ރަނގަޅު ސިއްހީ ހިދުމަތެއް ނުލިބޭތީ މާފުށީގައި މުޒާހަރާ ކޮށްފި

މާލެއަތޮޅު މާފުށީގައި ރަނގަޅު ސިއްހީ ޚިދުމަތެއް ނުލިބޭކަމަށް ބުނެ އެރަށުގެ ބަޔަކު މުޒާހަރާކޮށްފިއެވެ.

މުޒާހަރާކުރި މީހުން ބުނެފައި ވަނީ އެއީ ދައުލަތަށް އެންމެ ގިނަ އަދަދަކަށް ޓެކްސް ފައިސާ ދައްކާ އެއްރަށް ނަމަވެސް، އެރަށުގެ ސިއްހީ ނިޒާމް ދަށު ދަރަޖައެއްގައި އޮތުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެގޮތުން ސިއްހީ ފަރުވާދޭނެ އެކަށީގެންވާ ސާމާނު އެރަށުގައި ނެތްކަން އެމީހުން ވަނީ ފާހަގަ ކޮށްފައެވެ.

މުޒާހަރާ ކުރި މީހުން ބުނެފައި ވަނީ އެރަށު ސިއްޚީ މަރުކަޒުން އެކްސްރޭ ނުނެގޭ ކަމަށާއި ސްކޭން ވެސް ނުކުރެވޭ ކަމަށެވެ. އަދި ލެބޯޓްރީއެއް ވެސް ހުންނަނީ ނަމަކަށް ކަމަށާއި ދެފަހަރުން އެއްފަަހަރު ފާމަސީން ބޭސް ވެސް ނުލިބޭ ކަމަށެވެ.

ތަފާތު ޝުއޫރުތައް ފާޅުކޮށްފައިވާ ބެނާތަކެއް ހިފައިގެން ނުކުމެ ތިބި މީހުން ވަނީ ގިނަ އަދަދަކަށް ބިދޭސީން އުޅޭ ރަށަކަށްވާއިރު ސްރީން ކުރެވޭނެ ނިޒާމެއް ގާއިމްކޮށްފައި ނުވާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެންވެ މާފުށީގައި ސިއްހީ ޚިދުމަތްތައް ރަނގަޅު ކުރުމަށް އެމީހުން ވަނީ ގޮވާލާފައެވެ.

މީގެ އިތުރުން އެމީހުން ވަނީ އެއީ ރާއްޖޭގެ މައި ޖަލު ހުންނަ ރަށަށްވީ ނަމަވެސް ކުއްލި ހާލަތުގައި ވެސް އެރަށުގައި ގައިދީންނަށް ފަރުވާދެވޭނެ އިންތިޒާމް ހަމަޖެހިފައި ނުވާކަން ފާހަގަކޮށްފައެވެ. އަދި އެކަން ހައްލު ކުރުމަށް ކައުންސިލުން އެކަށީގެންވާ މަސައްކަތެއް ކޮށްދީފައިނުވާކަން އެމީހުން ވަނީ ފާހަގަ ކޮށްފައެވެ.

މުޒާހަރާއަށް ނުކުތް މީހުން ބުނެފައި ވަނީ އެރަށަކީ ސިއްޚީ މަރުކަޒަކަށްވުރެ ބޮޑަށް ރަނގަޅު ފެންވަރުގެ ސިއްޚީ ފަރުވާ ދެވޭނެ ފަދަ ހޮސްޕިޓަލެއް ބޭނުންވާ ރަށެއް ކަމަށް ބުނެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...