ކޮޕާ އެމެރިކާގެ ސެމީން އާޖެންޓީނާ ޖާގަ ހޯދައިފި

ކުއާޓާ ފައިނަލުގައި ދޭއް 2-0 ގެ ނަތީޖާއިން ވެނެޒުއޭލާ ބަލިކޮށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުން އާޖެންޓީނާ ފުރުސަތު ހޯދައިފިއެވެ.

ގްރޫޕްގެ ފަހު މެޗުގައި ގަަތަރުގެ މައްޗަށް ހޯދި މޮޅާއެކު ކްއާޓާއިން ޖާގަ ހޯދި އާޖެންޓީނާއިން ރޭގެ މެޗުގައި ވަނީ ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ ހާފުގެ 10 ވަނަ މިނެޓްގައި ވެނެޒުއޭލާގެ އޭރިއާ ތެރެއިން އާޖެންޓީނާގެ ސާޖިއޯ އަގުއޭރޯ އުފެއްދި ހަމަލާއެއް ގޯލުގެ ތެރެއަށް ވައްދާލައިގެން އާޖެންޓީނާ އަށް ލީޑުނަގައިދިނީ އިންޓަގެ ފޯވާޑް ލަޓާރޯ މާޓިނޭޒްއެވެ.

ފުރަތަމަ ހާފުގައި ލީޑުފުޅާކުރަން އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ޖެހި ބޯޅައެއް އޭރިއާ ތެރެއިން ވަނީ ބްލޮކްވެފައެވެ. މެޗުގެ ފުރަތަމަ ހާފުގައި ވެނެޒުއޭލާ އަށް މާ އެދެވޭ ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. އެއާއެކު މެޗުގެ ފުރަތަމަ ހާފް ނިމިގެން ދިޔައީ އެކެއް ސުމެއްގެ ނަތީޖާއިން އާޖެންޓީނާ ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފް ފަށައިގެން ހިން ދެމި ނުލެވި އުޅެނިކޮށް މާޓިނޭޒަށް ވަނީ ލީޑް ފުޅާކޮށްލާނެ ރަނުގެ ފުރުސަތެއް ލިބިފައެވެ. އެހެން ނަމަވެސް މާޓިނޭޒް ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދަނޑިއަށެވެ.

މެޗުގެ 74 ވަނަ މިނިޓްގައި އާޖެންޓީނާ އަށް ލީޑުފުޅާކޮށްދިނީ ޖިއޮވާނީ ލޮ ސެލްސޯއެވެ. ދެ ވަނަ ހާފުގައި ކުޅެން ނުކުތް ލޮ ސެލްސޯ މި ގޯލު ޖެހީ އަގުއޭރޯ ފޮނުވާލި ބޯޅައެއް ކީޕަރު ވުއިލްކާ ފަރިނޭޒް އަތުގައި ޖެހިފައި ނުކުތް ވަގުތު ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.

މި މުބާރާތުގެ ސެމީގައި އާޖެންޓީނާ ނުކުންނާނީ ބްރެޒިލް އާއި ދެކޮޅަށެވެ.

މި މުބާރާތުގައި ބްރެޒިލް އާއި އާޖެންޓީނާ އެންމެ ފަހުން ބައްދަލުކުރީ 2007 ވަނަ އަހަރުގެ ފައިނަލުގައެވެ. އޭގެ ފަހުން އާޖެންޓީނާ ވަނީ ދެ ފައިނަލުން ބަލިވެފައެވެ. އަދި މިއީ އެ ފަހަރު ތަށި އުފުލާލި ފަހުން ބްރެޒިލް ސެމީގައި ކުޅޭ ފުރަތަމަ ފަހަރެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...