓަރ އިމްރާން ވަނީ ވިދާޅުވެފައެވެ.

މިނިސްޓަރު އިމްރާން މަޖިލީހުގައި އިތުރުފުޅު ހެއްދެވި ނަމަވެސް ލަންކާގައި ހުންނަ ދިވެހި އެއްބަސީގައި ދިވެހި ސަރުކާރުގެ ބެލުމުގެ ދަށުގައި ލުތުފީ ހުރި ކަމާއި ލުތުފީއަށް ސަރުކާރުން ހިމާޔަތާއި ރައްކާތެރިކަންދީ އޭނާ ފޮރުވައިގެން ގެންގުޅޭތާ ދެމަސް ދުވަސް ވާން ކައިރިވެފައިވާ ކަމަށް ވިދާޅުވެ ރައްޔިތުންގެ ސަމާލުކަމަށް އެކަން ގެނެސްދެއްވީ އުމަރު ނަސީރެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ލުތުފީ ގެނައުމަށް ކުރެއްވި މަސައްކަތްތަކުގެ ތަފްސީލް އުމަރު ނަސީރު ވަރަށް ފުރިހަމައަށް ހާމަކުރައްވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...