ލުޠުފީ މިއަދު ޤައުމަށް ޖެހިފައި އޮތް ވަބާއެއް

ނަވާރަ ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮބެމްބަރު މަހުގެ ތިންވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ އަބްދުﷲ ލުޠުފީގެ ނަމަކީ މިއަދު ޒުވާން ޖީލުތަކަށް ވަރަށް އާ ނަމަކަށް ވެދާނެ އަދި އޭނާ ރާއްޖޭއަށް ކުރިމަތި ކުރުވީ ކިހާ ނުރައްކާތެރި ކަމެއް ކަންވެސް އެ ކުދިންނަށް އިހުސާސު ނުކުރެވޭނެއެވެ. ނަމަވެސް މިއަދު ލުޠުފީ މިނަމަކީ މިއަދު މުޅި ޤައުމުގައި ގުގުމާލާފައިވާ ނަމެކެވެ. ބޮޑު ޚާއިނެއްގެ ގޮތުގައެވެ.

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު މި ލޮބުވެތި ޤައުމުގައި ލޭގެ ކޯރަކާ އެކު ކަރުނައިގެ ސާލެއް ދެމިގެން ދިޔައީ ހ.ހާޖަރާގޭ އަބްދުﷲ ލުޠުފީއޭ ކިޔާ ބޮޑު ބާޣީއަކާ ހުރެއެވެ. ސްރީލަންކާއަށް ނިސްބަތްވާ ކުލީ ސިފައިންގެ ބަޔަކުގެ ގޮވައިގެން އައިސް އެ ބޮޑު ބާޣީ އެ ބޮޑު ޚާއިނުވަނީ މުޅި ޤައުމުގެ ދިފާއީ ބާރުތައް ނެތިކޮށްލާ މި ޤައުމު އެމީހުންގެ ބާރުގެ ދަށަށް ގެންދަން މަސައްކަތްކޮށްފައެވެ. ނަމަވެސް މާތް ﷲގެ ވާގިފުޅާއެކު އެ ދުވަހު ދިވެހިންނަށް ނަޞްރު ލިބުނީ ދިވެހި ސިފައިން ކުރި މިންނެތް މަސައްކަތުންނެވެ.

އަދި ލިބުނު ނާކާމިޔާބީ އާ އެކު ލުޠުފީ އޭނާގެ ބައިވެރިންނާއެކު މޯލްޑިވްސް ނެޝަނަލް ޝިޕިން ލިމިޓެޑް ބޯޓެއް ކަމަށްވާ އެމްވީ ޕްރޮގްރެސް ލައިޓަށް އަރައިގެން ދިވެހިންތަކެއް ރަހީނުކޮށްގެން ފިލަން މަސައްކަތްކުރިއެވެ. އަވަށްޓެރި އިންޑިޔާ ސިފައިންގެ އެހީއާއެކު އެ ބޯޓު ހޯދާ ރާއްޖެއާ ހަމަލާދިން އެންމެން އިންސާފުގެ ކުރިމައްޗަށް ގެނެވި ހުކުމް ކުރެވިގެންދިޔިއެވެ. އެއާއެކު އެ ހާދިސާގައި ޝަހީދުވެގެން ދިޔަ ޝަހީދުންގެ އާއިލާތަކަށް ހިތްހަމަޖެހުމެއް ލިބިގެންދިޔައެވެ. ބައްޕަ ނުވަތަ ބޭބޭ ނުވަތަ ކޮއްކޮ ނުވަތަ ދަރިފުޅަށް އިންސާފު ލިބިގެން ދިޔައީމައެވެ.

ނަމަވެސް 2010 ވަނަ އަހަރު ބޭސް ފަރުވާއަށް އިންޑިޔާއަށް ފޮނުވުމުން ދިޔަ ނުދިޔަ ގޮތްވެސް ނޭނގި ފިލައިގެން ގޮސް ކަމަށް ބުނެ ލަންކާގައި ލުޠުފީ ދިރިއުޅެން ފެށިއެވެ. ބޮދަނަ ފިލާއޮންނަހެންނެވެ. އޭގެ ފަހުން ނުވަ އަހަރު ވެގެން ދިޔައިރުވެސް ލުޠުފީ އޭ ކިޔާ އެ ބޮޑު ޚާއިނުގެ ހިލަމެއް ނުވެއެވެ.

މިހެން ހުއްޓާ އޭގެ އަހަރުތަކެއް ފަހުން އަނެއްކާވެސް އެ ބޮޑު ބާޣީގެ އުނދަގޫ މި ދިވެހިން ތަހައްމަލު ކުރަން ޖެހިއްޖެއެވެ. ފިލައިގެން އުޅުނު ލުޠުފީ އަމިއްލައަށް ސަރަންޑާކޮށް ދިވެހި ސަރުކާރާ ހަވާލުވީ ކަމަށްވިއެވެ.

ނަމަވެސް ދިރިއުޅެމުން ދިޔައީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފުރިހަމަ އިއްޒަތުގައެވެ. ބޭނުން ކުރަމުން ދިޔައީ ދިވެހި ރައްޔިތުންގެ ފައިސާއެވެ. އޭނާގެ އަތުގައި އެބައެއްގެ ލޭ ހޭކިފައިވާ އެއްކަލަ ނަވާރަ ޝަހީދުންވެސް ހިމެނޭ ގޮތަކަށެވެ. ލަދެއްވެސް ނުގަނޭ ބާއޭ ހިތައް އަރައެވެ.

ކޮންމެ އަކަސް ލުޠުފީގެ ކޭސް އާ ގުޅިގެން ޤައުމުގެ ވަލިޔުއްލު އަމްރު ވަނީ ހެއްވާ ވާހަކައެއް ވިދާޅުވެފައެވެ. ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ސޯލިހު ވިދާޅުވީ، ލުތުފީ މިހާރު ހުރީ އެމްބަސީގެ ބެލުމުގެ ދަށުގައި ނޫން ކަމަށާއި، އޭނާ ހުރީ "އަޅުގަނޑުމެންގެ" ބެލުމުގެ ދަށުގައި ކަމަށެވެ.

މީގެ މާނަ އަޅުގަޑުމެން ކުރަންވީ ކިހިނެތްތޯއެވެ؟ މިއީ އަނެއްކާ އެމްޑީޕީން ޚަރަދުކޮށްގެން ލުޠުފީ ސްރީލަންކާގައި ގެންގުޅުނު ވާހަކަތޯއެވެ.

ކޮންމެ އަކަސް މި ލުޠުފީއަކާ ހުރި ދިވެހި އެތައް ރައްޔިތަކު ނިދިން މަހްރޫމުވެ ދިވެހިންގެ ހިތްތަކުގެ ހަމަޖެހުން ގެއްލިއްޖެއެވެ. އަނެއްކާ އެ ބުނާ ޚާއިނަކު ގެންނަން ދިވެހި ރައްޔިތުންގެ ފައިސާއިން ތިން ހާސް ޑޮލަރަށްވުރެ ގިނަ ފައިސާ އެބަ ޚަރަދުވެއެވެ.

އެކަންވެސް ކުރަންވީ ދިވެހި ރައްޔިތުން ދައްކާ ޓެކްސް ފައިސާއިންނެވެ. އިންސާފުކޮބައިތޯއެވެ؟ ލުޠުފީ އެމްބަސީގައި ރައްކާކޮށްގެން ގެންގުޅުނު މައްސަލައިގައި ދިވެހި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީންވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކުރައްވާ އެމައްސަލަ ތަހުގީގުކުރަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.


ނަމަވެސް އެ ހިތްވަރު މި ސަރުޚާރުގައި ހުރިތޯ އެމަނިކުފާނު ސުވާލުކުރައްވާފައިވެއެވެ.

މީގެ އިތުރުން ލުޠުފީ ސްރީލަންކާގެ އެމްބަސީގައި ރައްކާކޮށްގެން ގެންގުޅުމަކީ ލަދު ހުތުރު ކަމެއްގެ ގޮތުގައި ކޮންގްރެސް ޕާޓީގެ ނައިބު ރައީސް އަހުމަދު ނިހާނު ހުސެއިން މަނިކުވެސް ވަނީ ސިފަކުރައްވާފައެވެ.

ނިހާނު ވިދާޅުވެފައިވަނީ ގައުމާއި ދީނަށްޓަކައި ހަނގުރާމަކޮށް ޝަހީދުވި، ޝަހީދު ހުސައިން އާދަމްގެ ގަޔަށް ބަޑިޖަހައި ޝަހީދުކޮށްލި މީހަކު ދިވެހި އެމްބަސީއެއްގައި ބަހައްޓައިގެން ހިމާޔަތް ދިނުމަކީ ލަދުވެތި ކަން އިންތިހާއަށް ދާންޖެހޭވަރުގެ ކަމެއް ކަމަށެވެ.

ލުތުފީއަކީ ހަތިޔާރާއެކު ބޭރުގެ ބަޔަކު ރާއްޖެ ގެނެސް ސިފައިންނާއި ހަނގުރާމަކޮށް 19 ދިވެހިން ޝަހީދުކޮށް އެތައް ރައްޔިތުންނަކަށް އަނިޔާތައް ދިން މީހެކެވެ. އަދި ރައްޔިތުން އަތުން ފޭރި ތަންތަން ލޫޓުވައިލުމުގެ އިތުރުން ބަޔަކު ރަހީނުކުރި މީހަކަށް މި ލުޠުފީވާއިރު އޭނާއަށް ދިވެހިން މައާފުކުރާނީ ކިހިނެތްތޯއެވެ.

ހިތް ނެތް ހިމާރަކަށް މެނުވީ އެކަމެއް ނުވާނެ ކަމަށް ގައުމިއްޔަތަށް ލޯބިކުރާ ދިވެހި ރައްޔިތުންދަނީ ބުނަމުންނެވެ.


ކޮންމެއަކަސް މި ލުޠުފީއެއްގެ ވަބާ މި ޤައުމަށް ނުހަނު ބޮޑު ވެއްޖެއެވެ. މީނާގެ ކިބައިން މިންޖުވާނެ ގޮތެއް އަޅުގަޑުމެން ވިސްނަންވެއްޖެ ކަމަށް ޤައުމުގެ ކަންކަން ދިރާސާ ކުރާ ބޭފުޅުން ވިދާޅުވާން ފަށައިފިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...