އަންހެނުންގެ ވޯލްޑް ކަޕް ފައިނަލަށް ސްވިޑަން ދަތުރުކޮށްފި

ސްވިޑަން ބަލިކޮށް ފީފާ އަންހެނުންގެ ވޯލްޑްކަޕުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ނެދަލޭންޑްސް ދަތުރުކޮށްފިއެވެ.

ނެދަލޭންޑްސް މި މުބާރާތުގެ ފައިނަލަށް ދަތުރުކުރީ ސްވިޑަން އާއި ވާދަކުރި ސެމީފައިނަލް މެޗް 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. މި މެޗުގައި ދެ ޓީމަށްވެސް ވަނީ ގޯލުޖަހާނެ ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ސެމީ ފައިނަލް މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެޓީމުން ކުރެ ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މި މެޗުގައި ފެނުނު ހަމައެކަނި ގޯލް ޖަހާފައި ވަނީ އިތުރު ވަގުތުގެ ފުރަތަމަ ހާފުގައެވެ.

މެޗުގެ 99 ވަނަ މިނެޓްގައި ނެދަލޭންޑްސް ފައިނަލަށް ދަތުރުކުރި ގޯލް ކާމިޔާބުކޮށްދިނީ ޖެކީ ގްރޯނެންއެވެ. މި ގޯލަށްފަހު ނަތީޖާ އެއްވަރު ކުރުމަށް ސްވިޑަން އިން ކުރި މަސައްކަތްތައް ނެދަލޭންޑްސްގެ ޑިފެންސް ލައިނުން ވަނީ ބޭކާރުކޮށްލާފައެވެ.

މީގެކުރިންވެސް ސްވިޑަން ވަނީ މި މުބާރާތުގެ ސެމީފައިނަލުގައި ވާދަކޮށް ބަލިވެފައެވެ. އެގޮތުން މިއީ ވޯޯލްޑްކަޕުގެ ސެމީފައިނަލުން ސްވިޑަން ކެޓި ތިންވަނަ ފަހަރެވެ. އަދި މިއީ އަންހެނުންގެ ވޯލްޑްކަޕް ސެމީފައިނަލެއްގެ އިތުރު ވަގުތުގައި ކުޅެ ނަތީޖާ ނެރުނު ފުރަތަމަ ފަހަރެވެ.

މުބަރާތުގެ ފައިނަލުގައި ނެދަލޭންޑްސް ބައްދަލުކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އެމެރިކާއާއެވެ.

މުބާރާތުގެ ސެމީ ފައިނަލުން އެމެރިކާ ޖާގަ ކަށަވަރުކުރީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި އިންގްލެންޑްގެ މައްޗަށް 2-1 ގެ ނަތީޖާއިން މޮޅުވެގެންނެވެ. ނެދަލޭންޑްސް އާއި އެމެރިކާ ބައްދަލުކުރާ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...