ބާގީން ޣާޒީންނަށް ވެ ނިމިއްޖެ!

އޮންވިހި ސަތޭކަ އަށްޑިހަ އަށްވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު އިރު ފެނުން ތޮޅެލީ ދިވެހިންނަށް ބިރުވެރި ނާމާން ދުވަހެއްގެ ގޮތުގައެވެ. ބޭރު ކުލީ ސިފައިންގެ ބަޔަކާ ގުޅިގެން ދިވެހި ޚާއިނުންތަކެއް އިސްވެ ތިބެގެން ރާއްޖެ އަށް ދިން އުދުވާނީ ހަމަލާއަކީ އެއްވެސް ކުށެއް ނެތް ނަވާރަ ދިވެހިއްސެއް ޝަހީދުވެގެން ދިޔަ ހިތާމަވެރި ދުވަހެކެވެ.

އެ ނިރުބަވެރި ހަމަލާ ދިވެހިރާއްޖެއަށް ދިނުމުގައި އިސްކޮށް ހަރަކާތްތެރިވި މީހުންނަށް ޝަރީއަތްކޮށް ހުކުމް އިއްވިގެން ދިޔައިރު އެ ޝަރީއަތުގައި އެންމެ ދިގު މުއްދަތެއް ހުކުމެއް އިއްވުނީ އެ ހަމަލާގެ މޭސްތިރިކަމުގައިވާ ހ.ހާޖަރާގެ އަބްދުﷲ ލުޠުފީ އާ އޭނާއާއެކު އެންމެ ކައިރިން މަސައްކަތް ކުރި ސ.ހިތަދޫ ޕެރިސް ހޮލިޑޭ އަހުމަދު ނާސިރުއަށެވެ. އެއީ އުމުރު ދުވަހުގެ ޖަލު ހުކުމެކެވެ. ނަމަވެސް އޭރު އުމުރު ދުވަހެއްގެ ގޮތުގައި ކަނޑައެޅިގައި އޮންނަނީ 25 އަހަރެވެ.

ކޮންމެ އަކަސް އުމުރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ދަނިކޮށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބާޣީ އަބްދުﷲ ލުޠުފީ ބޭސްފަރުވައަށް ކަމަށް ބުނެ ސްރީލަންކާއަށް ދިއުމުގެ ހުއްދަ ދެއްވިއެވެ. އެ ދިޔަ ގޮތަށް އޭނަ ސްރީލަންކާގައި ފިލިއެވެ. އެކަމާ އޭރުގެ ސަރުކާރުން މާބޮޑަށްކަށް އަޅާލަމުން ގެންދެވި މަންޒަރެއް ނުފެނުނެވެ.

ނަމަވެސް ރައީސް ޔާމީންވެރިކަމަށް ވަޑައިގެން ލުޠުފީ ހޯދަން މަސައްކަތް ފެއްޓެވިއެވެ. އޭނާއަކީ 19 ދިވެއްސެއްގެ ލޭ އޭނާގެ އަތުގައި ހޭކިފައި ހުރި ޤައުމުގެ ޣައްދާރެއްކަން އެކަމަނިކުފާނު ހަނދުމަ ހުރި ކަމުންނެވެ. އޭނަ ހޯދަން އިންޓަރޕޯލު ރެޑް ނޯޓިސް ނެރެ ދިހަ ހާސް ޑޮލަރުގެ އަގުހުރި އިނާމެއްވެސް އޭނާ ހޯދި މީހަކަށް ހުށަހެޅުނެވެ. ނަމަވެސް ބަޔަކު ހިމަޔާތް ދީގެން ފިލުވި މީހާ ހޯދަން އޭރު ސްރީލަންކާއިން ވެސް މާބޮޑު އެހީތެރިކަމެއް ނުލިބުނު ކަމުގެ މައުލޫމާތު ލިބެއެވެ.

ކޮންމެ އަކަސް ނުވަ އަހަރުފަހުން ގެއްލުނު އެއްކަލަ ލުތުފީ ކުއްލި އަކަށް ފާޅުވިއެވެ. ޖޫން މަހުގެ ތޭވީސް ވަނަ ދުވަހު ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ދިވެހި ރައްޔިތުންގެ ލޯ ހުޅުވާދެއްވިއެވެ. ނިރުބަވެރިޔާ އަބްދުﷲ ލުޠުފީ ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ޑިޕްލޮމެޓުންގެ ފެންވަރުގައި ދިރިއުޅެމުންދާ ކަމަށް ވިދާޅުވެ އުމަރު ކުރެއްވި ފޭސްބުކް ޕޯސްޓައެކު މިސަރުކާރުގެ ބޭފުޅުން ހިމާޔަތް ކުރައްވަމުން ގެންދެވި ބާޤީގެ ވާހަކަ މުޅި ޤައުމަށް ފަޅާއެރިއެވެ.

އެހާ ހިސާބުން ފުލުހުން ވިދާޅުވީ އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ. ނަމަވެސް ބޭރު ޤައުމެއްގައި ހުރި ކުށްވެރިއަކު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ނަމަ ފުރިހަމަ ކުރަން ޖެހޭ ކަންތައްތަކެއް އޮވެއެވެ. އެގޮތުން ހިއުމަން ރައިޓްސް ކޮމިޝަނަށް އެންގުން ފަދަ ކަންކަން ހިމެނެއެވެ. ނަމަވެސް އެއިން ކަމެއްވެސް ފުރިހަމަ ކުރެވިފައެއް ނުވެއެވެ. މީގެ އިތުރުން އޭނާ އެތާގައި ދިރިއުޅޭތާ ފަންސާސް ހަތަރު ދުވަސް ވެގެން ދިޔައިރުވެސް އޭނާގެ އެއްވެސް މައުލޫމާތެއް ސަރުކާރުން ހިއްސާކޮށްފައި ނުވެއެވެ.

ކަންމިހެން ހުރިއިރު އޭނާ އަކީ ފިލައިގެން އުޅޭ މީހަކަށްވީއިރު އޭނާ ސްރީލަންކާގެ އެމްބަސީގައި ބަހައްޓަފއި ހުރީ ޑިޕްލޮމެޓުންގެ ފެންވަރުގެ ޚިދުމަތް ލިބޭ ގޮތަށެވެ. އެގޮތުން އެނާ ނިދަން ސަފީރުގެ ކޮޓަރި އާ ޖެހިގެން ހުންނަ ކޮޓަރީގައި އިންތިޒާމުތައް ހަމަޖައްސާފައި ހުރި އޭނާ ތަންތަނަށް ދިއުމުގައި ބޭނުން ކުރަމުން ދިޔައީ ސްރީލަންކާގެ އެމްބަސީގައި އޮންނަ ޑިޕްލޮމެޓުން ދަތުރުކުރުމުގައި ބޭނުންކުރާ ކާރުކޮޅެވެ. ނަމަވެސް އޭނާ އެފެންވަރުގައި ބަހައްޓަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ކަމާ ބެހޭ މާހިރުން ވިދާޅުވެފައިވެއެވެ.

އެގޮތުން ކުށްވެރިއަކު ބަންދުގައި ބަހައްޓަން ޖެހިއްޖެނަމަ އެކަމުގެ އިންތިޒާމުތައް އެމްބަސީގައި ހަމަޖެހިފައި ހުންނާނެ ކަމަށް ކުރީގެ އެމްބަސެޑަރު މުހައްމަދު ހުސެއިން ޝަރީފުވަނީ ވިދާޅުވެފައެވެ. އެމްބަސީގެ ބޭސްމަންޓުގައި ކުށްވެރިން ބެއްޓުމަށް ޚާއްސަ ކޮޓަރިއެއް ހުންނާނެ ކަމަށް މުންދު ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ޤައުމަށް ޣައްދާރުވި ޚާއިނަކު އިއްޒަތުގައި ބަހައްޓައި އޭނާގެ މައުލޫމާތު މި ސަރުކާރުން ސިއްރުކުރީ ކީއްވެތޯ މިއީ އުފެދޭ ސުވާލެކެވެ. ސުވާލުގެ ޖަވާބު ވަރަށް ސާފުކަމަށް ސިޔާސީ މަޞްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނަން ފެށިއެވެ. ޕޮލިސް ކޮމިޝަނަރ އަދި ރައީސުލްޖުމްހޫރިއްޔާ އާ ދެބޭފުޅުން އެއްބަސް ކިޔުއްވާ އަބްދުﷲ ލުޠުފީ ހިމާޔަތްކުރީއެވެ. ބަފައިބެގެ ޕުރާނީ ދޯސްތަކަށް ވުމުންނެވެ.

ލަންކާގައި ހިނގި އީސްޓރަ ބޮމްބިންގެ ހާދިސާއަށް ފަހު އެޤައުމުގެ ފުލުހުން ހިންގަން ފެށި ބަލާ ފާސްކުރުމުގެ އޮޕރޭޝަންގައި ލުޠުފީގެ ގޭ ދޮރުގައި ޓަކި ޖަހައިފިނަމަ އޭނާ މުޅި އުމުރަށް ބެދިގެން ދާނެކަން އެނގުމުންނެވެ. އެއީ އޭނާ ލަންކާގއި ދިއިރުޅެމުން ދިޔައީ ޞައްހަ ލިޔެކިޔުންތަކާ ނުލާ ކަމުގައި ވުމުންނެވެ

ކޮންމެއަކަސް ބާޤީއަކަށް ބަފައި ކިޔުއްވާ ދެ ބޭފުޅުން އިސްވެ ތިއްބެވި ސަރުޚާރަކުން ބާގީއަކަށް ހިމާޔަތް ދީފިއެވެ. މި ސަރުކާރުގެ މީހުންނަށް ބާޣީން ގާޒީންނަށް ވެ ނިމިއްޖެއެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...