އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 އިން މިސްރު، ޖާގައެއް ކަށަވަރުކޮށްފި

ކޮންގޯގެ މައްޗަށް މިސްރުން ހޯދި މޮޅާއެކު އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފިއެވެ.

އެ މެޗުން މިސްރު މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގެ ދެ ލަނޑު ވެސް މިސްރުން ކާމިޔާބުކުރީ މެޗުގެ ފުރަތަމަ ހާފުގެ ތެރޭގައެވެ.

އެގޮތުން މެޗުގެ 25 ވަނަ މިނެޓުގައި ސަލާހު ނަގައިދިން ހުރަހަކުން އައި ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވާލައިގެން މިސުރަށް ލީޑު ނަގައިދިނީ އެސްޓަން ވިލާގެ ޑިފެންޑަރު އަހްމަދު އަލް މުހައްމަދީއެވެ. އަދި ޓްރެޒެގޭ ފަހިކޮށްދިން ފުރުސަތަކުން މެޗުގެ 43 ވަނަ މިނެޓުގައި މިސްރުގެ ދެވަނަ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ސަލާހުއެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ދެ މެޗުން ވެސް މިސްރު މޮޅުވެފައިވާއިރު، ފަހު މެޗުގައި އެ ޓީމުން ބައްދަލުކުރާނީ ހަތަރު ޕޮއިންޓާއެކު ގްރޫޕް އޭގެ ދެވަނައިގައި އޮތް ޔުގެންޑާއާއެވެ. އެ މެޗު ކޮންމެ ނަތީޖާއަކުން ނިމުނަސް މިސްރަށް ގަދަ 16 އިން ޖާގައެއް ލިބޭނެއެވެ.

މިސްރުގެ އިތުރުން ގްރޫޕް ބީގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެގެން ނައިޖީރިއާ ވެސް ވަނީ ގަދަ 16 އިން ޖާގައެއް ކަށަވަރުކޮށްފައެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...