ކޮޕާ އެމެރިކާގައި ޗިލީ ބަލިކޮށް އާޖެންޓީނާ ތިންވަނަ ހޯދައިފި

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ތިން ވަނަ ލިބުނުނަމަވެސް، މުބާރާތުގައި ކޮރަޕްޝަން ހިމެނޭކަމަށް ތުޙުމަތުކޮށް ބްރޯންޒް މެޑަލް ނަގަން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ދެކޮޅު ހަދައިފިއެވެ.

ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ތިންވަނަ ހޮވި މެޗުގައި ޗިލީގެ މައްޗަށް އާޖެންޓީނާ ކުރި ހޯދީ ދޭއް އެކެއްގެ ނަތީޖާއިންނެވެ. މި މެޗު ފެށިގެން ރަނގަޅަށް ކުޅެމުންދިޔައީ އާޖެންޓީނާއިންނެވެ.

މި މެޗުގައި އާޖެންޓީނާގެ ފުރަތަމަ ލަނޑުޖެހީ މެޗުގެ 12 ވަނަ މިނެޓްގައެވެ. ލިބުނު ހިލޭ ޖެހުމެއްގައި ޗިލީ ކުޅުންތެރިންނަށް އޮޅުވާލުމަށްފަހު އަރިމަތިން އެރި އަގުއެރޯއަށް މެސީ ފޮނުވާލި ބޯޅަ އޭނާ ޖެހީ ގޯލް ތިރީ ކަނަށެވެ. އެ ލަނޑަށްފަހުވެސް އާޖެންޓީނާއިން ދިޔައީ ޗިލީގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސް ކުރަމުންނެވެ.

މެޗުގެ 22 ވަނަ މިނެޓުގައި ޒުވާން ފޯވާޑް ޕައުލޯ ޑިބާލާގެ ލަނޑުން އާޖެންޓީނާ ވަނީ ލީޑު ފުޅާކޮށްފައެވެ. އޭނާ އެ ލަނޑު ކާމިޔާބު ކުރީ ޗިލީގެ ކީޕަރު ބޯމަތިން ގޯލް ދުރުކަނަށް ފޮނުވާލައިގެންނެވެ.

މެޗުގެ 37 ވަނަ މިނެޓުގައި ހިނގި ހަމަނުޖެހުމަކާއެކު ޗިލީގެ ކެޕްޓަން ގެރީ މެޑަލް އާއި އާޖެންޓީނާގެ ކެޕްޓަން މެސީއަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. މިއީ ފުޓްބޯޅަ ކެރިއަރުގައި މެސީއަށް ދެއްކި ދެވަނަ ރަތްކާޑެވެ.

މި މެޗުގެ 59 މިނެޓްގައި ވީއޭއާރު ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެއް ކާމިޔާބުކޮށް ޗިލީއަށް ސުން ކަނޑުވާލަ ދިނީ އަތޫރޯ ވިދާލްއެވެ.

މުބާރާތުގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުޙުމަތުކޮށް ބްރޯންޒް މެޑަލް ޙަވާލުކުރެވުނު ރަސްމިއްޔާތަށް ނުކުންނަށް މެސީވަނީ ދެކޮޅުހަދާފައެވެ. އެގޮތުން މި މުބާރާތަކީ ބްރެޒިލްއަށް ފައިދާއަށް ކަންކަން އިންތިޒާމް ކޮށްފައިވާ މުބާރާތެއްކަން ޝައްކެއް ނެތް މިންވަރަށް އެނގޭ ކަމަށް މެސީ ވަނީ ބުނެފައެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ބުދަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 1 ޖަހާއިރެވެ. ފައިނަލުގައި ވާދަކުރާނީ ޕެރޫ އަދި މުބާރާތް ބާއްވާ ގައުމު ބްރެޒިލްއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...