ކޮޕާ އެމެރިކާގެ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފި

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގައި އެންމެ ފަހުގެ ރަނަރަޕް އާޖެންޓީނާގެ މައްޗަށް 2-0 ގެ ނަތީޖާއިން ކުރި ހޯދުމަށްފަހު، މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރުކޮށްފިއެވެ. މިއީ 12 އަހަރުތެރޭ، ބޮޑު މުބާރާތެއްގެ ފައިނަލަށް އަދި މި މުބާރާތުގެ ފައިނަލަށް ބްރެޒިލް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

ބްރެޒިލްގެ އެސްޓަޑިއޯ މިނޭރޯ ސްޓޭޑިއަމްގައި ކުޅުނު މެޗު ފަށައިގެން އާޖެންޓީނާގެ ލެއަންޑްރޯ ޕަރޭޑޭސް ހާފުގެ މެދުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. ފިރްމީނޯގެ އެހީތެރިކަމާއެކު ބްރެޒިލްގެ ފުރަތަމަ ލަނޑު މެޗުގެ 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ގެބްރިއަލް ޖީސޫސްއެވެ. މި ލަނޑުގައި ބްރެޒިލްގެ ކެޕްޓަން ޑެނީ އަލްވޭސް ވަނީ ވަރަށް އިސްރޯލެއް އަދާކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން އެންމެ ރަނގަޅު ހަމަލާއެއް ފޮނުވާލީ ސާޖިއޯ އަގުއޭރޯއެވެ. އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ލިބުނު ހިލޭޖެހުމަކުން ހުސްކޮށްލާފައި އަގުއޭރޯ އަށް ނަގައިދިން ބޯޅަ އޭނާ ބޮލުން ފޮނުވާލިއިރު އަމާޒުވީ ހުރަސްދަނޑިއަށެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ 2-0 ގެ ނަތީޖާއިން ބްރެޒިލް ކުރީގައި އޮވެގެންނެވެ.

ދެ ވަނަ ހާފް ފަށައިގެން މެޗުގެ 54 ވަނަ މިނިޓްގައި ބްރެޒިލް އަށް ލީޑުފުޅާ ކުރުމަށް ލިބުނު ފުރުސަތުގައި ފިލިއްޕޭ ކުޓީނިއޯ އަށް ލިބުނު ފުރުސަތުގެ ބޭނުމެއް ނުހިފުނެވެ. އަދި އޭގެ ދެ މިނިޓް ފަހުން ނަތީޖާ ހަމަހަމަ ކޮށްލުމަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީއަށް ލިބުނު ފުރުސަތުގައި ފޮނުވާލި ހަމަލާ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މި މެޗުގައި އާޖެންޓީނާގެ އުއްމީދުތައް ފުނޑުފުނޑުކޮށްލުމަށްފަހު ބްރެޒިލް އިން ލީޑް ފުޅާކުރީ މެޗު ނިމެން 19 މިނެޓަށް ވެފައި ވަނިކޮށެވެ. މެޗުގެ ފުރަތަމަ ގޯލް ޖެހި ޖީސޫސްގެ އެހީތެރި ކަމާއެކު ބްރެޒިލް އަށް ލީޑް ފުޅާކޮށްދިނީ ފިރްމީނޯ އެވެ.

މި މެޗުގެ ނަތީޖާއާ އެކު ބްރެޒިލް ވަނީ އަމިއްލަ ފަސްގަނޑުގައި ވާދަވެރި މެޗެއްގައި އާޖެންޓީނާ އަތުން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓާފައެވެ. މި ދެ ޓީމް އެންމެ ފަހުން ބައްދަލުކުރި ފަސް މެޗްވެސް ބްރެޒިލް ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން އެންމެ ފަހުން 2007 ވަަނަ އަހަރުގެ ފައިނަލުގައި ވާދަކުރި ފަހަރު ބްރެޒިލް މެޗް ކާމިޔާބުކުރީ 3-0 ގެ ނަތީޖާއިންނެވެ.

މުބާރާތުގެ ފައިނަލުގައި ބްރެޒިލް ވާދަކުރާނެ ޓީމެއް އެނގޭނީ މިރޭ ކުޅޭ ދެވަނަ ސެމީއަށްފަހު އެވެ. އެ މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޗިލީ އާއި ދެކޮޅަށް ނުކުންނާއި ޕެރޫއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ބުނެލީ 03 ޖުލައި 2019 - 10:58

    އެއްޗެއް ލިޔެފަ ދޫކޮށްލާ އިރު ރަނގަޅަށް ބައްލަވާ، ބުރެޒިލް ކޮޕާ އެމެރިކާގެ ފައިނަލު ކުޅޭ ކިތަށް ވަނަ ފަހަރު މިއީ.

ގުޅުން ހުރި
Loading...