ބޭސް ފަރުވާއަށްފަހު އަދީބް ރާއްޖެ ވަޑައިގެންފި

ސިއްޙީ ފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ކުރީގެ ނައިބް ރައީސް އަހްމަދު އަދީބް އެނބުރި ރާއްޖެ ވަޑައިގަންނަވައިފިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ބޭސްފަރުވާ އަށް އިންޑިޔާގެ ބެންގަލޫރަށް ވަޑައިގެންނެވި ކުރީގެ ނައިބް ރައީސް އަދީބް އެނބުރި ރާއްޖެ ވަޑައިގެންފައި ވަނީ އަނބިކަނބަލުން މަރިޔަމް ނަޝްވާ އާ އެކުގައެވެ. އަދީބު އެނބުރި މާލެ ވަޑައިގެންނެވީ މިއަދު ހަވީރު 3:30 އެހާކަންހާއިރު އެވެ.

އަދީބު އަނބުރާ ވަޑައިގެންނެވި ނަމަވެސް ހަ މަސް ދުވަސް ފަހުން އަލުން ޑޮކްޓަރަށް ދެއްކެވުމަށް އަދީބު ބެއްލެވި ޑޮކްޓަރުން ވަނީ ލަފާ ދެއްވާފަ އެވެ.

ބޮޑެތި ތުހުމަތުތަކެއް ކުރެވިފައިވާ އަދީބު ބޭސްފަރުވާއަށް އިންޑިއާއަށް ވަޑައިގެންނެވީ، މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. އެންމެ ފުރަތަމަ އަދީބު ރާއްޖެ ވަޑައިގަންނަވަން ކަރެކްޝަންސް އިން ދީފައިވާ މުއްދަތަކީ މިދިޔަ މަހުގެ 25 ވަނަ ދުވަހެވެ. ނަމަވެސް 10 ދުވަސް އަދީބުގެ ބޭސްފަރުވާއަށް ކަރެކްޝަންސް އިން ވަނީ އިތުރުކޮށް ދެއްވާފައެވެ.

މާލެ ވަޑައިގަތުމުގެ ކުރިން އިންޑިއާގައި ހުންނަވާ އަދީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެއީ ޒިންމާތަކުން ރެކިލައްވާނެ ބޭފުޅެއް ނޫން ކަމަށާއި ތުހުމަތުތަކަށް ފުރިހަމައަށް ޖަވާބު ދާރީވެ ތަހުގީގުތަކަށް ފުރިހަމަޔަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ. އަދި އަބަދުވެސް ގައުމަށް ހިދުމަތް ކުރައްވަން ބޭނުން ފުޅުވާ ކަމަށާއި އުފަލާއި ދަތި ވަގުތުތަކުގައި ވެސް ގައުމަށް ހިދުމަތް ކުރުން ހުއްޓައިނުލައްވާނެ ކަމަށެވެ.

މީގެ އިތުރުން ޖަލުގައި ހުންނަވަން ޖެހިވަޑައިގަތުމުން ލިބި ވަޑައިގެންނެވި އެންމެ ބޮޑު ފިލާވަޅަކީ ސުލްހަ އިސްކުރުން ކަމަށް ވެސް އަދީބު ވަނީ ވިދާޅުވެފައެވެ.

އަދީބުގެ އާއިލާއިން ވިދާޅުވީ އޭނާ ފަރުވާ ހޯއްދަވަނީ، ލޮލުގެ ފެނުން ގެއްލުމުގެ ފުރުސަތު ބޮޑު، ގްލޮކޯމާ ނަމަކަށް ކިޔާ ލޮލުގެ ބައްޔަކަށް ކަމަށެވެ. އަދި ކެންސާ ސުކުރީނިން އެއްވެސް އަދީބް އިންޑިއާގައި ހައްދަވައިފައިވާ ކަމަށް އާއިލާއިން މައުލޫމާތު ދެއްވައެވެ.

އަދީބު ރާއްޖެއިން ބޭރަށް ފޮނުއްވައިފިނަމަ ފިއްލަވާނެ ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެކަމާ ގުޅިގެން، އަދީބު ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ފޮނުއްވީ ފުލުހުންނާއި ކަރެކްޝަންސްގެ އޮފިސަރުން ހިމެނޭ ގޮތުން ހަ ބޭފުޅުންގެ ޓީމަކާ އެކު އެވެ.

އަދީބު އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު އޭނާގެ މައްޗަށް އިއްވާފައިވާ ހުރިހާ ބޮޑެތި ހުކުމްތަކެއް ވަނީ ކޯޓްތަކުން ބާތިލް ކުރައްވާފައެވެ. އޭނާގެ މައްޗަށް ހަމައެކަނި އޮތީ ކޯޓްގެ ހުރުމަތް ކަނޑައިގެން އިއްވާފައިވާ 15 ދުވަހުގެ ޖަލު ހުކުމެކެވެ. އެ ހުކުމްގައި ދެން ފުރިހަމަ ކުރަން އޮތީ ދެތިން ދުވަހެވެ.

ނަމަވެސް، މިފަހުން ސުޕްރީމް ކޯޓުން ވަނީ އަދީބަށް ރާއްޖެއިން ފުރައިގެން ނުދެވޭނެ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރުނެރެފަ އެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...