ހަމަސް ފަހުން އިންޑިޔާގެ ޑޮކްޓަރަކަށް ދެއްކުމަށް އަދީބަށް ލަފާދީފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު

ބޭސްފަރުވާއަށް އިންޑިއާއަށް ފޮނުވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހަ މަސް ފަހުން އަލުން އިންޑިއާގެ ޑޮކްޓަރަށް ދެއްކުމަށް އޭނާ ބެއްލެވި ޑޮކްޓަރު ލަފާ ދެއްވައިފިއެވެ.

ފުލުހުންނާއި ކަރެކްޝަނަލް ސާރވިސްގެ އޮފިސަރުންގެ ބެލުމުގެ ދަށުން ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު ރާއްޖެއިން ބޭރަށް ގޮސްފައިވަނީ އޭނާގެ ލޮލަށް ދިމާވި މައްސަލައަކަށް ފަރުވާ ހޯދުމަށެވެ. އެގޮތުން އަދީބު ފަރުވާ ހޯދާފައިވަނީ އިންޑިއާގެ ޕޫނާގައި ހުންނަ ރޫބީ ހޯލް ކްލިނިކް ކިޔާ ހޮސްޕިޓަލުންނެވެ.

އަދީބު ބެއްލެވި ޑޮކްޓަރު ޝްރުތިކާ ކަންކާރިޔާއާ ހަވާލާ ދެއްވާ ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައި ވަނީ ޖޫން 18 އާއި ޖޫން 24 އާ ދެމެދު ގްލޫކޯމާއަށް ފަރުވާ ހޯދުމަށް ތިން ފަހަރު މަތިން އަދީބު ޑޮކްޓަރަށް ދައްކާފައިވާ ކަމަށެވެ. އަދި ހަ މަސް ފަހުން ފޮލޯ އަޕް ޓްރީޓްމަންޓަކަށް އިންޑިއާއަށް ދިއުމަށް އަދީބަށް ލަފާ ދީފައިވާ ކަމަށެވެ.

މިމަހުގެ 12 ވަނަ ދުވަހު ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންނެވީ މިމަހުގެ 26 ވަނަ ދުވަހު އެނބުރި ރާއްޖެ ވަޑައިގަންނަވާ ގޮތަށެވެ. ނަމަވެސް ބޭސްފަރުވާގެ ކަންކަން ފުރިހަމަނުވާތީ، އާއިލާގެ އެދުމުގެ މަތިން ބާސްފަރުވާއަށް ދޫކޮށްފައިވާ މުއްދަތު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ވަނީ އިތުރުކޮށްދީފައެވެ. އެގޮތުން އެ މުއްދަތު އަންނަ މަހުގެ 06 ވަނަ ދުވަހާއި ހަމައަށް ވަނީ އިތުރުކޮށްދީފައެވެ.

އަދީބު ރާއްޖެ އިން ބޭރުގައި ހުރުމުގެ މުއްދަތު ކަރެކްޝަނަލް ސާވިސް އިން އިތުރުކޮށްދިން އިރު އަދީބުގެ ޕާސްޕޯޓް ހިފަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރެއްވެސް ނެރެފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...