އުރުގުއޭ ކަޓުވާލުމަށް ފަހު ޕެރޫ ސެމީއަށް

ބްރެޒިލްގައި ކުރިޔަށްދާ ކޮޕާ އެމެރިކާގައި މުބާރާތުގެ ކްއާޓަރ ފައިނަލުގައި ޕެނަލްޓީޖަހައިގެން އުރުގުއޭ ބަލިކޮށް ޕެރޫން މުބާރާތުގެ ސެމީއަށް ދަތުރު ކޮށްފިއެވެ.

މެޗު ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް އަވަސް ކުޅުމެއް ވަނީ ފެނިގެން ގޮސްފައެވެ. އެގޮތުން ދެ ޓީމުން ވެސް ދިޔައީ ގޯލާ އަމާޒުކޮށް ހަމަލާ ތަކެއް އުފައްދަން މަސައްކަތް ކުރަމުންނެވެ.

މި މެޗުގައި އުރުގުއޭއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ މެޗުގެ 41 ވަނަ މިނެޓުގައި ފެނިގެން ދިޔައީ ބާސެލޯނާގެ ފޯވާޑް ލުއިސް ސުއަރޭޒްގެ ފަރާތުންނެވެ. ޕެރޫއިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާއަކީ އޭރިޔާ ބޭރުން އެޑިސަން ފޮނުވާލި ހަމަލާއެކެވެ.

މެޗުގެ ފުރަތަމަ ހާފާއި ޚިލާފަށް މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ވެސް ފެނިފައި ވަނީ ޑިފެންސިވް ކުޅުމެކެވެ. އެގޮތުން މި ހާފުގައި ދެ ޓީމުގެ ފަރާތުން މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވއެެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރު ވުމުން ނަތީޖާ ނެރުމަށް ވަނީ ޕެނަލްޓީ ޖަހާފައެވެ. އެގޮތުން ޖެހި ޕެނަލްޓީގައި ޕެރޫއިން ޖެހި ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް އުރުގުއޭގެ ލުއިސް ސުއަރޭޒް ފޮނުވާލި ޕެނަލްޓީ، ޕެރޫގެ ކީޕަރުވަނީ މަތަ ކޮށްފައެވެ.

މި މުބާރާތުގެ ސެމީގެ މެޗުތައް އޮންނާނީ އަންގާރަ ދުވަހުއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...