އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދުޒިޔާދުބާގިރް- ފޮޓޯ؛ ޗެނަލް 13

އިސްލާމީ އުއްމަތައް ދިމާވަމުންދާ ތަފާތު ހާލަތްތަކާއި ގޮންޖެހުންތައް ދިފާއުކޮށް އަދި އިސްލާމްދީން ހިމާޔަތް ކުރަން ދިވެހި ދައުލަތުން ގެންގުޅޭ ސިޔާސަތު މިއަދު ދިވެހި ރައްޔިތުން ބަލައިގެންފައިވާ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ އަޙުމަދު ޒިޔާދު ބާގިރު ވިދާޅުވެއްޖެއެވެ. 



ރޮހިންޔާ މުސްލިމުންނަށް އެހީތެރިވުމަށް އެމްޕީއެލްގެ ފަރާތުން ފަންޑު ފޮށިތަކެއް ބެހެއްޓުމަށް ފެށި ހަރަކާތް ޝަރަފްވެރި ކޮށްދެއްވާ ވާހަކަ ދައކަވަމުން އިސްލާމިކް މިނިސްޓަރ އަހްމަދު ޒިޔާދު ބާގިރް ވިދާޅުވީ ރޮހިންޖާގެ މުސްލިމުން ބަރުދާސްތު ކުރަމުންދާ ހިތްދަތި ދުވަސްތަކާއި އެމީހުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތައް ކުއްވެރިކޮށް އެހުރިހާ ކަމެއްގެ ވާހާކަ ދެއްކުމަށްފަހު އދ.ގައި އެންމެ ފުރަތަމަ އަޑުއުފުލި ގައުމަކީ ރާއްޖެކަމަށެވެ.

އަދި މުސްލިމުންނަކީ ކޮންމެ ގައުމެއްގައި އަދި ކޮންމެ ކަންކޮޅެއްގައި ތިބި ނަމަވެސް އެކުވެރި އެއްބައިވަންތަ ބައެއް ކަމަށާއި، އެކަން ކީރިތި ގުރުއާނުގެ މޫރިތިވި އާޔަތްތަކުން އެނގެން އެބައޮތްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މުސްލިމުންނަކީ ދިގުތާރީހެއް އޮތްބައެއްކަމަށާއި އެގޮތުން މުސްލިމުންނަކީ އެތަކެއް ގަރުނެއް ވަންދެން ދުނިޔޭގައި ވެރިކަން ކޮށްފައިވާ ބައެއްކަމަށް ވިދާޅުވިއެވެ. އޭގެ އިތުރުން ދުނިޔެއަށް ތައާރަފްވެފައިވާ ޓެކްނޮލޮޖީއާއި އުފެއްދުންތެރިކަމަކީ މުސްލިމުންގެ ކާބަފައިން ދުނިޔެއަށް ދޫކޮށްފައިވާތަކެތިކަމަށް މިނިސްޓަރވިދާޅުވިއެވެ.


މުސްލިމުންގެ މެދުގައި އޮންނަންޖެހޭ ގުޅުމުގެ މައްޗައް އިޝާރާތް ކުރައްވާ އިސްލާމިކް މިނިސްޓަރ ވިދާޅުވި މުސްލިމުންނަކީ އެއްހަށިގަނޑެއްގެ ވެރިބައެއްކަމަށް ކީރިތި މާތް ނަބިއްޔާ ވިދާޅުވެފައިވާކަމަށާއި، އެގޮތުން އިންސާނެއްގެ ހަށިގަނޑުގެ ގުނަވަނެއްގައި ވޭންއަޅާކަމުގައި ވާނަމަ އެކަމުގެ އަސަރު މުޅި ހަށިގަނޑައް ކުރާނެ ކަމުގެ މިސާލު އެކަލޭގެ ފާނު ދައްކަވާފައިވާ ކަމަށް ވިދާޅުވިއެވެ. އަދި އިރުމަތީގައި ދިރިއުޅޭ މުސްލިމަކަށް ކަމެއްވެއްޖެނަމަ ހުޅަނގުގައި ދިރިއުޅޭ މުސްލިމުންނަށް އެކަމުގެ އަސަރު ކުރާނެކަމަށް ވިދާޅުވެ މިއަދު ދިވެހިރާއްޖެއިން ދައްކައިދެނީ އެކަމުގެ ލާމަސީލު މިސާލެއް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. 

މީގެ އިތުރުންވެސް މިނިސްޓަރ ވިދާޅުވީ ﷲގެ މަގުގައި ފައިސާ ފޮއްޗެއްގެ މިންވަރުންވެސް އަތުން ކުރެވޭ ހޭދައަކީ ގެއްލޭއެއްޗެއް ނޫންކަމަށާއި، މުސްލިމެއްގެ ވޭނާއި ކެކުޅުމަށް އެހީވުމުގެ ގޮތުން ދެވޭ އެއްޗެއްކަމަށެވެ.

އެހެންކަމުން ހެޔޮނިޔަތުގައި އިޚްލާސްތެރިކަމާއިއެކު މުސްލިމަކަށް އެހީތެރިވެއްޖެނަމަ އެކަމުގެ ސަވާބާއި ހެޔޮދަރުމަ ދުނިޔެ މަތިންނާއި އަދި އާޚިރަތުގައިވެސް އެމީހަކަށް ދެއްވާނެކަމަށް މިނިސްޓާރ ވިދާޅުވިއެވެ. އަދި އެފަދަ އެތައް ހާދިސާތަކެއް އިސްލާމީ ތާރީޚްގައިވެސް ހިނގާގޮސްފައިވާކަމަށާއި، މުސްލިމެއްގެ ހާޖަތުތައް ފުއްދަވައި ދެއްވައިފިނަމަ ﷲގެ ރުހިވޮޑިގަތުން އެމީހަކަަށް ލިބޭނެކަމަށް ކީރިތި މާތް ރަސޫލާ ޙަދީސްފުޅު ކުރައްވާފައިވާކަމަށް އަދި އެއީ އުފާކުރަން ޖެހޭކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.