މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ: އިންޑިއާގެ އަޅުވެތިކަމާ ގާތަށް ރާއްޖެއިން އަޅާ އިތުރު ފިޔަވަޅެއް

ދިވެހިރާއްޖެ އިންޑިއާގެ އަޅުވެތިކަމުގެ ދަށަށް މިސަރުކާރުން ގެންދަން މަސައްކަތް ކުރަމުންދާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އަނެއްކާވެސް ފެނިގެން މިދަނީ މި ސަރުކާރުން އެކަމާ ގާތަށް އަނެއްކާވެސް އިތުރު ފިޔަވަޅެއް އެޅި މަންޒަރެވެ.

މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ މި ބަހަކީ ދިވެހިންނަށް އާ ބަހަކަށް ވެދާނެއެވެ. އަދި އެއީ ކޮން ކަމެއްކަމެއް ނުވަތަ ކޮން ކަހަލަ އެއްޗެއް ކަމެއް ނޭނގިދާނެއެވެ. އެހެންކަމުން ފުރަތަމަ ކަމަކަށް މި މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީ ކޮން އެއްޗެއްތޯ ބަލަމާ ހިނގަމާ ބަހީއެވެ.

މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީއަކީ ދެ ޤައުމުގެ ދެމެދުގައި ނޫނީ އެޔަށްވުރެ ގިނަ ޤައުމުތަކެއްގެ މެދުގައި ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ހަވާލު ކުރުމާ އަދި އެމީހުންނާ ގުޅޭ މައުލޫމާތުތައް ބަދަލުކުރެވި އެމީހަކާމެދު އެ އެއބަސްވުން ހެދިފައިވާ ޤައުމުގައި ޝަރީއަތް ހިންގާ ހުކުމް އިއްވުމުގެ ބާރު ދިނުމުގެ ގޮތުން ވެވޭ އެއްބަސްވުމެކެވެ.

އެގޮތުން ރާއްޖެއިން މިވަނީ އިންޑިއާއި ދިވެހިން ހަވާލުކުރުމުށް އެއްބާރުލުން ދިނުމަށް އިންޑިއާއެކު އެފަދަ އެއްބަސްވުމެއްގައި ސޮއި ކުރުމަށް ތައްޔާރުވެފައެވެ. އަދި ރައްޔިތުންގެ މަޖިލީހުންވަނީ އެކަމަށް ރުހުންވެސް ދީފައެވެ.

ނަމަވެސް މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމިޓީގެ ބައެއް މެމްބަރުން އެކަމާ ދެކޮޅެކެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްވަނީ އެކަމާ ފާޅުގައި ދެކޮޅު ހައްދަވާފައެވެ.

އިންޑިޔާއާ ދިވެހިރާއްޖެއާ ދެމެދު ވެވޭ އެ އެއްބަސްވުމަކީ ދިވެހިރާއްޖެ ނުރައްކަލަކަށް ހުށަހެޅިގެން ހިނގައިދާނެ ކަމެއްގެ ގޮތުގައި ޤާނޫނީ ބޭފުޅުން ގެންދަވަނީ ސިފަކުރައްވަމުންނެވެ. އެގޮތުން އެ އެއްބަސްވުމުގައި ހުރި ބައެއް ކަންބޮޑުވުންތަކަށް ބަލާއިރު، ޖިނާޢީ ކުށެއްގެ ތުހުމަތު ކުރެވޭ މީހުން ހަވާލު ކުރުމުގެ އިތުރުން އިންޑިއާ އިން އެދިއްޖެ ހާލަތެއްގައި އެމީހަކާއި ގުޅުންހުރި ލިޔެކިޔުންތައް ވެސް ފޯރުކޮށްދޭން ޖެހެއެވެ.

މިއެއްބަސްވުން ބުނާ ގޮތުން އިންޑިއާ އިން އެގައުމާއި ހަވާލު ކުރަން އެދޭ މީހަކު ކޮށްފައިވާ ކަމަށް އިންޑިއާ އިން ބުނާ ކުށަކީ ކޮންމެހެން ރާއްޖޭގައި ކުށަކަށް ވާކަށް ނުޖެހެއެވެ. އެމީހަކު ހުރީ ރާއްޖޭގައި ކަމަށް ވީނަމަވެސް އޭނާ ކުރީ ކުށެއް ކަމަށް ކަނޑައަޅާނީ އިންޑިއާގެ ޤާނޫނުތަކަށް ބަލައިގެންނެވެ.

އަދި މި އެއްބަސްވުމުގެ ދަށުން ދިވެހި ރައްޔިތުންނާއި އަދި ރާއްޖޭގައި ދިރިއުޅޭ އެހެން ގައުމުތަކުގެ މީހުން ވެސް އިންޑިއާ ސަރުކާރުން އެދޭ ކޮންމެ ހާލަތެއްގައި އިންޑިއާ ސަރުކާރާއި ހަވާލުކޮށް، އިންޑިއާގައި އެމީހުންގެ މައްޗަށް ޝަރީޢަތްކޮށް، ޙުކުމް ކުރުމުގެ ބާރު ލިބޭނެއެވެ.

އަދި ދެ ގައުމުން ކުރެ ގައުމަކުން ބޭންކެއްގެ ސިއްރު މައުލޫމަތު ހިއްސާކުރުމަށް އެދިއްޖެނަމަ އެ މައުލޫމަތު ދޭންޖެހޭނެ އެއްބަސްވުމުގެ ހަތަރުވަނަ މާއްދާގެ ތިންވަނަ ނުކުތާގައި ބަޔާންކޮށްފައިވެއެވެ.

އެގޮތުން އިންޑިއާއިން ކުށެއްގެ ތުހުމަތު ކުރާ މީހަކު ރާއްޖޭގައި އިންވެސްޓްކުރާ ފައިސާއާއި ބޭންކުތަކުގައި ހުންނަ އެމީހެއްގެ މައުލޫމާތާއި އޭނާގެ އިންވެސްޓްމެންޓްތައް ހިފެހެއްޓުމުގެ ބާރު ވެސް މިއެއްބަސްވުމުގެ ދަށުން އިންޑިއާ އަށް ލިބިގެންދާނެއެވެ.

ދުނިޔޭގެ ޤައުމުތަކަށް ބަލާއިރު މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީއަކީ ޤައުމުތަކުގެ ޓެރިޓަރީޒް ނުވަތަ ސްޓޭޓުތަކުގައި އަމަލު ކުރަމުން އަންނަ އުޞޫލެއް ކަމަށް ކަމާ ބެހޭ މާހިރުން ބުނެއެވެ.

އަދި އެ ސްޓޭޓެއްގައި ވެރިކަން ކުރާ ޗީޕް މިނިސްޓަރެއް ހުރި ނަމަވެސް އެ ތަނެއްގައި އެ އޮންނަ ސަރުކާރެއްގެ އެއްވެސް ބާރެއް ނޯންނާނެ ކަންވެސް މިއީ ދުނިޔޭގެ އެފަދަ ޤައުމުތަކުން ނުވަތަ ސަރަހައްދުތަކުން ފެންނަ ހަގީގަތެކެވެ.

އެހެންކަމުން މިފަދަ އެއްބަސްވުމެއްގައި ސޮއިކުރުމުގެ ތައްޔާރީތައްވަމުން އަންނައިރު މި ކަމަކީ މިއީ ރާއްޖެ އިންޑިޔާގެ ސްޓޭޓަކަށް ވެގެން ހިނގައިދާނެ ކަމުގެ ރަތް ސިގްނަލެއްގެ ގޮތުގައި މިއަދު ރާއްޖޭގެ ކަންކަން ދިރާސާކުރާ ބޭފުޅުން މިހާރުވަނީ ބުނަން ފަށާފައެވެ.

އަދި އިންޑިއާ އާ ރާއްޖެ އާ ދެމެދު ވެވޭ މިއުޗުއަލް ލީގަލް އެސިސްޓަންސް ޓްރީޓީއަކީ އިންޑިއާގެ އަޅުވެތިކަމާ ގާތަށް ރާއްޖެއިން އަޅާ އިތުރު ފިޔަވަޅެއްގެ ގޮތުގައި އެބޭފުޅުން އަންނަނީ ސިފަކުރަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...