ޝައިމްގެ މައްސަލައިގައި ޝިދާތާ ތާފަނާ ފެނުން ހޫނު ފެނަށް!

ކުޑަކުދިންނަށް އަޅާލާ، އެކުދިންނަށް ލިބޭ އަނިޔާތަކުން ސަލާމަތް ކުރުމަކީ ކޮންމެ މީހެއްގެ ވެސް ފަރުދީ ޒިންމާއެކެވެ. ހާލަތު ނިޔާކުރާ ގޮތުން ބައެއް ކުދިންގެ ބެލެނިވެރިކަން ދައުލަތާ ވެސް ހަވާލުކުރާ ތަން އާދެއެވެ. އެހިސާބުން އެކުއްޖާއަކީ މުޖުތަމައަށް ބޭނުން ހިފޭ ކަހަލަ ކުއްޖަކަށް ހެދުމާއި އެކުއްޖާއަށް އަޅާލުމަކީ ދައުލަތުގެ ޒިންމާއެކެވެ. ނަމަވެސް މިހާރު އެންމެ ގަދައަށް އިވެމުންދާ އެއް އަޑަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖަކަށް އިހުމާލުވެގެން އުޅޭ ވާހަކައެވެ. ޚުދު ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް އަމިއްލަފުޅަށް ވެސް ވަނީ އެކަމަށް އިއުތިރާފުވެވަޑައިގެންފައެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި އުމުރުން 14 އަހަރުގެ ޝައިމް އަބްދުﷲ ގެއްލުނު ކަމުގެ އަޑު އިވިގެންދިޔައީ މި މަހުގެ 18 ވަނަ ދުވަހުގައެވެ. އަދި އޭގެ ދެ ދުވަސް ފަހުން ޝައިމް ހޯދަން އާންމުކޮށް އިއުލާނުކުރި އިރު، އޭރު އެކުއްޖާ ގެއްލުނުކަން ފިޔަވާ އެއްވެސް އެހެން މައުލޫމާތެއް ދައުލަތުގެ އެއްވެސް މުއައްސަސާއަކުން ވެސް ހާމަކޮށްފައި ނުވެއެވެ. ފުލުހުންގެ ފަރާތުން އޭރު ލިބުނު މައުލޫމާތަކީ ޝައިމް ހޯދުމަށްޓަކައި ތިން ގެއެއް ބަލާފާސްކޮށްފައިވާ ކަމަށެވެ.

އެކުއްޖާއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއް ކަމަށް އަޑުތައް ފެތުރެން ފެށުމާއެކު ޖެންޑަރ މިނިސްޓްރީން އޭރު އެކަން ވަނީ ދޮގުކޮށްފައެވެ. އެކުއްޖާ ގެއްލުމުގައި ޖެންޑަރ މިނިސްޓްރީގެ އިހުމާލެއް ވާ ކަމުގެ ތުހުމަތު އާންމުން ކުރަން ފެށީ އެހިސާބުންނެވެ. މިކަމުން ރެކުމަށްޓަކައި ޖެންޑަރ މިނިސްޓްރީއަށް އާންމުންނާއި މީޑިއާތަކުން ކުރި ސުވާލުތަކަށް ދިނީ ބީރު ކަންފަތެކެވެ. ފުލުހުންނަށް ވެސް އެ ސުވާލުތައް އަޑުނީވޭ ފަދައެވެ.

މިކަމުން ރެކިގަތުމަށްޓަކައި ޖެންޑަރ މިނިސްޓްރީން ކުރި މަސައްކަތް ނާކާމިޔާބުވެ، އާންމުންގެ ކުރިމަތީގައި ޖެންޑަރ މިނިސްޓަރު ޝިދާތާ ޝަރީފް ފަޟީހަތް ވެގެންދިޔައީ ޝައިމް ހޯދުމަށް ނެރުނު ކޯޓު އަމުރުގެ ފޮޓޯއެއް ލީކުވުމުންނެވެ. އަދި މީޑިއާތަކުން ކުރިމަތިކުރުވި ޕްރެޝަަރަށް ކެތް ނުކުރެއްވިގެން ޝައިމްއަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓާ ފިލި ކުއްޖެއް ކަމަށް އިއުތިރާފުވެވަޑައިގެންނެވިއެވެ. މުޅި ޤައުމުގެ ކުރިމަތީގައި ޝިދާތާ ފަޟީހަތްވުމުން ދެން އަވަސްވެގެންނެވީ ޝައިމް ފަޟީހަތް ކޮށްލައްވަންށެވެ.

އެގޮތުން ޝައިމްއަކީ ކުށުގެ ވެށިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނައި ކުއްޖެއް ކަމަށް ވިދާޅުވެ، ޝައިމްގެ ކުށުގެ ރިކޯޑުތަކާއި އޭނާ ދިރިއުޅުނު ތަންތަނުގެ މައުލޫމާތު މިނިސްޓަރު ޝިދާތާ ވަނީ އެއްވެސް ފަސްޖެހުމެއް ނެތި އާންމުކުރައްވާފައެވެ. ޝިދާތާ ޝައިމްގެ ވާހަކަތައް ދެއްކެވީ "ޝައިމް ކަހަލަ ކުދިން" މި އިބާރާތް ބޭނުން ކުރައްވާއިގެންނެވެ. އަދި ކުޑަކުދިންގެ ހިޔާގައި ޝައިމް ބަހައްޓާފައި ހުރީ އެކަހެރިކޮށްފައިކަން ވެސް ޝިދާތާގެ ވާހަކަތަކުން ވަނީ ހާމަވެފައެވެ. މިއީ ބަސްނާހާ ޤައިދީން ހަމަ މަގަށް އެޅުވުމަށް ޖަލު ފާރަވެރިން ވެސް ބޭނުންކުރާ އުކުޅަކަށްވާއިރު، ޝިދާތާއަށް އެ ވިދާޅުވެވުނީ ކުޑަކުދިންގެ ހިޔާގައި ޝައިމް ގެންގުޅުނީ ކުށްވެރިއެއްގެ ހައިސިއްޔަތުންނޭ ތޯ؟

ޝައިމްގެ މައްސަލައިގައި އާންމުންގެ ފަރާތުން ކުރިމަތިވި ފާޑުކިޔުންތަކުން ސަލާމަތްވުމަށް ބޭއްވި އެ ނޫސްވެރިންގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަތަކަށްފަހު މި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މަޖިލިސް މެމްބަރުންގެ ފާޑުކިޔުންތައް ވެސް ޝިދާތާއަށް ވަނީ އަމާޒުވެފައެވެ. އެގޮތުން ޝައިމްއަކީ އުމުރުން އެންމެ ސާދަ އަހަރުގެ ކުއްޖެއް ކަމަށާއި އޭނާގެ މައުލޫމާތުތައް އާންމުކޮށް އޭނާ ފަޟީހަތް ކޮށްލުމުން އިހުތިރާމާއެކު ގަދަރުވެރި ދިރިއުޅުމެއް އުޅުމުގެ ހައްގު އޭނާއަށް ގެއްލިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު އަދި މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ޖެންޑަރ މިނިސްޓްރީގެ އިހުމާލެއް ނެތް ކަން ދެއްކުމަށްޓަކައި ޝައިމްގެ ހައްޤުތަކަށް ބަލާލުމެއް ނެތި ޝިދާތާ މައުލޫމާތުތަކެއް އާންމު ކުރެއްވިއިރު، ފާހަގަކޮށްލެވެނީ އެންމެ ފުރަތަމަ އެކަމަށް އެއްބަސްވެވަޑައިނުގެން، އެއީ ދެނަހުރި ކަމަކަށް ވެސް ނުހެއްދެވި ކަމެވެ. ފަހަރުގައި މީޑިއާތަކުގައި މި މައްސަލަ މާބޮޑަށް ތިލަވުމުގެ ކުރިން ޝައިމް ފެނޭތޯ ފުލުހުންނާ ގުޅިގެން ސިއްރިއްޔާތުގައި މަސައްކަތް ކުރައްވަން ޝިދާތާ ބޭނުންފުޅުވީ ކަމަށް ވެސް ވެދާނެއެވެ. އަދި އެންމެ ފުރަތަމަ ޝައިމްގެ އެއްވެސް މައުލޫމާތެއް އާންމު ނުކުރެއްވީ ޝައިމްގެ ރައްކާތެރިކަމާއި އޭނާގެ ހައްޤުތައް ކަށަވަރުކޮށްދިނުމުގެ ގޮތުން ކަމަށް ވިދާޅުވި ޝިދާތާއަށް ފަހުން އެ ހައްޤުތަކުގެ މަތިން ހަނދާން ނެތުނީ ތޯ؟

ޝައިމްގެ މައްސަލައިގައި ޝިދާތާގެ އަމަލުތައް ހުންނެވި ގޮތުން ރައްޔިތުން މީގެ ކުރިން ދެއްކި ވާހަކައެއްގެ އަޑު އަނެއްކާ ވެސް ވަނީ ގަދަވެފައެވެ. އެ އެބޭފުޅެއްގެ ވަޒީރުކަމުގައި ތުއްތު ކުއްޖަކު ރަހުމްކުޑަ ގޮތަށް މަރާލެވުމުން ރައީސް ޔާމީންގެ ސަރުކާރުގައި އެ ބޭފުޅާ އެ މަޤާމުން ވަކި ކުރައްވާފައިވަނިކޮށް އަނެއްކާވެސް އެބޭފުޅާއަށް އެ ވުޒާރާގެ ވަޒީރުކަން ދެއްވި ވާހަކައެވެ. މި ދެންނެވީ 2015 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 28 ވަނަ ދުވަހު އަނިޔާވެރި ގޮތަކަށް އުމުރުން ދެ އަހަރުގެ އިބްތިހާލް މުހައްމަދު މަރާލެވުނު ވާހަކައެވެ. އިބްތިހާލްއަށް އަނިޔާތަކެއް ކުރާ ކަމުގެ ރިޕޯޓުތަކެއް ޖެންޑަރ މިނިސްޓްރީއަށާއި ޝިދާތާއަށް އޭރު ލިބިފައި އޮތްއިރު، އޭނާ ރައްކާތެރި މާހައުލަކަށް ގެންދިއުމުގެ ޒިންމާ ޝިދާތާ އަދާ ކުރައްވާފައި ނުވެއެވެ.

ހައިރާންވާ ކަމަކީ އިބްތިހާލް މަރާލި މައްސަލައިގެ ޒިންމާ އޭރުގެ ޖެންޑަރ މިނިސްޓްރީގެ ވެރިންނާއި މުވައްޒަފުން ނަގަން ޖެހޭނެ ކަމަށް ރައްޔިތުން ގޮވަ ގޮވާ ތިއްބާ މަޤާމުން ދުރުކޮށްފައި ހުންނެވި ޝިދާތާއަށް ޖެންޑަރ މިނިސްޓަރުގެ މަޤާމު ދެއްވުމުންނެވެ. އެއާއެކު އެއީ އަނެއްކާ ވެސް އިތުރު ކުއްޖެއްގެ ހައްޤަށް އަރައިގަތުމަށް ޝިދާތާއަށް ދެވޭ ފުރުސަތެއް ކަމަށް ރައްޔިތުން ދިޔައީ ބުނަމުންނެވެ. ކަން ވެގެން ވެސް މިދިޔައީ ހަމަ އެހެންނެވެ. ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްގެ ޒިންމާ ނަގަން ޖެހޭނީ ދައުލަތުން ކަމަށްވާއިރު، ޗެނަލް 13 ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން އެ މައްސަލައިގައި އިހުމާލުވާން ނުޖެހޭނެ ކަމަށް ވެސް ޝިދާތާ ވަނީ ވިދާޅުވެފައެވެ.

ޝައިމް ފިލުމުގައި ދައުލަތުން އިހުމާލުވެފައިވާ ކަމަށް ބުނަމުންދާ ރައްޔިތުންގެ އަދަދު އިތުރުވަމުންދާއިރު، ޝައިމްއާ މެދު އާންމުންގެ ހިތްތަކުގައި އުފެދޭ ސުވާލުތައް ވެސް ދަނީ އިތުރުވަމުންނެވެ. ޝައިމް މިހާރު ހުރީ ކޮންތާކުތޯ؟ ޝައިމް ހުރީ ކައިގެންތޯ؟ ޝައިމްއަށް އަޅާލާނެ މީހަކު އެބަހުރިތޯ؟


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. علي وحيد 02 ޖުލައި 2019 - 09:51

    ރިޕޯޓު އެއް ލިޔާއިރު އެ ރިޕޯޓު އެއްގެ ފެށުމާއި ،ނިމުން ދިމާވާންޖެހޭ

ގުޅުން ހުރި
Loading...