އައިޔޫއެމް އުވާލަން އެމްޑީޕީ މެމްބަރުން ހުށަހެޅުއްވި އިސްލާހަށް ރައީސް ޞާލިހު ދެކޮޅު ހައްދަވައިފި

މި ސަރުކާރަށް މިވީ ކުރު މުއްދަތުގެ ތެރޭގައި ފާހަގަވާ އެއް ކަމަކީ ސަރުކާރުގެ އެކި ދިމަ ދިމާލުގައި ހުރި ޚިޔާލު ތަފާތުވުންތަކެވެ. އެއް ބޭފުޅަކު ވަކި ގޮތަކަށް ކަމެއް ކުރައްވާނެ ކަމަށް ވިދާޅުވެފައި ވަނިކޮށް، އެހެން ބޭފުޅަކު އޭގެ ދިމާ އިދިކޮޅަށް ބަސް ވިދާޅުވާ މަންޒަރު ފެންނަނީ މަދެއް ކޮށެއް ނޫނެވެ. ދާދި ފަހުން ރައްޔިތުންގެ މަޖިލީހުގައި އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނަށް ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ހުށަހެޅުއްވި އިސްލާހުގައި އައިޔޫއެމް އުވާލުމާ ގުޅޭގޮތުން ވެސް ސަރުކާރުން މިވަނީ އިތުރު ގޮތަކަށް ބަސް އިވެން ފަށާފައެވެ.

ސަރުކާރު ނިސްބަތްވާ މައި ޕާޓީ އެމްޑީޕީގެ ފަރާތުން އިސްލާމިކް ޔުނިވަރސިޓީގެ ޤާނޫނަށް ހުށަހެޅުއްވި އިސްލާހުން ދޭހަވަނީ އެންމެ ކަމެކެވެ. އެއީ އެ ބޭފުޅުންގެ ވިސްނުމަކީ ރާއްޖޭގައި ދީނީ އިލްމު ފަތުރާ ދަންމަރެއްގެ ގޮތުގައި ހުރި އިސްލާމިކް ޔުނިވަރސިޓީ އުވާލުން ކަމެވެ. އެ އިސްލާހާ ގުޅޭ ގޮތުން ބަހުސްކުރި މެމްބަރުންގެ ފަރާތުން ވެސް އިވުނީ ހަމަ އެފަދަ އަޑުތަކެކެވެ. ނަމަވެސް އެތެރޭގެ ޚިޔާލު ތަފާތުވުންތައް ގިނަ ކަމުގެ ރިކޯޑެއް ދަމަހައްޓަމުންދާ މި ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރުން ދައްކާ ވާހަކަތަކާއި ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ދައްކަވާ ވާހަކަފުޅުތަކާ މުޅިން ތަފާތެވެ.

އެގޮތުން މި ސަރުކާރުން އައިޔޫއެމް އުވާލަން އުޅޭކަމުގެ އަޑުތައް ގަދަވުމާއެކު އެކަމާ ގުޅޭގޮތުން ޓުވިޓަރ މެދުވެރިކޮށް ރައީސް ޞާލިހު ދެއްވީ ވަރަށް ކުރު އަދި ނުސީދާ ޖަވާބެކެވެ. އެ ޓުވީޓުގައި ރައީސް ޞާލިހު ވިދާޅުވީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ހިންގުން މެދުކަނޑާ ނުލާ ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށާއި ތައުލީމަށް ހުޅުވިފައިވާ އެއްވެސް ފުރުސަތެއް މި ސަރުކާރުން ބަންދު ނުކުރައްވާނެ ކަމަށެވެ.

އައިޔޫއެމްގެ ހިންގުން މެދުކަނޑާ ނުލައްވާނެ ކަމަށް ރައީސް ޞާލިހު ވިދާޅުވި ނަމަވެސް، އެ ޔުނިވަރސިޓީ ކުރިއަށް ގެންދާނީ މިހާރު ހުރި ގޮތަށް ވަކިން ކަމެއް އަދި އެތަން ބަންދު ނުކުރައްވާނެ ކަމެއް ވެސް ރައީސް ޞާލިހުގެ ޓުވީޓުގައި ސާފު ކޮށްދެއްވާފައި ނުވެއެވެ،

ސަރުކާރުގެ އެންމެ އިސް ފަރާތް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާގެ އެ ޓުވީޓުގައި އައިޔޫއެމް ހިންގުން މެދުކަނޑާނުލާ ކުރިއަށް ގެންދިއުމަކީ ސަރުކާރުގެ ސިޔާސަތު ކަމަށް ވިދާޅުވެފައިވާއިރު، ސަރުކާރު ހިންގާ މައި ޕާޓީގެ މެމްބަރުން އައިޔޫއެމް އުވާލުމާ ގުޅޭގޮތުން މަޖިލީހަށް ހުށަހެޅުއްވި އިސްލާހާ އެމަނިކުފާނުގެ ޚިޔާލު ވަރަށް ވެސް ތަފާތުކަން އެ ޓުވީޓުން ހާމަވެގެންދެއެވެ.

ރައްޔިތުންގެ ފަރާތުން އެ މައްސަލައިގައި ކުރިމަތިވި ޕްރެޝަރުގެ ސަބަބުން ރައީސް ޞާލިހު ކުޑަކަކޫ ޖައްސަވަން ޖެހިވަޑައިގަތީ ކަމަށް ބައެއް ފަރާތްތަކުން ވަނީ އެ ޓުވީޓަށް ރިޕްލައިކޮށްފައެވެ. އަދި މަޖިލީހުން ކޮންމެ ގޮތަކަށް ބިލެއް ފާސްކުރިއަސް އެ ބިލް ޤާނޫނެއްގެ ގޮތުގައި އުފަންވާނީ ރައީސަކު އެ ބިލެއް ތަސްދީޤު ކުރެއްވުމުން ކަމަށާއި އެހެންކަމުން އައިޔޫއެމް އުވާނުލެވޭނެ ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ.

މި މައްސަލައިގައި އެމްޑީޕީ މެމްބަރުންގެ ޚިޔާލާ ރައީސް ޞާލިހުގެ ޚިޔާލުފުޅާ ތަފާތުވެފައިވާއިރު، އައިޔޫއެމް މިހާރު އޮތް ގޮތަށް ވަކިން ބާއްވަން މަސައްކަތް ކުރައްވާނެ ކަމަށް މި ސަރުކާރުގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ވަނީ ވިދާޅުވެފައެވެ، އަދި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީން ވެސް އެ އިސްލާހަށް ފާޑުކިޔާފައިވާއިރު، ކޯލިޝަނާ ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް، ކުރީގެ އިސްލާމިކް މިނިސްޓަރު އަދި އައިޔޫއެމްގެ ކުރީގެ ޗާންސެލަރު ޑރ. ޝަހީމް އަލީ ސައީދު އަދި ގިނަ އަދަދެއްގެ ދީނީ އިލްމުވެރިން ވެސް ވަނީ އެ އިސްލާހަށް ފާޑުވިދާޅުވެފައެވެ.

ކޮންމެއަކަސް މި މައްސަލައިގައި ވެސް ސަރުކާރުގެ ތެރޭގައި މިވަނީ ބޮޑު ޚިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. މަޖިލިސް އިންތިހާބުން ފެށިގެން ރައީސް ޞާލިހުއާއި މަޖިލީހުގެ ރައީސް މަޤާމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދުއާ ޚިޔާލު ތަފާތުވުވާ މަންޒަރު ފެންނަމުންދާއިރު، އެކިއެކި މައްސަލަތަކުގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ފާޅުކަންބޮޑު ގޮތެއްގައި ގޮން ޖައްސަވަމުން ގެންދަވާ މަންޒަރު ދަނީ ފެންނަމުންނެވެ. ރައީސް ޞާލިހުއާއި ނަޝީދާ ދެމެދު ހިނގާ މިފަދަ ދެބަސްވުންތަކުގެ ސަބަބުން މިހާރު ފެންނަނީ އެ ދެބޭފުޅުންގެ މެދުގައި ފިނި ހަނގުރާމައެއް ކުރަމުންދާ މަންޒަރެވެ،


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...