ޖީއެމްއާރު ޑްރާމާގެ އިތުރު އެޕިސޯޑެއް ސްކްރީނަށް އަންނަނީ ބާ؟

2008 ވަނަ އައި އެމްޑީޕީ ވެރިކަމުގައި ފެނިގެން ދިޔައީ އިންވެސްޓުމަންތުތައް ދިނުމުގައި ވަކި ޤައުމެއްގެ ވަކި ބަޔަކަށް އިސްކަން ދެމުން އައި މަންޒަރެވެ. އަދި އޭގެ ސަބަބުން ޤައުމު ބޮޑު އަދަވަޅަކަށް ވެއްޓިގެން ގޮސް ޤައުމުގެ މުޅި އިޤްތިސާދު ހަލާކުވެގެން ދިޔައެވެ. އަނެއްކާވެސް އެފަދަ ކަމެއްގެ ކުލަވަރު ފެންނަން ފަށައިފިއެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަން ކުރެއްވި ކުރު މުއްދަތަކީ ދިވެހި ތާރީޚުގައިވެސް މި ޤައުމު އެންމެ ބޮޑަށް ދަރަނިވެރިވެގެން ދިޔަ ދުވަސްވަރެވެ. އިޤްތިޞާދު ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ރާއްޖޭއަށް ދިމާވި ބޮޑު ތަދުގެ ދުވަސްވަރު ނޫނީ ދިވެހި އިޤްތިޞާދު އެންމެ ދަށްވެގެން ދިޔަ ދުވަސްވަރަކަށް އެ ދުވަސްވަރު ވާނެއެވެ.

އެކަމުގެ ސަބަބުތައް ވެސް ބައިވަރެވެ. އެންމެ ފުރަތަމަ ކަމަކީ ވެރިކަމާއި ޤައުމު ހިންގުމުގެ ތަޖުރިބާ ނެތް މީހަކަށް ޤައުމުގެ ވެރިކަން ހަވާލުކުރުމެވެ. އަދި އިޤްތިޞާދުފުޅާ ކުރުމަށް ކުރަންޖެހޭ އެއްވެސް ކަމެއްގެ ތަޖުރިބާ ނެތް ބަޔަކާ ޤައުމުގެ އިޤްތިޞާދީ ކަންކަން ހަވާލުކުރުން ވެސް މިއީ އޭގެ ތެރޭގައި ހިމެނޭ ކަންކަމެވެ.

ރައީސް ނަޝީދުގެ ދުވަސްވަރު ރާއްޖޭގެ މުހިއްމު ތަންތަނާއި އިޤްތިޞާދާ ގުޅުން ހުރި ބިޔަ ބޮޑެތި މަޝްރޫޢުތައް ވަކި ބަޔަކަށް ނުވަތަ އެމަނިކުފާނާ ގާތް ގުޅުން އޮންނަ ބޭރުގެ ކުންފުނިތަކާ ދިގު މުއްދަތަކަށް ހަވާލުކުރެއްވިއެވެ. އަދި އެއިން ކަމަކުން ދިވެހިންނަށް ވީ ފައިދާ އެއް ނެތްއިރު ބޮޑެތި އަދަދުތަކުން ޤައުމު ދަރަނިވެރިވިއެވެ.

އޭގެ ތެރެއިން ފާހަގަކުރެވޭ އެންމެ ބޮޑު އެއް ކަމަކީ ރާއްޖޭގެ އިގްތިޞާދީ މައި ތަނބުކަމުގައި ބެލެވޭ ރާއްޖެއަށް ބޭރު ފައިސާ ވަންނަ މައި ދޮރާށި ދިވެހިންގެ ފަޚްރުވެރި އެއާޕޯޓް އިންޑިޔާގެ ޖީއެމްއާރަށް 25 އަހަރަށް ހަވާލުކުރުމެވެ.

ބޭރުގެ ކުންފުންޏަކަށް އައިއެންއައިއޭ ހިންގުމަށް ޙަވާލުކުރުމުން އެއަރޕޯޓަށް އަވަސް ތަރައްޤީއެއް އަންނާނެކަމަށް އޭރު ސަރުކާރުގައި އިސްކޮށް ތިއްބެވި ފަރާތްތަކުން ކެނޑިނޭޅި ބުނުމާއެކު މަޖިލީހުގެ ތެރެއިން މެމްބަރުން އެކަމަށް ދެކޮޅު ހަދަމުން ދަނިކޮށް ޤާނޫނާއި ޚިލާފަށް ގާނޫނުން ބޭރުން އެކަމަށް އެއްބަސްވުމެއް ހަދާ އެއަރޕޯޓް ޙަވާލުކުރުމުގެ ބިންގާ އެޅިގެންދިޔައެވެ.

ނަމަވެސް އެކަމުގެ ސަބަބުން ދަޢުލަތަށް އެކި ގޮތްގޮތުން ލިބެންޖެހޭ ފައިދާގެ ބޮޑު ބައެއް ޖީއެމްއާރު ކުންފުނިން ނެމުގެ ނަތީޖާއެއްގެ ގޮތުން ދިވެހި ދަޢުލަތް ބަނގުރޫޓް ވުމާއި ގާތަށް ދިޔައެވެ. އެހެންކަމުން ކުރީގެ ރައީސް ވަޙީދުގެ ސަރުކާރުން އެ އެއްބަސްވުން ބާޠިލްކުރުމަށް ނިންމިއެވެ.

އަދި އެ އެއްބަސްވުން ބާޠިލުކުރުމުން އާރބިޓްރޭޝަނުގައި ބަދަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން އެއް ބިލިއަން ރުފިޔާ ޖީއެމްއާރަށް ދޭން ޖެހި ޤައުމަށް ގިނަ ދަތިތަކާ ކުރިމަތިވިއެވެ. 
ނަމަވެސް ދިވެހި ރައްޔިތުންނަށް އެކަން އިހުސާސް ވިޔަ ނުދެއްވާ އެކަންކަން ހައްލުކޮށްދެއްވީ ރާއްޖޭގެ ތަރައްޤީގެ ބާނީ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމެވެ.

ބުރަ މަސައްކަތްތަކެއް ކޮށްގެން ގާއިމްކޮށްފައިވާ، ކާބަފައިންގެ ތަރިކައެއް ކަމުގައިވާ އެއާޕޯޓް ގާދޫކޮލުން ބޭރަށް ދިޔައިރު އޭރު މުޅި ދައުލަތް އޮތީ އެކަމަށް ނުކުޅެދިފައި ކަމަށާއި، އެއާޕޯޓް ޖީއެމްއާރަށް ދިނުމަކީ އިގްތިސާދީ ކުށެއް ކަމުގައި އޭރު އެމަނިކުފާނު ވިދާޅުވިއެވެ.

ކޮންމެ އަކަސް އަނެއްކާވެސް އެކަހަލަ ކަމެއްގެ ކުލަވަރު ފެންނަން ފަށައިފިއެވެ. ޖީއެމްއާރުގެ ނަން ދިވެހި މުޖުޠަމައުގައި ގުގުމާލައިފިއެވެ. ބޭރުގެ އިންވެސްޓުމަންޓްތަކަށް ދޮރުތައް ހުޅުވާލަމުންދާ ދުވަސްވަރެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުމިވަނީ ޖީއެމްއާރަކީ ހެޔޮ އަގުގައި އިންވެސްޓް ކުރާ ބައެއްގެ ގޮތުގައި ސިފަކުރައްވަން މަސައްކަތްޕުޅު ކުރައްވާފައެވެ.

އެގޮތުން އިންޑިއާގެ ތިންކް ޓޭންކްގެ އެނުއަލް ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ޗައިނާގެ ސެކަންޑް ހާބާ އިންޖިނިއަރިން ސީސީސީ ކުންފުންޏަށް ބްރިޖް އަޅަން ދިނީ 300 މިލިއަން ޑޮލަރަށް ކަމަށާއި އެހެން ނަމަވެސް އެ ބްރިޖު އަޅައިދޭން އިންޑިއާގެ ޖީއެމްއާރުން ހުށަހެޅީ 77 މިލިއަން ޑޮލަރަކަށް ކަމަށެވެ.

މިހާ ހިސާބުން ކަމާ ބެހޭ މާހިރުން ވަނީ ސުވާލު އުފައްދަން ފައްޓާފައެވެ. ނަޝީދު ވިދާޅުވާ ބަޔަކަށް ޤައުމުގެ އެއާޕޯޓް ދިނުމުން ވެގެންދިޔަ ގޮތާމެދު ގިނަ ބަޔަކު ވަނީ ސުވާލު ކުރަން ފަށާފައެވެ.

ތަފާސް ހިސާބުތަކުން ދައްކާގޮތުން ޖީއެމްއާރުން އެއާޕޯޓް ހިންގަމުންދިޔައިރު، ރާއްޖޭގެ އެއާޕޯޓް ކުންފުންޏަށް ކޮންސެޝަން ފީގެ ގޮތުގައި، ނުވަތަ ލިބޭ އާމްދަނީގެ ގޮތުގައި، އެންމެ ސޯޅަ މިލިއަން ރުފިޔާ ލިބިފައިވާއިރު މިއީ ވިޔަފާރިކުރާ އާދައިގެ ކުންފުންޏަކަށް ވެސް އަހަރެއްގެ ޓާން އޯވާއަށް ލިބޭނެ މިންވަރުކަމަށް އެ ބޭފުޅުން ވިދާޅުވާން ފަށައިފިއެވެ.

މި މައްސަލައާއި ގުޅިގެން އިތުރު ބޭފުޅުން ވިދާޅުވަމުން ދަނީ މާލެ އާއި ވިލިމާލެއާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށް ސަރުކާރުން އަޅަން ނިންމާފައިވާ ބްރިޖުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހު ފެށުމަށް ތައްޔާރު ވަމުންދާ މަސައްކަތް ޖީއެމްއާރުއާ ހަވާލުކޮށްފާނެ ކަމުގެ ސިގްނަލެއް ރައީސް ނަޝީދު ދެއްވަމުންދާ ކަމަށެވެ.

އެގޮތުން ގައުމެއް ހިންގަން ނޭނގޭ ބަޔަކަށް ވެރިކަން ހަވާލުކުރުމުން އެފަދަ ގޮތެއް ވުން ގާތް ކަމެއްގެ ގޮތުގައި ވަނީ ބެލެވެން ފަށާފައެވެ. އެހެން ކަމުން އިގްތިޞާދީ މާހިރުން ކުރިން ވިދާޅުވެފައި ހިކުމަތްތެރި ބަސްވުޅު ހަނދާނަށް ގެނައުމަކީ މުހިންމު ކަމެކެވެ.

ކޮންމެއަކަށް އިގްތިޞާދީ މާހިރެއް ކަމުގައި ގިނަ ބަޔަކު ގަބޫލް ކުރާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ވިދާޅުވި ފަދައިން މޮޔައެއްގެ އަތަށް ކަނޑިއެއް ދިނުމުން ކޮންމެފަދަ ކަމެއްވެސް ހިނގުމަކީ އެކަށީގެންވާ ކަމެކެވެ.

އެއާއެކު އަމިއްލަފުޅަށް އިސްތިއުފާ ދެއްވާފައި ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފެނިގެން ދިޔަ ޖީއެމްއާރް ޑްރާމާގެ އިތުރު އެޕިސޯޑުތަކެއް އަލުން ފެނުމަކީ ދުރުގައިވާ ކަމެއް ނޫނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...