ލުތުފީ ނުގެންނާތީ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި

1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 03 ވަނަ ދުވަހު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރިޔާ ހ.ހާޖަރާގެ އަބްދުﷲ ލުތުފީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ބަހައްޓައިގެން ދެމަސް ދުވަސް ވަންދެން އެންމެ މަތީ ފެންވަރުގެ ޚިދުމަތްދީ އޭނާ ރާއްޖެ ގެނެސްފައި ނުވާތީ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ ޕީއެންސީގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް އުމަރެވެ.

މި މައްސަލަ ހުށަހަޅުއްވަމުން އާދަމް ޝަރީފް ވިދާޅުވީ ކުއްލި މައްސަލައެއްގެ ގޮތުގައި މިކަން މަޖިލީހުގެ ސަމާލުކަމަށް ގެންނަން ޖެހުނީ ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރެއް ޤާނޫނާއި ހިލާފަށް ވައްޓާލުމަށް ސައްލާކޮށް، ރާވާ ނުރައްކާތެރި ހަތިޔާރު އެޅި ސްރީލަންކާގެ "ޕްލޮޓް" ޖަމާޢަތުގެ ހަނގުރާމަވެރިންނާއި އެކު ރާއްޖެ އަރާ، މިސްކިތްތަކުގެ ހުރުމަތް ކަނޑާ މަގުތަކާއި ފިހާރަތައް ލޫޓްވާ ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލަށް ލޮޅުން އަރުވާލާ ދިވެހިރައްޔިތުންނާއި ސިފައިންގެ ތެރެއިން އެތައް ބަޔަކު ޒަހަމްކޮށް، އެތައް ބަޔަކު ރަހީނުކޮށް 19 ދިވެހިން ޝަހީދުކޮށްލި އެންމެ އިސް އެކަކީ ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ކަން އެނގެން އޮތް އިރުވެސް އޭނާ ގެންނަން ސަރުކާރުން ބަހަނާ ދައްކަމުންދާތީ ކަމަށެވެ.

އާދަމް ޝަރީފް ވިދާޅުވީ ނޮވެމްބަރ 03 ވަނަ ދުވަހު ލަންކާގެ ތަމަޅަ ޓައިގަރުން ގެނެސްގެން ރާއްޖޭގައި ދިން އުދުވާނީ ހަމަލާގައި ޝަހީދުވެ ދިޔަ އަބްތޯލުންގެ ޔަތީމް ވެފައިވާ ދަރިންނާއި ހުވަފަތްވެފައިވާ އަނބިންނާއި ނިކަމެތިވެފައިވާ އާއިލާތަކުގެ އިހްސާސްތަކާއި ގުޅިފައިވާ ހާއިނަކީ އަބްދުﷲ ލުތުފީ ކަން އެނގޭ ހިނދުވެސް، އޭނާ އަނބުރާ ރާއްޖެ ގެނައުމުގެ ބަދަލުގައި މި ސަރުކާރުން މަސައްކަތް ކުރަމުން ގެންދަނީ އެ ޒިންމާ އިން ރެކި އެހެން ބައެއްގެ ބޮލުގައި އެޒިންމާ އަޅުވަން ކަމަށެވެ. އެގޮތުން ނިމިދިޔަ ސަރުކާރު ތަކުގައި ލުތުފީ ނުގެނެވުނުކަން ދައްކަން މަސައްކަތް ކުރުމުގެ ބަދަލުގައި މި ސަރުކާރުން ވީ އެންމެ އަވަހަށް އޭނާ މާލެ ގެނެސް އެފަދަ މީހަކަށް އެންމެ އެކަށީގެންވާ ހައްގު އަދަބު ދިނުމަށް އާދަމް ޝަރީފް ވަނީ ގޮވާލައްވާފައެވެ

މީގެ އިތުރުން ގައުމަށް ގައްދާރުވި މީހަކު ހޯދުމަށް އިންޓަޕޯލްގެ ރެޑްނޯޓިސް ނެރެފައި ވާއިރު ވެސް ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ސަރުކާރުގެ ބެލުމުގެ ދަށުގައި ލުތުފީ ހުރިކަން ލަންކާގެ ކަމާބެހޭ ފަރާތްތަކާއި ހިއްސާކޮށްފައި ނެތް ކަމަށާއި އޭގެ ބަދަލުގައި އަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ އޭނާއަށް ހިމާޔަތްދީ ރައްކާތެރި ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ސަރުކާރުން ކަން ކުރަމުންދާ ގޮތުން ދެވަނަ ފަހަރަށްވެސް ލުތުފީ ފިލާފާނެ ކަމަށް ބެލެވޭ ކަމުގައި އާދަމް ޝަރީފް ވިދާޅުވިއެވެ.

ނޮވެމްބަރު ތިނެއްގެ އުދުވާނުގެ މޭސްތިރިއަކަށް ހުރި ހ.ހާޖަރާގޭ އަބްދުﷲ ލުތުފީއަށް ހިމާޔަތްދީ ދިވެހި ދައުލަތުގެ ބެލުމުގެ ދަށުގައި ހުރިކަން ސިއްރު ކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކުގެ ތެރެއިން ސަރުކާރުގެ އެކި ވުޒާރާ ތަކުގެ އިސްވެރިންގެ ގޮތުގައި ތިއްބެވި ބޭފުޅުން ދައްކާ ވާހަކަފުޅު ދިމާނުވެ ރައްޔިތުން ގެ ފާޑު ކިޔުން ވަނީ ސަރުކާރަށް އަމާޒުވެފައެވެ. އެގޮތުން ލުތުފީ ލަންކާގައި ހުންނަ އެމްބަސީއަށް ދިޔައީ ޖޫން މަހުގެ އެއްވަނަ ދުވަހު ކަމަށް ސަރުކާރުން ބުނެފައި ވަނިކޮށް އާދިއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ލުތުފީ އެމްބަސީގެ ބެލުމުގެ ދަށަށް ދިޔައި އެޕްރީލް މަހުގެ 20 ވަނަ ދުވަހު ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން އެންމެ ލަސްވެގެން 48 ގަޑިއިރު ތެރޭގައި ލުތުފީ މާލެ ގެންނާނެ ކަމަށް ފުލުހުން ކުރިން ވަނީ ވިދާޅުވެފައެވެ. ނަމަވެސް ފުލުހުން ވިދާޅުވި މުއްދަތު ފަހަނައަޅާ ދިޔައިރުވެސް ލުތުފީ ނުގެނެވުމުން މިހާރު ސަރުކާރުން ދަނީ އަނެއްކާވެސް އިތުރު ބަހަނާތައް ދައްކަމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...