ސަރުކާރުން ލުތުފީ ގެންގުޅުނީ ފޮރުވައިގެން - ޕީއެންސީ

ނޮވެމްބަރު 3 ގެ  އުދުވާނީ ހަމަލާ ދިނުމުގެ މޭސްތިރިޔާ، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ސަރުކާރުން ގެންގުޅުނީ ފޮރުވައިގެން ކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ބުނެފިއެވެ.

ޕީއެންސީން ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ އެތަކެއް ދިވެހިން ފުރާނަ ދުއްވާލީ ޚާއިނު އަބުދުﷲ ލުތުފީއަށް ސަރުކާރުން ފުރިަހަމައަށް ހިމާޔަތްދީ، ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި އޭނާ ފޮރުވައިގެން ގެންގުޅޭތާ 3 މަހަށްވުރެ ގިނަ ދުވަސްވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ސަރުކާރުން އެކަން ސިއްރުކޮށް ރައްޔިތުންނަށް އޮޅުވާލަމުންދާ ކަމަށް ޕީއެންސީން ބުނެއެވެ.

ނޮވެންބަރު 3 ގެ އުދުވާނުގައި 19 ދިވެހިން ޝަހީދުކޮށްލި ހާދިސާގައި އުމުރަށް ޖަލަށް ލާން ހުކުމްކޮށްފައިވާ ލުތުފީއަށް ސަރުކާރުން ހިމާޔާތްދީ ލަންކާގައި ހުންނަ ދިވެހި އެމްބަސީގައި ފޮރުވައިގެން ގެންގުޅުނީ ކޮން ހައިސިއްޔަތަކުންތޯ ޕީއެންސީން ވަނީ ސުވާލު އުފައްދާފައެވެ.

ޕީއެންސީން ބުނީ މެއި މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ލުތުފީ އެމްބަސީގައި ބަހައްޓާފައިވަނީ ކޮން ހަމައަކާއި ކޮން އުސޫލަކުންތޯއާއި އަދި ބައިނަލްއަގްވާމީ ކޮން މުއާހަދާއެއްގެ ދަށުންތޯ ދިވެހި ޚާރިޖިއްޔާއާ ސުވާލު އުފައްދާ ކަމަށެވެ. އަދި އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވުމުން ލުތުފީ ރާއްޖެ ގެނައުމުގައި ފުރިހަމަ ކުރަންޖެހެނީ ކޮން އިޖުރާއަތުތަކެއްކަން ތަފްސީލްކޮށް ބަޔާންކޮށްދިނުމަށްވެސް ޕީއެންސީން އެދިފައިވެއެވެ.

މި މައްސަލައާ ގުޅޭގޮތުން މިއަދު ދިވެހި ޚާރިޖިއްޔާއިން ނެރެފައިވާ ނޫސްބަޔާނަކީ އެއްވެސް ތާކުންތާކުޖެހޭ ބަޔާނެއް ނޫން ކަމަށާއި ލުތުފީއަކީ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާއާ ގުޅިގެން އުމުރު ދުވަހުގެ ޖަލުހުކުމެއް ތަންފީޒު ކުރަމުންދަނިކޮށް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ބޭސްފަރުވާއަށް ސްރީލަންކާއަށް ފޮނުވުމުން ފިލައިގެން އުޅޭކަމަށް އޭރުގެ ސަރުކާރުން އިއުލާންކޮށްފައިވާ ކުށްވެރިއެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

އެހެންކަމުން، އޭނާ އަމިއްލައަށްވިޔަސް އަދި އެެހެންގޮތަކުން ވިޔަސް ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވާން އެދުމުން އެކަން ދިވެހިރާއްޖޭގެ މީޑިއާތަކަށާއި ދިވެހި ރައްޔިތުންނަށް ސަރުކާރުން ވަގުތުން ހިއްސާކުރަންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖެ ކޮމަންވެލްތުން ވަކިވެފައި އޮތުމަކީ ރާއްޖެއާއި ސްރީލަންކާއާ ދެމެދު ވެފައިވާ އެއްވެސް ބައިލެޓްރަލް އެގްރީމަންޓަކަށް އޭގެ ސަބަބުން ބުރޫއަރާނެ ކަމެއް ނޫން ކަމަށާއި އަދި ދެ ގައުމުގެ ދެމެދުގައި ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމަކާ ކޮމަންވެލްތުގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ ނެތުމަކާ އެއްވެސް ގުޅުމެއްނެތް ކަމަށް ބަޔާނުގައި ވެއެވެ. އެހެންކަމުން ދެގައުމުގެ ދެމެދުގައި ވެފައިވާ ކުށްވެރިން ބަދަލުކުރުމުގެ އެއްބަސްވުމުގެ ސައްހަކަމާމެދު ސުވާލު އުފެދޭނެ އެއްވެސް ޖާގައެއްނެތް ކަމަށާއި އަދި މިސަރުކާރު ވެރިކަމާ ހަވާލުވިފަހުންވެސް ރާއްޖެއާ ސްރީލަންކާއާ ދެމެދު ކުށްވެރިން ބަދަލުކުރެވިފައިވާކަން ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.

ލުތުފީ ދެ މަސްދުވަސް ވަންދެން ލަންކާގައި ހުންނަ އެމްބަސީގައި ބަހައްޓައި އެކަން ސިއްރުކޮށްގެން ތިބުމަކީ މި ސަރުކާރުން ދިވެހިރައްޔިތުންނަށާއި ނޮވެމްބަރު 3 ގައި ޝަހީދުވި 19 އަބްތޯލުންނަށާއި އެ އަބްތޯލުންގެ އާއިލާތަކަށް ވެފައިވާ އިންސާފުން އެއްކިބާވެފައިވާ ހަޑިމުޑުދާރު އަމަލެއް ކަމަށް ޕީއެންސީން ބުންޏެވެ. އަދި އެކަން ދިވެހި ސަރުކާރުން ހާމަކޮށްފައިވަނީ ސޯޝަލް މީޑިއާގައި ލުތުފީ ސްރީލަންކާގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގައި ހުރިކަމުގެ ވާހަކަތަކެއް ފެތުރުމުން ކަމަށާއި ލުތުފީ ހޯދުމަށް ކުރާ މަސައްކަތްތަކާ ބެހޭގޮތުން މި ސަރުކާރުގެ ހޯމް މިނިސްޓަރާ ސުވާލުކުރުމަށް 16 ޖޫން 2019ގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު މަޖިލީހަށް ހުށައަޅުއްވާފައިވާއިރުވެސް މިމައްސަލައިގައި މިސަރުކާރުން އެއްވެސް އެއްޗެއް ނުބުނެ ހަނުުރުމަކީ ސަރުކާރުގެ އިޚްލާސްތެރި ކަމާމެދު ސުވާލު އުފެދޭ ކަމެއް ކަމަށް ބަޔާނުގައި ވެއެވެ.

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާގެ ސަބަބުން ލުތުފީ ގެނައުމުގައި ދަތިތަކެއް ކުރިމަތިވާ ކަމަށް ޚާރިޖިއްޔާގެ ބަޔާނުގައި ބަޔާންކޮށްފައިވާއިރު، ބޮމުގެ ހަމަލާއާ ގުޅިގެން ލަންކާގައި ހައްޔަރުކުރެވުނު ދިވެހިންގެ ކަންކަންވެސް ދެ ސަރުކާރުގެ ދެމެދުގައި ކުރެވުނު މަޝްވަރާތަކާއެކު ހައްލުކުރެވިފައިވާ ކަމަށް ބުންޏެވެ. އެހެންކަމުން ލަންކާގެ ބޮމުގެ ހަމަލާގެ ސަބަބުން ލުތުފީ ގެންނަން ދަތިތަކެއް ހުރިކަމަކަށް ނުދެކޭ ކަމަށްވެސް ބަޔާނުގައި ބުނެފައިވެއެވެ.

ޕީއެންސީގެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ލުތުފީ އެމްބަސީއަށް ގޮސްފައިވަނީ ލަންކާއަށް ދިން ބޮމުގެ ހަމަލާގެ މާކުރިންކަމާއި، އޭނާ އެމްބަސީގައި ހުންނަތާ 3 މަސްދުވަހާ ގާތްވެފައިވާކަން އިތުބާރުހުރި މަސްދަރުތަކުން ކަށަވަރުވެއެވެ. އަދި ދާދިފަހުން ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި އެމްޑީޕީގެ ވަފުދެއް ލަންކާއަށް ކުރި ދަތުރުގައި ލުޠުފީގެ މައްސަލައާއި ގުޅޭގޮތުން މަޢުލޫމާތު ލިބިފައިވާކަންވެސް ކަށަވަރުވެއެވެ.

ދިވެހި ސަރުކާރުން މިމައްސަލައިގައި ރައްޔިތުންނަށް އޮޅުވާލުންތަކެއް އޮޅުވާލައި، ގަސްތުގައި ލުތުފީ ފޮރުވައިގެން ގެންގުޅެފައިވާކަމީ، ހާމަކަންބޮޑު ގޮތެއްގައި އެނގެން އޮތް ހަގީގަތެއް ކަމަށެވެ. އަދި 19 ދިވެހިން ޝަހީދުކޮށްލި ގާތިލަކު ފޮރުވައިގެން، އެކަން ސިއްރުކޮށް، ހިންގާއިފައިވާ ޖަރީމާއަށް ދިވެހި ރައްޔިތުންގެ ކިބައިން މައާފަށް އެދުމަށް ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ލުތުފީ ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާއިރު، ފޮރިން މިނިސްޓްރީން ބުނެފައިވަނީ ލަންކާއިން ލުތުފީ ނިގެނެވި ލަސްވަނީ އޭނާ އދ ގެ ހިމާޔަތް ހޯދުމަށް މަސައްކަތް ކޮށްފައިވުމާއި ސައްޖަ ވިސާނެތި ލަންކާގައި އުޅުމުގެ އިތުރުން އޭނާ ހޯދުމަށް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެފައިވާތީ، ބައިނަލް އަގްވާމީ އިޖްރާތްތައް ފުރުހަމަ ކުރުމަށް ދަތިތަކެއް ހުރުމުން ކަމުގައެވެ.

19 ދިވެހިން ޝަހީދުކޮށްލި ނޮވެމްބަރު ތިނެއްގެ ހަމަލާގައި ބައިވެރިވި އަބްދުﷲ ލުތުފީ އުމުރަށް ޖަލަށް ލާފައިވަނިކޮށް ފިލާފައިވަނީ، 16 ޖެނުއަރި 2010 ވަނަ ދުވަހު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފޮނުވުމުންނެވެ.


މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
ގުޅުން ހުރި
Loading...