އިންގްލޭންޑް ކަޓުވާލައި އަންހެން ވޯލްޑް ކަޕް ފައިނަލަށް އެމެރިކާ ދަތުރުކޮށްފި

އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީފައިނަލްގައި އިންގްލޭންޑްގެ މައްޗަށް ކުރި ހޯދައި މުބާރާތުގެ ފައިނަލަށް އެމެރިކާ ދަތުރުކޮށްފިއެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ ސެމީ ފައިނަލުގައި އިންގްލޭންޑްގެ މައްޗަށް އެމެރިކާއިން ކުރި ހޯދީ 2-1 ގެ ނަތީޖާއިންނެވެ. އެގޮތުން މި މެޗުގައި ފެނުނު ތިން ލަނޑުވެސް ކާމިޔާބުކޮށްފައި ވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މި މެޗުގެ ފުރަތަމަ ހާފްގެ 10 ވަނަ މިނެޓްގައި ފުރަތަމަ ލީޑް ހޯދީވެސް އެމެރިކާއިންނެވެ. އެގޮތުން ބޮލުން ޖެހި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އެމެރިކާއަށް ލީޑް ހޯދައިދިނީ ޕްރެސްއެވެ. އޭގެ ދިހަ މިނެޓްފަހުން އިންގްލޭންޑުން ވަނީ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. އެޓީމަށް ނަތިޖާ ހަމަހަމަކޮށްދިނީ އެލަން ވައިޓެވެ. މިއީ މިމުބާރާތުގައި އޭނާ ކާމިޔާބުކުރި 6 ވަނަ ލަނޑެވެ.

މި މެޗުގައި ދެވަނަ ފަހަރަށް އެމެރިކާއިން ލީޑުނެގީ 31 ވަނަ މިނެޓްގައި އެލެކްސް މޯގަން ޖަހައިދިން ލަނޑުންނެވެ. މިއީ މޯގަންވެސް މިމުބާރާތުގައި ޖެހި 6 ވަނަ ލަނޑެވެ. އެއާއެކު މުބާރާތުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިންގެ ގޮތުގައި އެލަން އާއި މޯގަން ވަނީ ހިމެނިފައެވެ.

މެޗުގެ ނަތީޖާ ދެވަނަ ފަހަރަށް ހަމަހަމަކުރުމަށް ރަނުގެ ފުރުޞަތެއް އިންގްލޭންޑަށް ވަނީ ލިބިފައެވެ. ވީއޭއާރުގެ ބޭނުން ހިފައި ރެފްރީދިން ޕެނަލްޓީއެއް އިންގެލޭންޑްގެ ސްޓެފަނީ ފޮނުވާލި ނަމަވެސް އެމެރިކާގެ ކީޕަރު ނައެހާވަނީ ދިފާއުކޮށްފައެވެ.

މިއީ ޖެހިޖެހިގެން މި މުބާރާތުގެ ފައިނަލަށް އެމެރިކާ ދަތުރުކުރި ތިން ވަނަފަހަރެވެ. އަދި ފައިނަލްގައި އެމެރިކާއާއި ދެކޮޅަށް ނުކުންނަން ޖެހޭ ޓީމެއް އެނގޭނީ ކުރިއަށް އޮތ ނެދަލޭންޑްސް އާއި ސްވިޑްން ބައްދަލުކުރާ ސެމީ ފައިނަލްގެ ދެވަނަ މެޗަށްފަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...