އިދިކޮޅު ދެ ޕާޓީން ފޭރުމާއި ދެކޮޅު މިނަމުގައި ބޮޑު ހަރަކާތެއް ބާއްވަނީ

- ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޝިޔާމް -

ފޭރުމާއި ދެކޮޅަށް މި ނަމުގައި ޕީޕީއެމްއާއި ކޮންގްރެސް ޕާޓީ ގުޅިގެން އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ރެލީއެއް ބޭއްވުމަށްޓަކައި ތައްޔާރިތަކެއް ވާންފަށައިފި ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަދި ނައިފަރު ދާއިރާގެ އިއްޒަތްތެރި މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޗެނަލް ތާރޓީންއަށް މައުލޫމާތު ދެއްވަމުން މެމްބަރު ޝިޔާމް ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސާލިހުގެ ސަރުކާރުގެ ތެރެއިން ފޭރުމުގެ ކަންތައްތައް އިންތިހާއަށް ބޮޑުވުމާއި ގުޅިގެން އިދިކޮޅު ޕާޓީެއްގެ ހައިސިއްޔަތުން ސަރުކާރު ޖާވާބުދާރީ ކުރުވުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

އެގޮތުން ފޭރުމާއި ދެކޮޅު މި ނަމުގައި އަންނަ ބުރާސްފަތި ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ވަރަށް ޙާއްސަ ރެލީއެއް ބޭއްވުމަށްޓަކައި ވާންޖެހޭ ތައްޔާރީތައް ކަމާގުޅުން ހުރި މުއައްސަސާތަކާއި ގުޅިގެން ކުރަމުންދާ ކަމަށެވެ. އެގޮތުން ޕްލޭނިންގ މިނިސްޓްރީއަށް ހުއްދައަށް އެދި މިހާރު ހުށަހަޅައިފައިވާނޭ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.

މި ހަރަކާތާ ގުޅޭގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން ޝިޔާމް ވިދާޅުވީ އެ ހަރަކާތް ބޭއްވުމަށްޓަކައި ކާނިވާ ސަރަހައްދު ނުދޭން ޕްލޭނިންގ މިނިސްޓްރީގެ ތެރެއިން މިހާރު ނިއްމާފައިވާ ކަމުގެ އަޑުތަކެއް އިވެމުންދާ ކަމަށެވެ. އެކަމަކީ ދެރަކަމެއްގެ ގޮތުގައި ސިފަކުރައްވަމުން ޝިޔާމް ވިދާޅުވީ ޕީޕީއެމް ސަރުކާރެއް އޮތްއިރު ސިޔާސީ އެކިއެކި ހަރަކާތްތައް ބޭއްވުމަށްޓަކައި އޭރު އެމްޑީޕީއަށާއި އަދި އެހެނިހެން ޕާޓީތަކަށް އެ ފުރުސަތު ކުރީ ސަރުކާރުން ފަހިކޮށްދިން ކަމަށެވެ.

އެހެންނަމަވެސް އޭރުވެސް އެމްޑީޕީ މީހުން އަޑު އުފުލީ ސިޔާސީ ހަރަކާތްތައް ބޭއްވުމަށްޓަކައި ފުރުސަތުތަކެއް ނުދޭ ވާހަކަތައްކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަމަށް މެމްބަރު ޝިޔާމް ވިދާޅުވިއެވެ. މިއަދުގެ ސަރުކާރުން މަސައްކަތް ކުރަމުންދަނީ ދިވެހި ގައުމު ފޭރެން ކަމަށާއި ދީނަށް ގޮންޖައްސަވަން ކަމަށް ވިދާޅުވެ ޝިޔާމް ވިދާޅުވީ ދިވެހިން އަބަދުވެސް ކުރި އެންމެ ބޮޑު އުއްމީދު ރައީސް ޔާމީންގެ ޒަޢާމަތުގައި ފުރިހަމަކޮށްދެއްވި ކަމަށެވެ.

އެގޮތުން ރާއްޖޭގައި އިސްލާމިކް ޔުނިވާސިޓީ އެއް ގާއިމްވެގެން ދިޔުމަކީ އެއީ މުޅި ދިވެހި ގައުމަށް ލިބުނު ބޮޑު ޝަރަފެއްކަމަށާއި، އަދި އެއީ ތާރީޙީ ދުވަހެއްކަމަށްވެސް ޝިޔާމް ވިދާޅުވި. އެހެންނަމަވެސް މިއަދުގެ މަޖިލިހުން މަސައްކަތް ކުރައްވަނީ އެ ތާރީޚުގެ ތެރެއަށް އިތުރު ތާރީޚެއް ގެންނަވަންކަމަށް ޝިޔާމް ވިދާޅުވިއެވެ.

އެގޮތުން އެމްޑީޕީއަށް ނިސްބަތްވާ މެމްބަރުން ބޭނުންވަނީ އިސްލާމިކް ޔުނިވާސިޓީ އުވާލުމުގެ ސިލްސިލާއެއް ފައްޓަވައިގެން އެއަށް އިސްލާހުތަކެއް ގެނައުމުގެ ނަމުގައި ތާރީޚެއް ހައްދަވަން ކަަމަށް ޝިޔާމް ފާހަގަކުރެއްވިއެވެ.

މިފަދަ އިހާނެތިގޮތަކަށް ދީނީ ކަންތައްތަކާ ދޭތެރޭ ވިސްނުން ގެންގުޅުއްވާ ބައެއްގެ ހިތުގައި ގައުމީވަންތަ ކަމުގެ ޒައްރެއްގެ މިންވަރުވެސް ނުހިނގާނެކަމަށް ޝިޔާމް ވިދާޅުވިއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
  1. ޢެމީހާ 29 ޖޫން 2019 - 13:23

    ާކިޔަންވީ ވައްކަމާއި ފޭރުމާދެކޮޮޅަށް ވަގުސަރުކާރު ޖަވާބު ދިނުމަށްގޮވާލާ

ގުޅުން ހުރި
Loading...