ރައީސް ޔާމީން ގެނެސްދެއްވި އަގުހެޔޮ ބޯހިޔާވަހިކަން ފޭރިގެންފި

ހިޔާ މަޝްރޫއަކީ އެތައް ދިވެހި ރައްޔިތުންގެ މޫނަށް ހިނިތުންވުން ގެނެސްދެއްވި ބޮޑު ބިޔަ މަޝްރޫއެކެވެ. ރައީސް އަބްދުﷲ ޔާމީންގެ ތޫނުފިލި ވިސްނުންފުޅާއެކު މިޤައުމަށް ގެނެސްދެއްވި ތަރައްޤީގެ އެންމެ ބޮޑު އެއް މަޝްރޫއަކީ ހުޅުމާލޭގައި ތަރައްޤީ ކުރަން ފެށި ދެ ކޮޓަރި އާ ތިން ކޮޓަރީގެ އެޕާޓްމަންޓް ތަކެވެ.

ފަރުކޮޅުފުއްޓާ ދިމާލުން ދުއިސައްތަ ސާޅީސް ހެކްޓަރުގެ ބިން ހިއްކާ ލައްކަ އަކަށްވުރެ ބޮޑު އާބާދީ އަކަށް އަމާޒުކޮށްގެން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު ބާރު ސްޕީޑެއްގައި ކުރިއަށްދިޔައެވެ.

އަދި ރައްޔިތުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމުގައިވާ ބޯހިޔާ ވަހިކަމުގެ މައްސަލައަށް ހައްލު ހޯދައި ދެއްވުމަށްޓަކައި 2.1 މިލިއަން ރުފިޔާ ވަނީ ޚަރަދު ކޮށްފައެވެ. އަދި ހިޔާ މަޝްރޫއު އިފްތިތާހު ކޮށްދެއްވަމުން ރައީސް ޔާމީންވަނީ އަތްފޯރާ ފަށުގައި އެ ފްލެޓުތަކުގެ އަގުތައް ކަނޑައަޅުއްވާނެ ކަމުގެ އުފާވެރި ޚަބަރުދެއްވާފައެވެ.

އެގޮތުން ދެ ކޮޓަރީގެ އެޕާޓްމެންޓްގެ ޑައުން ޕޭމަންޓަށް ފަންސަވީސް ހާސް ރުފިޔާ ދެއްކުމަށްފަހު މަހު ކުލީގެ ގޮތުގައި ފަސް ހާސް ހަސަތޭކަ ރުފިޔާ ވަނި ކަނޑައަޅާފައެވެ. އަދި މެއިންޓެނެންސް ފީއަކަށް މަހަކު އެއް ހާސް ރުފިޔާ ނެގުމަށް ވަނީ ނިންމާފައެވެ.

ނަމަވެސް ބޯހިޔާ ވަހިކަން ހެޔޮ އަގުގައި ފޮރުކޮށް ދެއްވާނެ ކަމަށް ހަރު އަޑުން ވިދާޅުވުމަށްފަހު ވެރިކަމާއި ހަވާލުވެ ތިއްބެވި ސަރުކާރުން ވަނީ ރައީސް ޔާމީން ކުޑަކޮށްދެއްވި އަގުތައް ފޭރިގެންފައެވެ.

އެއާއެކު ދެކޮޓަރީގެ ފްލެޓަކަށް ދައްކަން ޖެހޭ އަގު މި ސަރުކާރުން ވަނީ ކުރީގެ އަގަށްވުރެ ފަންސާސް އިން ސައްތަ އިތުރު ކޮށްފައެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓުގެ މަހު ކުލީގެ ގޮތޮގައި އެގާރަ ހާސް ރުފިޔާ ދައްކަން ޖެހޭ ގޮތަށް މިހާރުގެ ސަރުކާރުން ވަނީ ހަމަ ޖައްސާފައެވެ.

ބަޔާންވެ ދިޔައީ ރައްޔިތުންނަށް ހެޔޮ އަގުގައި ބޯހިޔާވަހިކަން ހަމަ ޖައްސައިދޭނެ ކަމަށް ވިދާޅުވި ސަރުކާރުން ދެ ކޮޓަރީގެ އެޕާޓްމަންޓެއްގެ ކުއްޔަށް ގެނެސްފައިވާ ބަދަލެވެ. ފްލެޓް ތަކުގެ އަގު ބޮޑުކުރުމަށްފަހުވެސް އެކަން އެ ހިސާބުން ފުއްދާލީއެއްވެސް ނޫނެވެ.

ރައީސް ޔާމީންގެ ދައުރުގައި އަޅުއްވައި ދެއްވަން ނިންމެވި ހަތް ހާސް ހައުސިން ޔުނިޓުގެ އަދަދު ހަ ހާސް އަށް ސަތޭކަ ފަސްދޮޅަސް ފްލެޓަށް މި ސަރުކާރުން ވަނީ މަދުކޮށްފައެވެ. އެހެން ކަމުން ސަތޭކަ ސާޅީހަކަށް ފްލެޓް މި ސަރުކާރުން ދިރުވާލާފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

އެގޮތުން ކޮރަޕްޝަނަށް ޒީރޯ ޓްލެރެންސް ދެއްވާނެ ކަމަށް ވިދާޅުވި ސަރުކާރުގެ ކަންކަން ހުރި ގޮތާމެދު ކަންބޮޑު ނުވާ އެންމެ ރައްޔިތަކުވެސް ނެތޭ ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. 
ދިވެހި ރައްޔިތުން ދެކެ ލޯބިފުޅުވާ ވެރިޔަކު ރައްޔިތުންގެ ހައްޤުގައި ފައްޓަވައި ދެއްވި ބޯހިޔާ ވަހިކަމުގެ މަޝްރޫއުގެ ފްލެޓުތައް ދީފައި ހުރީ ރަގަޅަށް ނޫންކަމަށް ބުނެ މިސަރުކާރުން ދެން ފެށި މަސައްކަތަކީ އެ ފްލެޓުތަކުގެ ހައްގުވެރިން އަތުން ފްކެޓުތައް އަތުލުމަށްފަހު އެ ބޭފުޅުންނަށް ތާއިދު ކުރުމުގައި އެކްޓިވިސްޓުންގެ ގޮތުގައި އުޅޭ އެމްޑީޕީގެ ފަރާތްތަކަށް އެ ފްލެޓްތައް ދިނުމުގެ މަސައްކަތެވެ.

އެކަން ކުރުމަށްޓަކައި މިހާރު އެ ބޭފުޅުން ދަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މަސައްކަތް ކުރައްވަމުންނެވެ. 
ކޮންމެ އަކަސް ޤައުމުގެ ވެރިކަންވެސް ނުހައްގުން ފޭރިގަނެގެން ތިއްބެވި ބަޔަކު ރައްޔިތުންގެ ހައްގުތަކެއް ފޭރިގަތުން ބޮޑު ކަމަކަށް ނުވާނެކަން އެ ބޭފުޅުން ކުރައްވާ ކޮންމެ ކަމަކުން މިދަނީ ސާބިތު ވަމުންނެވެ.

އެކަން ހަމަ އެކަނި ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށް ދިނުމަށްޓަކައި ތަރައްޤީގެ ބާނީ ފެއްޓެވި ބޮޑު ބިޔަ މަޝްރޫއަށް މި ސަރުކާރުން ހަދާލި ގޮތުންވެސް ވަނީ ފެނި ސާބިތުވެފައެވެ. 


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...