އެމްޑީޕީން ބުނާ ދަރަނި ދަންތުރަ ގޯސް ކަމަށް ނަޝީދު އިއުތިރާފުވުމުން މައާފަށް އެދެން ޖެހޭ: ސައީދު

މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު.

އެމްޑީޕީން ބުނާ ދަރަނި ދަންތުރަ ގޯސް ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފުވެފައިވާތީ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެން ޖެހޭ ކަމަށް ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ސައީދު ކުރެއްވި ފޭސްބުކު ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އެއް ބަޔަކު ރުއްސަން އަނެއް ބަޔަކު ކަތިލާކަށް ނުޖެހޭ ކަމަށެވެ. އެހެން ކަމުން ރައީސް ޔާމީންގެ ސަރުކާރުގައި ބޮޑު އަގުގައި ހިންގި ޕްރޮޖެކްޓެއްވާނަމަ އޭގެ ތަފްސީލް ބުނެދެއްވަން ސައީދު ވަނީ ނަޝީދު ކިބައިން އެދިލައްވާފައެވެ.

ސައީދު ވިދާޅުވީ އެމްޑީޕީން އެބުނާ ދަރަނި ދަންތުރަ ގޯސް ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިއުތިރާފް ވުމުން އެކަމަށް ރައްޔިތުންގެ ކިބައިން ނަޝީދު މައާފަށް އެދެން ޖެހޭނެ ކަމަށެވެ.

ސައީދު އިތުރަށް ވިދާޅުވީ ޖީޑީޕީގެ ފަނަރަ އިންސައްތަ ވަކި ގައުމަކަށް ދައްކަންޖެހެއޭ ބުނާއިރު ފާއިތުވެދިޔަ ހަތެއް ނުވަތަ އަށް ވަރަކަށް އަހަރު ރާއްޖެއަށް ފަތުރުވެރިން އައި ގޮތްވެސް ބަލަން ޖެހޭ ކަމަށެވެ.

އެމްޑީޕީ ސަރުކާރާއި ހަވާލުވެ އެއް ބިލިއަން ޑޮލަރުގެ ލޯނެއް ނެގީ ހިލޭކަމާ މެދު އަދި އެ ލޯން ދައްކަން ޖީޑީޕީގެ ކިތަށް އިންސައްތަ ދައްކަން ޖެހޭ ކަމާމެދު ސައީދު ވަނީ ސުވާލު ކުރައްވާފައެވެ.

ސައީދު މި ފަދަ މޭރުމަކުން ޕޯސްޓެއް ކުރެއްވީ ފޭރުމާ ދެކޮޅަށް ރައްޔިތުންގެ ނަމުގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބޭއްވި އެއްވުމުގައި ރައީސް އަބްދުﷲ ޔާމީން ދެއްކެވި ވާހަކަފުޅަށް އިޝާރާތްކުރައްވައި ރައީސް ނަޝީދު ޓްވީޓެއް ކުރެއްވުމާއި ގުޅިގެންނެވެ.

ނަޝީދުގެ ޓްވީޓްގައި ވިދާޅުވެފައި ވަނީ ޗައިނާއަށް ދަރާފައިވާ 4.2 ބިލިޔަނަށްވުރެ ގިނަ ފައިސާ ދައުލަތުން ދައްކަން ޖެހޭ ކަމަށާއި ނޫންނަމަ ރާއްޖޭގެ މިނިވަންކަން ގެއްލިދާނެ ކަމަށެވެ.

ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ފައިސާއާ ގުޅިގެން ނަޝީދު ދެއްކެވި ވާހަކަފުޅަށް ޗައިނާގެ ސަފީރުވެސް ވަނީ ރައްދު ދެއްވާ ނަޝީދު ހައްދަވަނީ އިތުރުފުޅުކަން ހާމަކޮށްދެއްވާފައެވެ.


 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...