ދައުރު ނިމުމުގެ ކުރިން، އެއްލައްކައަށް ވުރެ ގިނަ ޒުވާނުންނަށް ވަޒީފާދިނިން: ރައީސް ޔާމީން

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރު ފުރިހަމަކޮށް ނިންމެވިއިރު، ލައްކައަށްވުރެ ގިނަ ޒުވާނުންނަށް ވަޒީފާ ދެއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވާ ބަސްފުޅު ތަކުރާރުކުރައްވައިފިއެވެ.

ބްރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި "ފޭރުމާއި ދެކޮޅަށް" ނަމުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަނުން ބޭއްވި އެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ގިނަ އަދަދެއްގެ ޒުވާނުންނަށް ވަޒީފާ ހަމަޖައްސައި ދެއްވި ނަމަވެސް މި ސަރުކާރުން އެކަން އެގޮތަށް ނުކުރައްވާ ކަމަށެވެ. އަދި މިހާރުގެ ސަރުކާރުން ވަޒީފާ ދެނީ މުޅިންވެސް ވަކި ކުލައެއްގެ ބަޔަކަށް ބަލައިގެން ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ސަރުކާރު ނިމުނުއިރު އެއްލައްކައަށް ވުރެ ގިނަ ޒުވާނުންނަށް ވަނީ ވަޒީފާ ލިބިފައި. އެހެން ނަމަވެސް މިއަދު ޒުވާނަކަށް ވަޒީފާއެއް ނުލިބޭ. މިއަދު ހަމައެކަނި ވަކި ގިންތިއެއްގެ ވަކި ކުލައެއްގެ ބަޔަކަށް ވަޒީފާ ލިބިދާނެ ކަންނޭނގޭ. އެކަމަކު އެ ނޫން ޒުވާނަކަށް ވަޒީފާއެއް ނުލިބޭ." ރައީސް ޔާމީން ވިދާޅުވިއެވެ.

ލައްކައަށް ވުރެ ގިނަ ޒުވާނުންނަށް ވަޒީފާ ދީފައިވާ ކަމަށް ބްރާސްފަތި ދުވަހުގެ ރޭ ރައީސް ޔާމީން ވިދާޅުވިއިރު އޭގެ ކުރިން ވެސް އެމަނިކުފާނު ވަނީ ތަކުރާރުކޮށް އެ ވާހަކަފުޅު ވިދާޅުވެފައެވެ. އެގޮތުން ރައީސް ޔާމީންގެ ސަރުކާރުގައި ރާއްޖޭގައި 94،000 ވަޒީފާ އުފެއްދުމަކީ އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމެނޭ މުހިންމު ވައުދަކަށްވީ އިރު އެ ވައުދުފުޅު ފުރިހަމަކޮށް ދެއްވި ކަމަށް ރައީސް ޔާމީނާއި އެމަނިކުފާނުގެ ސަރުކާރުގެ އެކި ވަޒީރުން ގެންދެވީ ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

ޒުވާނުންގެ ރައީސްގެ ގޮތުގައި ގިނަ ބަޔަކު ގަބޫލް ކުރަމުން އަންނަ ރައީސް ޔާމީންގެ ޒައާމަތުގައި ދިވެހި ޒުވާނުންނަށް ލައްކަ އަކަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތު ހުޅުވާލަދިން ނަމަވެސް މި ސަރުކާރު ވުޖޫދުވި ފަހުން ސަރުކާރުގެ އެކިއެކި ވުޒާރާތަކުންނާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ގިނަ ބަޔަކު ވަޒީފާއިން ވަކި ކުރަމުންދާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.

ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ ސަރުކާރު އައި ފަހުން ފެނަކަ ކޯޕަރޭޝަންގެ އެކި ބްރާންޗް ތަކުން ސަތޭކައަށްވުރެ ގިނަ މީހުން ވަޒީފާއިން ވަކިކޮށްފައިވާއިރު، ސަރުކާރު ހިއްސާވާ އެހެން ކުންފުނިތަކުންވެސް ގިނަ ބަޔަކު ވަޒީފާއިން ވަކިކުރާ ކަމުގެ ޝަކުވާ ވަނީ އިތުރުވެފައެވެ.

ކުރީގެ ސަރުކާރުން ވަޒީފާދިން ގިނަ ބަޔަކު މި ސަރުކާރުން ވަކި ކުރިނަމަވެސް ސިޔާސީ ގޮތުން އެއްވެސް މީހަކު ވަޒީފާއިން ވަކި ނުކުރާނެ ކަމަށާއި އެއްވެސް ރައްޔިތަކަށް ވަޒީފާގެ ބިރުވެރިކަން ނޯންނާނެ ކަމަށް މިދިޔަ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވަނީ ވައުދުވެ ވަޑައިގަންނަވާފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...