ރާއްޖެ އިޝްތިހާރު ކުރާނެ ކޮތަޅު ޑިޒައިން ކުރުމުގެ މުއްދަތު އިތުރުކޮށްފި

ދިވެހިރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާނެ ކޮތަޅު ޑިޒައިން ކުރާނެ ފަރާތެއް ހޯދުމުގެ މުއްދަތު ތިންވަނަ ފަހަރަށް އިތުރުކޮށްފިއެވެ.
މި ފުރުސަތު ފުރަތަމަ ހުޅުވާލާފައި އޮތީ ޖޫން މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް ޖޫން މަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް މުއްދަތު އިތުރު ކުރުމަށްފަހު މިހާރު އެ މުއްދަތު ވަނީ ޖުލައިމަހުގެ 17 ވަނަ ދުވަހަށް އިތުރުކޮށްފައެވެ.
އުމުރުން 18 އަހަރުވެފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އަދި ދިވެހި ކުންފުންނި ތަކަށް މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. އެގޮތުން މުބާރާތުން އެއްވަނަ އަށް ހޮވޭ ފަރާތަކަށް 25،000ރ ގެ ފައިސާގެ އިނާމް ވަނީ ހުށަހަޅާފައެވެ.
އެމްއެމްޕީއާރްސީ އިން ވަނީ މުބާރާތުން އެއްވަނަ އަށް ހޮވޭ މަންޒަރު ތީމެއްގެ ގޮތުގައި ބަލައިގަނެ، އެހެނިހެން މަރޗަންޑައިސްގައި ވެސް އެއާ ގުޅޭ މަންޒަރުތައް ޕްރިންޓްކޮށް އިޝްތިހާރު ކުރާނެ ކަމަށް ބުނެފައެވެ.
އެމްއެމްޕީއާރްސީ އިން ބުނީ މިފަދަ ކޮތަޅަކީ ރާއްޖެ އިޝްތިހާރު ކުރުމަށް ބާއްވާ ފެއަރ އަދި ރޯޑް ޝޯވްތަކުގައި ވަރަށް މަޤުބޫލް ހަދިޔާއެއް ކަމަށެވެ. އެހެން ކަމުން ކޮތަޅު އިޝްތިހާރު ކުރުމަށް ހުށަހަޅާ ފަރާތްތަކުން "ވިޒިޓް މޯލްޑިވްސް" ލަފްޒު ބޭނުންކޮށް، ރާއްޖެ އިޝްތިހާރު ކުރުމަށް ބޭނުންކުރާ "ދަ ސަނީ ސައިޑް އޮފް ލައިފް" ރަމްޒުކޮށްދޭ މަންޒަރުތައް ހުރުން މުހިންމު ކަމަށެވެ.
މިއީ ރާއްޖޭގެ ތިބި ފަންނުވެރިންގެ އަގު ވަޒަންކޮށް އެ ފަރާތްތަކުގެ ހުނަރު ދައްކާލުމުގެ މަޤްސަދުގައި ހުޅުވާލި ފުރުޞަތެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.