ލުތުފީއަކީ ޚާއިނެއް، އޭނާއަށް މާފެއް ނުދޭނަން: ރައީސް

1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ރާއްޖެއަށް އުދުވާނީ ހަމަލާ ދިނުމުގެ އިސް މޭސްތިރިއަކަށް ހުރި، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީއަކީ ޚާއިނެއް ކަމަށާއި އޭނާއަށް މައާފް ނުކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.

ރާއްޖެދުއް އެންމެ ނުރައްކާތެރި އުދުވާނީ ހަމަލާގެ އިސް މޭސްތިރިޔާ ލުތުފީއާއި ގުޅޭގޮތުން މީޑިއާގައި ފުރުތަމަ ފަހަރަށް ވާހަކަފުޅު ދައްކަވަމުން، ރައީސް ޞާލިހް ވިދާޅުވީ، ލުތުފީއަކީ މި ޤައުމުދުއް އެއްމެ ބޮޑު ކުށްވެރިޔާ ކަމަށެވެ. އެހެން ކަމުން މާފު ދިނުމުގެ ބާރު ލިބިވަޑައިގެން ނަމަވެސް ލުތުފީއަށް މައާފް ނުދެއްވާނެ ކަމަށެވެ. އެގޮތުން މިހާރުގެ ސަރުކާރުގެ ވިސްނުމަކީ ވީ އެންމެ އަވަހަށް ލުތުފީ މާލެ ގެނެސް، އޭނާ ޖަލަށްލުން ކަމަށް ރައީސް ޞާލިހް ވިދާޅުވިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޞާލިހް ވިދާޅުވީ ލުތުފީ މާލެ ގެނައުމުގައި ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަނުކޮށް އޭނާ ގެނައުމަކީ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށެވެ. އެގޮތުން ލުތުފީ ގެނައުން ލަސްވަމުން ދަނީ ލަންކާގެ ބަންޑާރަ ނައިބު އޮފީހުގެ ލިޔުމެއް ނުލިބިގެން ކަމަށާއި އެ ލިޔުން ލިބުނުހާ އަވަހަށް އޭނާ މާލެ ގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްރީލަންކާ ސަރުކާރުގެ ހުއްދަ ނުލިބި ވަގަށް އޭނާ މާލެ ގެންނަން އުޅެއްޖެ ނަމަ، އަނެއްކާވެސް އޭނާ ސަރުކާރުގެ އަތް ދަށުން ދޫވުމަށް ޖާގަ ދޭން ބޭނުން ނުވާކަން ރައީސް ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ލުތުފީއަކީ ފިލައިގެން އުޅޭ މީހަކަށްވާތީ އިއްޔެ އޭނާ ލަންކާގެ ސީއައިޑީއަށް ހާޒިރުކޮށް ބަޔާނެއް ނަގާފައި ކަމަށާއި އެ ބަޔާން ނެގުމަށްފަހު އޭނާ ރާއްޖެ ގެނައުމުގައި މައްސަލައެއް ނެތް ކަމަށް ލަންކާގެ ސީއައިޑީ އިން އަންގާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެ އެންގުމާއެކު ބަންޑާރަ ނައިބުގެ ލިޔުން ލިބުމަށް ފަސޭހަވެގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅު ދޮގު ކުރެއްވުމަށްފަހު ރައީސް ޞާލިހް ވިދާޅުވީ، ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެފައިވަނީ މެއި މަހުގެ އެއްވަނަ ދުވަހު ކަމަށް މަޢުލޫމާތު ލިބިވަޑައިގެންނެވި ކަމަށާއި ހަމަ އެ ދުވަހުން ފެށިގެން ސަލާމަތީ ބާރުތަކާއި ގުޅިގެން އޭނާ ރާއްޖެ ގެނައުމުގެ މަސައްކަތް ފެށި ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ޞާލިހް މިހެން ވިދާޅުވި ނަމަވެސް ސަރުކާރުގެ އެއްވެސް މުއައްސަސާއަކުން ލުތުފީގެ މައްސަލަ ހާމަ ކުރައްވާފައެއް ނުވެއެވެ.

ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ލުތުފީ ހުރިކަން ދިވެހި ރައްޔިތުންނާ ހަމައަށް ތިލަކޮށްދެއްވީ، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުއެވެ. އޭގެ ކުރިން ސަރުކާރަށް އެ މައުލޫމާތު ލިބުނު ނަމަވެސް ސަރުކާރުން އޮތީ އެކަން ސިއްރުކޮށްފައެވެ. އަދި ލުތުފީ މައްސަލައިގާ ރައްޔިތުންގެ ކަންބޮޑުވުންތަކެއް ހުރި ނަމަވެސް ސަރުކާރުން ދިޔައީ އެކި ފަހަރު އެކި ގޮތަށް މަޢުލޫމާތު ދެއްވުމަށްފަހު ވަރަށް ބޮޑަށް ރައްޔިތުންނަށް އެކަން އޮޅުވާލުމަށް މަސައްކަތް ކުރައްވަމުންނެވެ.

މި މައްސަލައާއި ގުޅިގެން ރައީސް ވިދާޅުވީ ކުރިން އެކަން ހާމަ ކުރުމަކީ މުހިންމު ކަމެއް ކަމުގައި ދެކިވަޑައިނުގަންނަވާ ކަމަށެވެ. އެގޮތުން މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގެންނެވީ ލުތުފީ މާލެ ގެނެސް ޖަލަށްލުން ކަމަށާއި ސަރުކާރުން އެކަން ހާމަ ނުކުރީ އޭނާ އަނެއްކާވެސް ފިލައިގެން ދާނެ އެއްވެސް ފުރުސަތެއް ދޭން ބޭނުން ނުވާތީ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރައީސް ވަނީ އެހެން ސަރުކާރަކަށް އޭނާ އަތުވެފައިނުވާ ކަން ފާހަގަކުރައްވާފައެވެ.

ރާއްޖެ ދުއް އެންމެ ބޮޑު އުދުވާނީ ހަމަލާގެ މޭސްތިރިޔާ ރާއްޖެ ގެނައުމަށް ދައުލަތުން ބޮޑު ހޭދައެއް ކުރަން ޖެހުމާއި ގުޅޭގޮތުން ރައީސް ޞާލިހް ވިދާޅުވީ ލުތުފީ އަކީ ފިލައިގެން އުޅޭ މީހަކަށް ވުމުން އޭނާ ލަންކާގައި ދިރިއުޅުނީ ވިސާ ނެތި ކަމަށާއި އެހެން ކަމުން އޭނާ ގެންނަން ކުރަން ޖެހޭ ހޭދައަކީ ވިސާ އާނުކޮށް އޮތުމުން ސްރީލަންކާ ސަރުކާރަށް ދައްކަން ޖެހޭ 3،000 ޑޮލަރުގެ ޖޫރިމަނާގެ އިތުރުން ޓިކެޓްގެ އަގު ކަމަށެވެ. އެއާއެކު އެ ފައިސާ ސަރުކާރުގެ ހަރަދުން ކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...